ސަންޖޭ ދަތުގެ މަންމަގެ ރޯލަށް މަނީޝާ ކޮއިރާލާ
ސަންޖޭ ދަތުގެ މަންމަގެ ރޯލަށް މަނީޝާ ކޮއިރާލާ

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ ސަންޖޭ ދަތު ހަޔާތާ ގުޅޭ ފިލްމުގައި އޭނާގެ މަންމަ ނަރްގިސްގެ ރޯލަށް މަޝްހޫރު ފިލްމީ ބަތަލާ މަނީޝާ ކޮއިރާލާ ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ކުރިން ބުނެފައިވަނީ ނަރްގިސްގެ ރޯލު ކުޅެނީ ތައްބޫ ކަމަށެވެ. ނަމަވެސް މުމްބާއީ މިރާ އަށް ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ފިލްމުގައި ނަރްގިސްގެ ރޯލު އަދާކުރާނީ މަނީޝާ އެވެ. މަނީޝާ އަކީ ވަރަށް މޮޅު ރަނގަޅު އެކްޓަރެއް ކަމަށް ހިރާނީ ބުންޏެވެ.

މަނީޝާ ބޮޑު ސްކްރީނުން ނުފެންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް މިދިޔަ އަހަރު އޭނާ ކުޅުނު ތަމަޅަ ފިލްމެއް ރިލީޒްވެފައިވެ އެވެ. މަނީޝާގެ ފާހަގަކޮށްލެވޭ ބޮލީވުޑް ފިލްމަކަށް އެންމެ ފަހުން ރިލީޒްވެފައި ވަނީ 2012 ގައި ނުކުތް ރާމް ގޯޕާލް ވަރުމާގެ "ބޫތުނާތު ރިޓާންސް" އެވެ.

ފަހަކަށް އައިސް މަނީޝާގެ ވާހަކަ ގިނައިން ނޫސްތަކުގައި ލިޔެވިފައި ވަނީ ކެންސަރު ބައްޔާ ދެކޮޅަށް ކުރި މަސައްކަތާ ގުޅުވައިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ކެންސަރަށް ބޭސްކުރުމަށް ފަހު މަނީޝާ ވަނީ މި ބަލިން ސަލާމަތްވެފަ އެވެ.

ނަރްގިސްގެ ރޯލު ކުޅެން މަނީޝާ ޚިޔާރު ކުރި ސަބަބަކީ ވެސް އޭނާ ކެންސަރު ބައްޔާ ކުރި ހިތްވަރުގަދަ ހަނގުރާމަ ކަމަށް ހިރާނީ ބުނެފައިވެ އެވެ.

"ނަރްގިސްގެ ރޯލަށް ވަރަށް ގިނަ ބަތަލާއިން އަހަރެމެން ވިސްނިން. މަނީޝާއަކީ ވަރަށް ރީތި އެހާމެ މޮޅު ބަތަލާއެއް. ނަމަވެސް އެއަށްވުރެ ބޮޑަށް އަހަރެމެން އޭނާ ހޮވި މައިގަނޑު ސަބަބަކީ އޭނާއަކީ ކެންސަރާ ހަނގުރާމަކޮށްފައިވާ މީހަކަށް ވާތީ، ނަރްގިސް އަށް ކެންސަރު ބަލި ޖެހިގެން ތަހައްމަލުކުރި ވޭންތައް އެންމެ ރަނގަޅަށް އިހްސާސް ކުރެވޭނީ މަނީޝާ އަށް ކަމަށް ވާތީ،" ހިރާނީ ބުންޏެވެ.

މަނީޝާ އަކީ "ޚަވްފު" ކަހަލަ ބައެއް ފިލްމުތަކުގައި ސަންޖޭ ދަތުގެ ލޯބިވެރިޔާގެ ރޯލު ވެސް ކުޅެފައިވާ މީހެކެވެ.

މިހާރު ސަންޖޭ ދަތުގެ މުހއްމު ހުރިހާ ކެރެކްޓާއަކަށް އެކްޓަރުން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސަންޖޭ ދަތުގެ ރޯލު ރަންބީރު ކަޕޫރު އަދާކުރާއިރު އޭނާގެ ބައްޕަ ސުނިލް ދަތުގެ ރޯލު ކުޅޭނީ ޕަރޭޝް ރާވަލް އެވެ. ސަންޖޭގެ އަންހެނުން މަންނީތާގެ ރޯލު ދިއާ މިރްޒާ އަދާކުރާއިރު އަނުޝްކާ ޝަރުމާ ކުޅެނީ ނޫސްވެރިއެއްގެ ރޯލެވެ. އަދި ސަންޖޭގެ ލޯބިވެރިއެއްގެ ރޯލު ސޯނަމް ކަޕޫރު އަދާކުރާނެ އެވެ.

މި ފިލްމުގެ މަސައްކަތް މިހާރު ކުރިޔަށް ދާއިރު ރިލީޒްކުރުމަށް ހަމަޖެހފައި ވަނީ ޑިސެމްބަރު ފަހުކޮޅު އެވެ.