17 ނޮވެމްބަރ 2023 - 19:40

އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް ޕީއެންސީގެ ޗެއާޕާސަން އަބްުދުއްރަހީމް އަބްދުﷲ ދެންމެ އައްޔަން ކުރައްވައިފި އެވެ.
ސީނިއާ މިނިސްޓަރުގެ ފެންވަރުގައި އަބްދުއްރަހީމާ ސްޕެޝަލް އެޑްވައިޒަރުކަމުގެ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ހަފުލާއެއްގައި ރައީސް މުއިއްޒެވެ.
ރައީސް އޮފީހުގައި ދެން އޮތީ ރައީސް މުއިއްޒުގެ ކެބިނެޓް އިއުލާން ކުރެއްވުމެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި 22 ބޭފުޅަކު ކެބިނެޓަށް އައްޔަން ކުރައްވާނެ އެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް އައްޔަން ކުރެއްވި އަބްދުއްރަހީމަކީ މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރައީސަށް ކާމިޔާބު ކޮށްދެއްވުމުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅާ އެވެ. ރައީސް މުއިއްޒާ އެކު ކެމްޕެއިނަށް ހުރިހާ ރަށަކަށް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވަޑައިގަތެވެ.
ރައީސްކަމަށް މުއިއްޒު އިންތިހާބު ކުރުމާ އެކު، ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ވެސް މުއިއްޒު އައްޔަން ކުރެއްވީ އަބްދުއްރަހީމެވެ.