17 ނޮވެމްބަރ 2023 - 20:24

ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމުގެ ހުވާކުރަން ބޭއްވި ރަސްމިއްޔާތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ދެކަނބަލުން ބައިވެރިވެވަޑައިގަތް ވަގުތު، އެ މަނިކުފާނަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން، އާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ކޮޅަށް ތެދުވެވަޑައިގެންނެވުމުން ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.
ޖުމްހޫރީ މައިދާނުގައި ރަސްމިއްޔާތު ފެށުމުގެ ކުރިން، އިއްޒަތްތެރިން އިށީނދެވަޑައިގަންނަވަން ހަމަޖައްސާފައިވާ ގޮނޑިކޮޅާ ހަމައަށް އިބޫ ވަޑައިގެންނެވިއިރު، އަރިހުގައި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު ހުންނެވި އެވެ.
މަޖިލީހުގެ މެމްބަރުން ތިއްބެވި ހިސާބުން، އިބޫ އާއި އެ މަނިކުފާނުގެ އަނިކަނބަލުން ފަޒްނާ އަހުމަދު ހިންގަވާފައި ވަޑައިގެންނެވިއިރު ގިނަ ބޭފުޅުން ތިއްބެވީ އިށީނދެވަޑައިގެންނެވެ. އެކަމަކު ޣައްސާން އިންނެވި ގޮނޑިއާ ހިސާބަށް އިބޫ ވަޑައިގަތުމާ އެކު ޣައްސާން ކުއްލިއަކަށް ކޮޅަށް ތެދުވެވަޑައިގަންނަވަ އެވެ.
ރަސްމިއްޔާތު ޓީވީން ދައްކަމުން ދިޔައިރު، ޣައްސާން ތެދުވެވަޑައިގަތް މަންޒަރު ފެނި ގިނަ ބަޔަކަށް އެކަން ތަފާތު ކަމަކަށްވި އެވެ.
އައްޒާމް ލަތީފް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ "ހަމަ ޔަގީންނުން ވެސް ވަރުގަދަ ބަޔަކު ތަރުބިއްޔަތުކޮށްފައިވާ ދަރިއެއް" ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާނަށް ތައުރީފުކޮށްފައިވާ މި ޕޯސްޓަށް ކޮމެންޓުކުރި ހައިދަރު ކިޔާ މީހަކު ބުނީ ރާއްޖެއަށް ބޭނުންވަނީ އެފަދަ އިހުތިރާމް ކަމަށެވެ. ގައުމިއްޔަތު ބިނާކުރެވޭނީ އިހުތިރާމް ކުރަން ދަންނަ ޖީލެއް ބިނާ ކުރެވިގެން ކަމަށް އޭނާ ބުންޏެވެ.
ނިމިދިޔަ ސަރުކާރުގައި ޕޮލިޓެކްނިކްގެ ސީއީއޯކަން ކުރެއްވި މުހައްމަދު ހާޝިމް މި ޕޯސްޓާ ގުޅޭ ގޮތުން ވިދާޅުވީ ވެރިކަމުން ފައިބައިވަޑައިގެންނެވި ރައީސަށް ޣައްސާން އެ ކުރެއްވި އިހުތިރާމަކީ މިސާލެއް ކަމަށެވެ.
"އެއީ އެންމެ މަތީ ދަރަޖައިގެ އަހްލާގު. އެ މަންޒަރު ފެނުމުން އުފާވެއްޖެ." އެކްސްގައި ޝިމާލް ނަމަކަށް ކިޔާ މީހެއްގެ ޕޯސްޓެއްގައިވެ އެވެ.
އެއްބަޔަކު ބުނި ގޮތުގައި މިއީ މައުމޫނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ތަރުބިއްޔަތުގެ ނަތީޖާ އެވެ.
ކުރީގެ ރައީސަށް އިހުތިރާމް އަދާކުރެއްވުމަށް ޣައްސާން ތެދުވެވަޑައިގަތް މަންޒަރު ފެންނަ ވީޑިއޯ މީޑިއާގައި މިހާރު ވަނީ ވައިރަލް ވެފަ އެވެ.