18 ނޮވެމްބަރ 2023 - 00:20

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ވަފުދުތަކަށް ޝުކުރު އަދާކުރައްވައި ގުޅުން ރަނގަޅު ވާނެ ކަމުގެ ޔަގީން ކަން އެ މަނިކުފާނު އިއްޔެ ދެއްވައިފި އެވެ.
ރައީސް މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނު ވެރިކަމުގެ ހުވާކުރައްވަން ބޭއްވި ދަރުބާރުގައި 49 ގައުމަކުން 190 މަންދޫބުންނާއި ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކަކުން ބައިވެރިވި ކަމަށެވެ.
"އާ ސަރުކާރަށް ބައިނަލްއަގުވާމީ މުޖުތަމައު އިން ދޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ގުޅިގެން މަސައްކަތް ކުރުމުގެ ސިޔާސަތަކަށް މަސައްކަތް ކުރަން މިތިބީ އަމުޒު ކަނޑައަޅައިގެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު އެ މަނިކުފާނު ދެއްވި ތަގުރީރުގައި ވެސް ވަނީ ގައުމުތަކަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް އެ މަނިކުފާނުގެ ސަރުކާރުން ގައުމުތަކާ އެކު ނުބާއްވާނަން ކަމަށެވެ. ވިދާޅުވީ، އަވަށްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމް ކުރައްވާނެ ކަމަށެވެ. އެކަމަކު، އާ ރައީސް ވިދާޅުވީ، އެ މަނިކުފާނު އަބަދުވެސް "ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން" ކަމަށެވެ.
"އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަން ވާނެ ވެސް ރޮނގެއް. އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމައަށް އިހުތިރާމު ކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތު ވެގެނެއް ނުވާނެ. އެ އިހުތިރާމު ލިބެންޖެހޭނެ،" އަބަދުވެސް އިސްކުރާނީ ރާއްޖެ ކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން."
ގައުމުތަކުގެ ވެރިންގެ ތެރެއިން މިއަދުގެ ރަސްމިއްޔާތަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން ބައެއް ގައުމުތަކުގެ އެންމެ އިސްވެރިޔާގެ ހާއްސަ މަންދޫބުންގެ ގޮތުން ބޭފުޅުން ރާއްޖެ ވަޑައިގަތެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވަފުދަކާއި އެހެން ގައުމުތަކުގެ ވެސް މަތީ ފެންވަރުގެ ބޭފުޅުން ރައީސްކަމުގެ ހުވާ މުއިއްޒު ކުރައްވަން ބޭއްވި ދަރުބާރަށް ވަޑައިގެން ތިއްބެވި އެވެ.