ތަށި ހޯދުމުގެ ފުރުސަތު ރޮނާލްޑޯ އަށް ކުޑަ: ޕެލޭ
ތަށި ހޯދުމުގެ ފުރުސަތު ރޮނާލްޑޯ އަށް ކުޑަ: ޕެލޭ

ޕެރިސް، ފްރާންސް (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރަށް ބަލާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޕޯޗުގަލް ތަށްޓާ ހަމަޔަށް ގެންދެވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭ ބުނެފި އެވެ.

ދުނިޔޭގައި މި ވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އަށް ގައުމީ ޓީމާ އެކު ތަށި ނުހޯދެނީ ކީއްވެތޯ އެހުމުން ޕެލޭ ބުނީ އެކަމުގައި އެ ދެ ކުޅުންތެރިންގެ މައްސަލައެއް ނެތް ކަމަށެވެ.

"އިހަށް ދުވަހު ދުށިން ރޮނާލްޑޯ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ހޯދައިދިންތަން. އެކަމަކު ޔޫރޯގައި ޕޯޗުގަލަށް ވުރެ ވަރުގަދަ ޓީމުތައް ތިބުމާ އެކު އޭނާ އަށް އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ކުޑަ. އަހަރެން ވަރަށް އުފާވި 2012 ވަނަ އަހަރު އޭނާ ޕޯޗުގަލް ސެމީ ފައިނަލަށް ގެންގޮސްދިނުމުން،" ޕެލޭ ބުންޏެވެ.

ބްރެޒިލާ އެކު ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ ބުނީ ޔޫރޯގެ ފޭވަރިޓަކީ ޖަރުމަން ކަމަށެވެ. އެކަމަކު ސްޕެއިނާއި ފްރާންސާއި އިންގްލެންޑް އަދި އިޓަލީގެ ނަން ވެސް އޭނާ ފާހަގަކުރި އެވެ.

"ނެދަލެންޑްސް މުބާރާތަށް ކޮލިފައިނުވުމަކީ ދެރައެއް. އޭގެ އެނގެނީ ޔޫރޯގެ ކޮލިފައިންގެ ވާދަވެރިކަން ބޮޑު މިންވަރު،" ޕެލޭ ބުންޏެވެ.

ޕެލޭ ބުނީ މެސީ އާއި ރޮނާލްޑޯ އަށް ގައުމީ ޓީމާ އެކު ތަށި ނުހޯދުނަސް އެ ދެ ކުޅުންތެރިން ތިބީ ރަނގަޅު ޓްރެކުގައި ކަމަށެވެ. އަދި ރޮނާލްޑޯ އަށް ވުރެ މެސީ އުޅެނީ ކުރީގައި ކަމަށް ވެސް ޕެލޭ ބުންޏެވެ.

"މި ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ. އެކަމާ ސުވާލެއް ވެސް ނެތް. ރޮނާލްޑޯ ވެސް އުޅެނީ ވަރަށް ގާތުގައި. އޭނާ އަކީ ތަފާތު ސްޓައިލެއްގެ ކުޅުންތެރިއެއް،" ޕެލޭ ބުންޏެވެ.