17 ނޮވެމްބަރ 2023 - 17:47

މިއަދު ވެރިކަމާ ހަވާލުވި ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު، ގައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރު ސިފައަކީ ނޫނީ ސޫރަ އަކީ ކޮބައިތޯ ރައްޔިތުން ސުވާލު ކޮށްފާނެ ކަމަށެވެ.

"އަޅުގަނޑު އަދުލުވެރި ވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން،" އެ ސުވާލަށް ދެއްވަން ބޭނުންފުޅުވާ ޖަވާބަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި އުފެދޭ ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ފިޔަވަޅު އަޅާނެ އެވެ. އަދި ސަރުކާރުގެ ދެ ފުށް ފެންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
"ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ. ސިއްރު ކުރުމެއް ވަންހަނާ ކުރުމެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އަށް ވަނަ ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ދެއްވި 20 މިނެޓުގެ ހިތާބުގައި އުމްރާނީ އަދި އިންސާނީ ބިނާ ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ނުވަތަ އެހެން އިބާރާތަކުން ދަންނަވާ ނަމަ، ގެދޮރާއި ދިފާއީ ބުރުޒުތަކާއި މަގުތަކާއި ފާލަންތަކާއި އޮފީސްތައް ބިނާކުރުމާއި ހެޔޮ ވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ އަހުލާގު ރަނގަޅު މުޖުތަމައުއެއް ބިނާކުރުން،" ރައީސް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 3،000 މީހުންނަށް ދައުވަތު ދީގެން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ އިގުތިސޯދީ ގޮތުން ގައުމު މިހާރު ވެއްޓިފައި އަނދަވަޅުން ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވާލައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ގައުމުގެ ދަރަނި 119 ބިލިއަން ރުފިޔާ އަށް އަރާފައިވާ އިރު، ދަރަނީގެ މައްސަލަތައް ހައްލު ކުރައްވަން ހަރުދަނާ އަދި ހަލުއި ފިޔަވަޅުތަކެއް އަޅުއްވާނެ އެވެ.
އޭގެތެރޭގައި، ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމައި އެތަން ހުޅުވުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރުވެ، އިގުތިސޯދަށް ތިޔާގިކަން އަންނާނެ ކަން އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ދިވެއްސެއް ކަމަށާއި އެހެން ގައުމުތައް އަންނާނީ އެއަށް ފަހު ކަމަށާއި، ނަމަވެސް ގައުމުތަކާ ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، އިލްމާއި ހުނަރާއި އަހުލާގާއި ދީނާއި އުޅުންތެރިކަމާއި މަސައްކަތްތެރިކަމަށް ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ އެވެ.