17 ނޮވެމްބަރ 2023 - 18:23

ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި މިއަދުގެ މަޣުރިބް ނަމާދު ކުރައްވައިފި އެވެ.
އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރައްވާނެ ކަމަށް ބެލެވޭ، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ކުރެއްވި އެ ނަމާދުގެ ޖަމާއަތް ޓީވީން ލައިވްކުރި އެވެ.
ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން ވެސް ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އިސްލާމް ދީނާއި ގައުމިއްޔަތަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވެސް ވަރަށް ގިނައިން ވިދާޅުވި ވާހަކަފުޅެކެވެ.
ރާއްޖޭގެ 8 ވަނަ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވި ގޮތުގައި، އިލްމާއި ހުނަރާއި އަހުލާގާއި ދީނާއި އުޅުންތެރިކަމާއި މަސައްކަތްތެރިކަމަށް ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުމަށް އެ މަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ އެވެ.
ޑރ. މުއިއްޒު ރައީސް ކަމުގެ އަދި ހުސެއިން މުހައްމަދު ލަތީފު ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވީ މިއަަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގަ އެވެ. އެ ރަސްމިއްޔާތުގައި ދައުވަތު ދީގެން ގިނަ ބަޔަކު ބައިވެރިވި އެވެ.