17 ނޮވެމްބަރ 2023 - 16:11

ރައީސް ވިދާޅުވީ އަދުލުވެރިވާނެ ކަމަށާއި ބޭއިންސާފު ނުވާނެ ކަމަށާއި ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށް.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި އެހެން ގައުމުތައް އަންނާނީ އެއަށް ފަހު ކަމަށް ވިދާޅުވި. އެކަމަކު ގައުމުތަކާ ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވި

ރައީސް ވިދާޅުވީ ދީނަށް ލޯބި ޖެއްސުމަށް މަސައްކަތްޕުޅުކުރައްވާނެ. ދީނީ އިލްމުވެރިންގެ ދުލާއި ގަލަށް ޖާގަ ދެއްވާނެ ކަމަށް ވެސް ވިދާޅުވި.

ކޮންމެ ގައުމެއްގައި ވެސް އިލްމުވެރިންނަކީ އެ ގައުމެއްގެ ކުރިބޯށި ކަމަށް ވިދާޅުވެ، ކޮންމެ ދާއިރާއެއްގައި ވެސް ސިޔާސަތު ތަންފީޒު ކުރުމުގައި އެ ބޭފުޅުންނަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި

ރައްޔިތުންގެ ހުށަހެޅުންތަކަށް ކުރިއަށްއޮތް 20 އަހަރުގެ މާސްޓަޕްލޭނެއް ހަދައި އެއަށް ގާނޫނީ ބާރު ހޯދައިދޭނެ ކަމަށް އާ ރައީސް ވިދާޅުވި

ބިންވެރި ކަމާއި ގެދޮރުވެރިކަމަކީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި. މި ފެށުނު ސަރުކާރަކީ ގެދޮރުގެ ރަންޒަމާނެއް ފެނިގެން ދާނެ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވި.

ރައީސް ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދު ކުރާނެ ކަމަށް. ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއްޗަކީ ޓޫރިޒަމް ކަމަށް. ފަރުދީ ފެންވަރުގަ އާއި އާއިލީ އަދި ގައުމީ ފެންވަރުގައި ޓޫރިޒަމުން ފައިދާވާ ކަމަށާއި އެހެންވެ އެ ދާއިރާ އަށް ވަރަށް ބޮޑަށް ސަމާލު ކަން ދޭނެ ކަމަށް.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު، ދުވަހަކު ވެސް ނުދެކޭ ވަރުގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށް. އަދި އެކަމަށް އާ ސަރުކާރު ތައްޔާރަށް އޮތް ކަމަށް ވިދާޅުވި.

ރައީސް ވިދާޅުވީ މި ފެށުނު ރިޔާސީ ދައުރުގައި ދެ ކަމަކަށް ގައުމު ބިނާކުރާނެ ކަމަށް. އެކުލަވާލާ ސަރުކާރު ދެ އަސާސެއްގެ މައްޗަށް އިސްކަން ދޭނެ ކަމަށް.

ރައީސް ޑރ. މުއިއްޒު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ
ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ހުސެއިން މުހަންމަދު ލަތީފު، ނައިބު ރައީސް ކަމުގެ ހުވާ ކުރައްވައިފި. އެމަނިކުފާނަށް ހުވާ ލައިދެއްވީ މަޖިލީހުގެ ރައީސްގެ ހާޒިރުގައި އުއްތަމަފަނޑިޔާރު. ހާޒިރުގައި ރައީސް ޑރ. މުއިއްޒު ހުންނެވި.
ރައީސް ޑރ. މުހަންމަދު މުއިއްޒު އިގުރާރުގައި ސޮއިކުރައްވައިފި
ހުވާ ކުރެއްވުމާ އެކު 21 ބަޑީގެ ސަލާމެއް އެބަ އަރުވާ. އޭގެ ފަހުން ވަނީ ބޭންޑުގައި ގައުމީ ސަލާމް ކުޅެފައި.
ރައީސް ކަމުގެ ހުވާ ޑރ. މުހަންމަދު މުއިއްޒު ކުރައްވައިފި. ހުވާ ލައިދެއްވީ މަޖިލީހު ރައީސްގެ ހާޒިރުގައި އުއްތަމަ ފަނޑުޔާރު ޑރ. މުއުތަސިމް އަދުނާން.
ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ، މަޖިލީހުގެ ޖަލްސާ ފަށައިފި. ޖަލްސާ އަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ 81 މެމްބަރުން. ސަލާމްގައި ހުންނެވީ އެންމެ މެމްބަރެއް. ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް އަސްލަމް
ހުވާ ކުރެއްވުމަށް މުއިއްޒު ވަޑައިގެންފި. ބިޔަ މޮޓޯކޭޑެއްގައި ޖުމްހޫރީ މައިދާނަށް ވަޑައިގަތުމާ އެކު އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު އަސްލަމް. ރަތް ދޫލައިގެ މަރުހަބާއެއް ކި.
ޑރ. މުއިއްޒު ރައީސް ކަމަށް މި ވަޑައިގަތީ، މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި ދެ ބުރުގެ މަތިން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ ވާދަކުރައްވާ. ޑރ. މުއިއްޒަށް 54 ޕަސެންޓް ލިބިޑައިގަތް.
ޑރ. މުހަންމަދު މުއިއްޒު އަކީ ޕީއެންސީގެ ވެސް ފުރަތަމަ ރައީސް. ޕީޕީއެމްގެ ހިޔާވަހިކަމުގައި އުފެދުނު އެ ޕާޓީގެ ރިޔާސީ ޓިކެޓް މުއިއްޒަށް ލިބިވަޑައިގަތީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމާ އެކު އެމަނިކުފާނަށް ވާދަކުރެއްވޭ ގޮތް ނުވެގެން. ޑރ. މުއިއްޒަކީ ޔާމީންގެ ކެބިނެޓްގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅާ ވެސް މެ. އަދި އޭގެ ކުރިން، ޑރ. ވަހީދުގެ ވެރިކަމުގައި ވެސް އެމަނިކުފާނަކީ ހައުސިން މިނިސްޓަރު. އަދި، ރައީސް ކަމަށް ވަޑައިގަތް އިރު ޑރ. މުއިއްޒަކީ މާލޭގެ މޭޔަރު.
ރައީސް ކަމުގެ ހުވާ ޑރ. މުހަންމަދު މުއިއްޒު ކުރައްވަނީ، ދެވަނަ ޖުމްހޫރީ ވެރިކަމުގެ 55 އަހަރުގެ ހަޔާތުގައި އަށް ވަނަ ރައީސްގެ ގޮތުގައި. ދެވަނަ ޖުމްހޫރީ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު 10 އަހަރު، މައުމޫން އަބްދުލްގައްޔޫމް 30، މުހަންމަދު ނަޝީދު ތިން އަހަރު، ޑރ. މުހަންމަދު ވަހީދު ދޮޅު އަހަރު، އަބްދުﷲ ޔާމީން ފަސް އަހަރު އަދި އިބްރާހިމް މުހަންމަދު ސޯލިހު ފަސް އަހަރު ވެރިކަން ކުރެއްވި.
ޑރ. މުއިއްޒު ރައީސްކަމުގެ މަގާމުގެ ހުވާ ކުރައްވަން ޖުމްހޫރީ މައިދާނުގެ ސަރަހައްދަށް ވަޑައިގަތުމަށް ގެކޮޅު ދިމްޔާތުން މޮޓޯކޭޑުގައި މިހާރު ދަތުރުފުޅުފުޅު ކުރައްވަނީ.
ޖުމްހޫރީ މައިދާނުގައި މީގެ ކުރިން ރައީސަކު ހުވާކުރުމުގެ އެއްވެސް ރަސްމިއްޔާތެއް ބާއްވައިފައެއް ނުވޭ. އެންމެ ފަހުން، އިބްރާހިމް މުހަންމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވީ ގަލޮޅު ދަނޑުގައި.
ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަނީ ޖުމްހޫރީ މައިދާނުގައި މި ރަސްމިއްޔާތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސެޓަޕެއްގައި. ގާތްގަނޑަކަށް 3000 މީހުންނަށް ދައުވަތު ދީގެން ބާއްވާ މި ރަސްމިއްޔާތަށް، މުޅި ސަރަހައްދުގައި ވަނީ ގޮނޑި ޖަހާފައި. ސްޓޭޖް ހަދާފައި ހުރީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ އެއްގޮތަށް. މި މަސައްކަތް ކޮށްފައި ވަނީ ސިފައިންގެ ކުންފުނިން.
އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރަސްމިއްޔާތަށް ވަޑައިގެންފި.
ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން ދެންމެ ވަޑައިގެންފި.
މިއަދުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ބައިވެރިވެވަޑައިގަންނަވާ.
ހުވާ ކުރައްވާ ރަސްމިއްޔާތަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ދެކަނބަލުން ވަޑައިގެންފި.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި. ޖުމްހޫރީ މައިދާނުގައި ބާއްވާ މި ރަސްމިއްޔާތަށް ދައުވަތު ދެއްވާފައިވާ ބޭފުޅުން މިހާރު ގެންދަވަނީ މައިދާނަށް ވަޑައިގަންނަވަމުން.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި ބޭރުގެ 46 ގައުމަކުން ވެސް ބައިވެރިވޭ.
ދެ ވަނަ ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސްގެ ގޮތުގައި މިއަދު އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށް މަގާމުގެ ހުވާކުރައްވާނީ 4:45 ގައި.
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު މިރޭ 7:45 ގައި އެ މަނިކުފާނުގެ ކެބިނެޓް ހުވާކުރުން ރައީސް އޮފީހުގައި އޮންނާނެ.