"ހަބޭސް" ޖަލްސާއަށް ސަރުކާރުން ހަރަދުކުރުމަކީ މައްސަލައެއް ނޫން: އޭސީސީ
"ހަބޭސް" ޖަލްސާއަށް ސަރުކާރުން ހަރަދުކުރުމަކީ މައްސަލައެއް ނޫން: އޭސީސީ

ސަރުކާރަށް ތިން އަހަރު ފާހަގަކުރުމަށް މިދިޔަ ނޮވެމްބަރު މަހު "ހަބޭސް" ގެ ނަމުގައި ބޭއްވި ޖަލްސާ އިންތިޒާމްކުރީ ސަރުކާރުން ކަމަށާއި އެހެންވެ އެ ޖަލްސާއަށް ސަރުކާރުން ހަރަދުކޮށް، މުވައްޒަފުން ބައިވެރިވާން އެންގުމަކީ މައްސަލައެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީން މިގޮތަށް ނިންމީ، ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާއަށް ސަރުކާރުން ހަރަދު ކުރުމާއި ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޖަަލްސާއަށް ހާޒިރުވުމަށް މަޖުބޫރު ކުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅީ ޝަކުވާ ބެލުމަށް ފަހުގަ އެވެ.

އޭސީސީން ނިންމާފައި ވަނީ މި ޖަލްސާގައި ކޮރަޕްޝަނުގެ އަމަލެއް ނެތް ކަމަށެވެ.

އެ ކޮމިޝަނުގެ ނިންމުމުގައި ބުނީ ޖަލްސާ ބޭއްވުމުގެ ކުރިން، އެއީ ސަރުކާރުން އިންތިޒާމުކުރާ ކަމެއްކަން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، އެއީ ސަރުކާރުން ބޭއްވި ޖަލްސާއަކަށް ވާތީ، ސަރުކާރުން އެކަމަށް ހަރަދު ކުރުމަކީ މައްސަލައެއް ނޫން ކަމަށް އޭސީސީން ބުންޏެވެ.

"...ޖަލްސާއަށް ހާޒިރުވުމަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރި ކަމަށް ޝަކުވާގައި ބަޔާންކޮށްފައިވާތީ، ސަރުކާރުން ބާއްވާ ޖަލްސާއަކަށް، ސަރުކާރުގެ މުވައްޒަފުން ދިޔުމަށް އެންގުމަކީ މައްސަލައެއް ކަމަށް ނުފެންނާތީ، މި ކަމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ބެލެވެން ނެތުމުން މައްސަލަ ނިންމާފައިވާ ވާހަކަ ދެންނެވީމެވެ." މައްސަލަ ނިންމި ގޮތް އެންގި ލިޔުމުގައި ބުނެފައިވެ އެވެ.