17 ނޮވެމްބަރ 2023 - 11:32

އިސްލާމީ މުޖުތަމައެއްގެ ސިޔާސަތުތައް ކަނޑައެޅުމާއި އެ ސިޔާސަތުތައް ހިންގުމާއި މައްސަލަތަކުގައި ހުކުމް ކުރަން ތިބޭ މީހުންނަކީ ވަރުގަދަ އީމާންތެރިކަމެއްގެ ތެރެއިން ތަރުބިޔަތު ވެފައިވާ ހެޔޮލަފާ ޟަމީރެއް ލިބިގެންވާ ބަޔަކަށް ވުމަކީ އެ މުޖުތައެއްގައި އަދުލުވެރިކަމާއި އިހުސާންތެރިކަން ދެމެހެއްޓިގެންދާނެ ކަމެކެވެ. މިކަން މިހެން އޮތް ނަމަވެސް ދިރިއުޅުމުގެ ހަޔާތުން އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ މި ދެންނެވި ތިން ދާއިރާގައި ވެސް އިސްކޮށް ތިބޭ ބައެއް މީހުންގެ ފަރާތުން ބޮޑާކަމާއި އަނިޔާވެރިކަމާއި މަކަރު ހީލަތް ހެދުމާއި ވަކި ބަޔަކަށް ތަފާތު ކުރުމާއި ފަސާދަ އާއި ހިޔާނަތުގެ އަމަލުތައް ހިންގުން ފަދަ ނުރަނގަޅު އެތައް ސިފަތަކެއް ފެނިގެން ދިއުމެވެ.
މީގެ ސަބަބުން މުޖުތަމައަށް އެތައް ނުރައްކަލެއް ކުރިމަތިވެ، ލިބޭ ގެއްލުންތައް ބޮޑެވެ. މިކަމުން މުޖުތަމައު ސަލާމަތް ކުރަން ބޭނުން ނަމަ މިފަދަ މީހުންގެ ޟަމީރުތައް ހެޔޮގޮތުގައި ތަރުބިޔަތު ވާން ޖެހެ އެވެ. މިކަމަށްޓަކައި ކީރިތި ޤުރްއާނާއި ސުންނަތުން ހިދާޔަތު ލިބިގަންނަން ޖެހެ އެވެ. މާތްނަބިއްޔާ އާއި އެކަލޭގެފާނުގެ އަސްހާބުންގެ ކިބައިން ނަމޫނާ ލިބިގަންނަން ޖެހެ އެވެ.
އިސްލާމީ ތާރީހުގައި ކީރިތި ރަސޫލާ ﷺ ގެ ކިބައިން ނަމޫނާ ލިބިގެން އެކަލޭގެފާނުގެ މަދަރުސާ އިން ތަރުބިޔަތު ވެފައިވި މުސްލިމުންގެ ޚަލީފާއިންނާއި ޤާޟީންނަކީ ގާތްތިމާގެ މީހަކަށް ހެޔޮކޮށް ހިތަން ނުވަތަ ދެކޮޅުވެރިކަމެއް އޮންނަ މީހަކަށް އަނިޔާވެރިވާން ހިޔާލުފުޅު ވެސް ނުކުރައްވަވާ އަދުލުވެރި ބައެކެވެ. ހުކުމްތައް ތަންފީޒު ކުރުމުގައި ވެސް ވަކި މީހަކަށް ނުބައްލަވާ ބައެކެވެ. އެބޭކަލުންނަކީ ތަނަވަސްކަމާއި އާރާއި ބާރު އޮތް ނަމަވެސް ޒާހިދުކަން މަތީ އުޅުއްވި ބޭފުޅުންނެވެ. މި ސިފަތައް އެބޭކަލުންގެ ކިބައިން ފެނިގެން ދިޔައީ ހެޔޮލަފާ ޟަމީރުގެ ވެރިން ކަމުގައި އެބޭކަލުން ވީތީ އެވެ. ހަމަހަމަކަމާއި އަދުލުވެރިކަމާއި މާތް ސިފަތައް މުޖުތަމައުގައި ގާއިމުވީ އެހެންވެ އެވެ.
މީގެ މިސާލުތައް އެބޭކަލުންގެ ސީރަތުން ފެނިގެން ދެ އެވެ. ޢުމަރުގެފާނުގެ ޒަމާނުގައި ބަނޑުހައި ހޫނުކަމުގެ އަހަރެއް އައެވެ. އޭރު އެކަލޭގެފާނު ވެސް ރޮށިކޮޅަކާއި ތެޔޮފޮދެއް ފިޔަވައި އެހެން އެއްޗެއް ފަރީނުކުޅުއްވަ އެވެ. ބައެއް އަސްހާބުން މިކަމާ ހިތްޕުޅާ ނުވެގެން ވާހަކަ ދެއްކެވުމުން ވިދާޅުވީ މީސްތަކުން ބަނޑުހައިހޫނު ކަމުގައި ތިއްބައި ތިމަންކަލޭގެފާނު ފަރީއްކުޅުއްވާ ނަމަ އެއީ ވެރިއެއްގެ ކިބައިން ފެނިގެންދާނެ ނުބައިކަން ބޮޑުވެގެންވާ ސިފައެއް ކަމުގަ އެވެ. އެހެން ދުވަހަކު ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲ ގެފާނުގެ ތުއްޕުޅު ދަރިކަނބަލަކު ވަރަށް ބޮޑަށް ބަނޑުހައިފުޅުވެގެން އުޅުއްވާތަން ފެނިވަޑައިގަތުމުން ބައެއް ބޭކަލުން އެކަމާ ސުވާލު ކުރެއްވުމުން ޢަބްދުﷲގެފާނު ވިދާޅުވީ ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުގައި ކާބޯތަކެތި ހުންނަ އިރު ވެސް އަޅުގަނޑުމެންނަށް ނުދެއްވާތީ މިފަދައިން ވާނެ ނޫންތޯ އެވެ؟ މި ވާހަކަ އަޑުއައްސަވައި ޢުމަރުގެފާނު ވިދާޅުވި އެވެ. "އޭ ޢަބްދުﷲ އެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދުގައި އޮތީ ﷲގެ ފޮތެވެ. އެ ފޮތުގައި ތިޔަބައިމީހުންނަށް ދިނުމަށް ފަރުޟު ކުރެވިފައިވާ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ތިމަންކަލޭގެފާނު ނުދެއްވާނަމެވެ. ތިޔަބައިމީހުން އެދެނީ ތިޔަބައިމީހުންނަށް ހައްގު ނޫން އެއްޗެއް ދީ، ތިމަންކަލޭގެފާނު ޚާއިނެއް ކަމުގައި ވުމަށް ހެއްޔެވެ؟"
ޢުމަރުގެފާނުގެ ސިފަފުޅުތައް ބަޔާން ކުރައްވަމުން އިބްނު ކަޘީރު ފާހަގަ ކުރައްވާފައިވާ ސިފަފުޅުތަކުގެ ތެރޭގައި އެކަލޭގެފާނުގެ ތަވާޟުޢުވެރިކަމާއި ދިރިއުޅުއްވުމުގެ ކުރަކި ކަމާއި އަމިއްލަ އަތްޕުޅުން މަސައްކަތް ކުރައްވާކަން ފަދަ ސިފަތައް ބަޔާން ކުރައްވާފައި ވެ އެވެ.
މުއުމިނުންގެ އަމީރު ޢަލީގެފާނަކީ ވެސް އީމާންތެރިކަމުން ތަރުބިޔަތު ލިބިވަޑައިގެންފައިވި ޟަމީރެއްގެ ވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ހުކުމް ކުރެއްވުމާ ބެހޭ ގޮތުން ޖަޢުދުބުނު ހުބައިރާ ވިދާޅުވި އެވެ. ކަލޭގެފާނުގެ އަރިހަށް ދެ މީހުން އައި ހިނދު އެކަކީ އޭނާގެ މުދަލާއި އަނބިދަރިންނަށް ވުރެ ވެސް ކަލޭގެފާނު ދެކެ ލޯބިވާ މީހެކެވެ. އަނެކަކީ ކަލޭގެފާނު ގަތުލު ކޮށްލަން ކިރިޔާ ފުރުސަތެއް ލިބުނަސް ގަތުލު ކޮށްލާނެ މީހެކެވެ. އެކަމަކު ކަލޭގެފާނު ތިޔަ ހުކުމް ކުރެއްވީ އަނެކާގެ މައްޗަށް މީނާގެ ކޮޅަށެވެ. އެ ހިނދު ޢަލީގެފާނު ވިދާޅުވީ މިއީ ﷲގެ ހައްގުގައި ކުރާ ކަމެއް ކަމުގަ އެވެ.
އަދިވެސް ޢަލީގެފާނާ ބެހޭގޮތުން ރިވާވެގެން ވެ އެވެ. އެކަލޭގެފާނުގެ އައްޑަނަ ކޮޅެއް ގެއްލުމަށް ފަހު ނަސްރާނީއެއްގެ އަތުން އެ ފެނިވަޑައިގެން އެ މީހާ ގޮވައިގެން ޤާޟީ ޝުރައިޙު އަރިހަށް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. "މިއީ ތިމަންކަލޭގެފާނުގެ އައްޑަނަ އެވެ. ތިމަންކަލޭގެފާނު އެ އައްޑަނަ މީނާ އަށް ނުވިއްކަވަމެވެ. އަދި ހިބައިން ވެސް ނުދެއްވަމެވެ." މި ވާހަކަފުޅާ މެދު އެއްޗެއް ބުނުމަށް ނަސްރާނީ އަށް ޝުރައިޙު ފުރުސަތު ދެއްވި އެވެ. އޭނާ ބުނީ މިއީ ތިމަންނާގެ އައްޑަނައެއް ކަމަށެވެ. އަމީރުލް މުއުމިނީން އެ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އެހެންވެ ޝުރައިޙު ޢަލީގެފާނަށް ވިދާޅުވީ "ކަލޭގެފާނުގެ އެއްޗެއް ކަމަށް އޮތް ހެއްކަކީ ކޮބައިތޯ އެވެ؟" އެ ހިނދު ޢަލީގެފާނު ހިނިފުޅުވަޑުވައި ވިދާޅުވީ ހެއްކެއް ނެތެވެ. އެހެންވެ ޝުރައިޙު ނިޔާ ކަނޑައެޅުއްވީ އެއީ ނަސްރާނީގެ އެއްޗެއް ކަމަށެވެ. މި ހުކުމަށް ޢަލީގެފާނު އިންކާރެއް ނުކުރައްވަ އެވެ. އަދި ހުކުމް ކުރުމަކީ ލިބެން ހުރި ދަލީލުތަކުގެ މައްޗަށް ބިނާކުރަން ޖެހޭ ކަމެއް ކަމަށް ވާތީ ޝުރައިޙުގެ އެ ނިންމެވުން ރަނގަޅު ކަމުގައި ޢަލީގެފާނު ވިދާޅުވި އެވެ. އެހެންވެ އައްޑަނަ ހިފައިގެން ނަސްރާނީ ކަލޭގެ ދިޔަ އެވެ. ނަމަވެސް މަދު ފިޔަވަޅު ކޮޅަކަށް ފަހު އޭނާ އެނބުރި އަތުވެއްޖެ އެވެ. އައިސް ބުންޏެވެ. "ހަމަކަށަވަރުން މިއީ ނަބީބޭކަލުންގެ ހުކުމް ކުރެއްވުމާ އެއްފަދަ ހުކުމް ކުރެއްވުމެއް ކަމަށް ތިމަން ހެކިވަމެވެ. އަމީރުލް މުއުމިނީން އެކަލޭގެފާނުގެ ޤާޟީ އަރިހަށް ވަޑައިގެން ޤަޟިއްޔާ ހުށަހެޅުއްވުމުން ޤާޟީ އެ ހުކުމް ކުރެއްވީ އަމީރުލްމުއުމިނީން އާ އިދިކޮޅަށެވެ. މިހެން ބުނެ އޭނާ ޝަހާދަތް ކިޔާފައި ބުނީ މި އައްޑަނައަކީ ހަމަ ޢަލީގެފާނުގެ އައްޑަނައެއް ކަމަށެވެ.
ޞިއްފީން ހަނގުރާމައިގެ ދުވަހު އެކަލޭގެފާނު އަތްޕުޅުން އޭތި ވެއްޓުނީމާ އަހަރެން ނެގީ އެވެ. އެކަމަކު ތިމަން މިހާރު އިސްލާމް ވެއްޖައީމެވެ. އެހެންވެ މިއަދު މިއީ އެކަލޭގެފާނުގެ މިލްކެކެވެ." މި ހާދިސާގައި ޚަލީފާގެ ސިޔާސަތު ގެންގުޅުއްވީ ވެސް އަދި ޤާޟީ ހުކުމް ކުރެއްވީ ވެސް ހެޔޮލަފާ ޟަމީރެއްގެ ހެޔޮ އަސަރުންނެވެ. ޚަލީފާއަށް ލިބިވަޑައިގެންފައިވީ ބާރުގެ ބޭނުމެއް ނުކުރައްވަ އެވެ. ޤާޟީ ވެސް ވަކި ޚަލީފާ ކަމަށް ވާތީ ހުކުމް ކުރެއްވުމުގައި ހެޔޮގޮތެއް ހައްދަވައިދެއްވާކަށް ނޫޅުއްވަ އެވެ. ޚަލީފާގެ ތެދުވެރިކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ހިނދު ވެސް އެގޮތަށް ހުކުމް ކުރެއްވުމަށްޓަކައި އެހެން ގޮތަކަށް މަސައްކަތެއް ނުކުރައްވަވަ އެވެ.
ޢަލީގެފާނަކީ ތަވާޟުޢުވެރިކަމާއި ޒާހިދުކަމުގައި ވެސް ލާމަސީލު މިސާލެކެވެ. އަގުހެޔޮ ހެދުންފުޅު ބައްލަވައިގެން ތުރު ކުރައްވަ އެވެ. ބާޒާރުގައި އެކަނި ހިންގަވައި ނިކަމެތިންނަށް އެހީތެރިވެ ދެއްވައި، ހެޔޮމަގަށް މީހުންނަށް އިރުޝާދު ދެއްވައި ހައްދަވަ އެވެ. މި ހުރިހާ ކަމަކީ ވެސް ހަމަ ހެޔޮލަފާ ޟަމީރެއްގެ ހެޔޮ އަސަރެވެ.
ޢުމަރުބުނު ޢަބްދުލް ޢަޒީޒު އަކީ ވެސް ޒާހިދުކަމުގައި އަރާ ހުންނެވި ހެޔޮލަފާ ޟަމީރެއްގެ ވެރި ބޭކަލެކެވެ. މާލިކު ބުނު ދީނާރު ވިދާޅުވިއެވެ. "މާލިކަކީ ޒާހިދެއް ކަމުގައި މީސްތަކުން ބުނެ އުޅެ އެވެ. އެކަމަކު ޢުމަރުބުނު ޢަބްދުލް ޢަޒީޒާ އަޅާ ބަލާއިރު، ތިމަންގެ ހުރީ ކޮން ޒާހިދު ކަމެއް ހެއްޔެވެ؟ މުޅި ދުނިޔެ އެކަލޭގެފާނަށް އެކީ ލިބިވަޑައިގަތް އިރު ވެސް އެ ހުރިހާ ކަމެއް އެކަލޭގެފާނު ވަނީ ދޫކުރައްވާފަ އެވެ."
މިއީ ހަގީގަތުގައި ވެސް ތެދެކެވެ. އެކަލޭގެފާނުގެ މުޅި ޚިލާފަތުގެ މުއްދަތުގައި ވެސް ގެންގުޅުއްވީ ހަމައެކަނި އެންމެ ގަމީސްކޮޅެކެވެ. އެކަލޭގެފާނު އެއް ދުވަހަކު ފަރީކުޅުއްވަން މޭބިސްކަދުރުކޮޅެއް ބައްލަވައިގަންނަވަން ދިރުހަމެއް ދަރަންޏަށް ދެއްވަން އަނބިކަނބަލުން އަރިހު އެދިވަޑައިގަތެވެ. އެކަމަނާ ވިދާޅުވިއެވެ. ނެތެވެ. ކަލޭގެފާނުގެ ޚަޒާނާ އިން އެ މިންވަރު ނަންގަވަންވީ ނޫންތޯ އެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ނަރަކައިގެ އަލިފާނުގައި އަތްފައިގައި ކަސްތޮޅު އެޅިގެން އިނުމަށް ވުރެ އެއްޗެއް ފަރީނުކުޅުއްވައި ހުންނެވުން މާބޮޑަށް ވެސް ފަސޭހަ އެވެ.
އެކަލޭގެފާނުގެ ޚަލީފާ ކަމުގެ މުއްދަތުގައި އަނިޔާވެރިކަން ފެތުރެން ފުރުސަތެއް ނުދެއްވަ އެވެ. ދަރަނިވެރިންނާއި ކައިވެނި ކުރަން ބޭނުން މީހުންނާއި ޔަތީމުންނާއި މިސްކީނުންނާއި މި ނޫން ވެސް އެހީތެރިކަން ބޭނުންވާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވި އެވެ. މިފަދަ އަޚުލާގެއް މިކަލޭގެފާނަށް ވެސް ލިބިވަޑައިގެންފައި މި ވަނީ ހަމަ އީމާންތެރިކަމުން ތަރުބިޔަތު ވެފައިވި ހެޔޮ ޟަމީރުގެ ސަބަބުންނެވެ.
ސިޔާސަތުތައް އެކަށައެޅުމާއި ވެރިކަން ކޮށް ހުކުމް ކުރުމުގައި މި ނޫނަސް މިފަދަ އެތައް މިސާލުތަކެއް އިސްލާމީ ތާރީޚުން ފެންނާނެ އެވެ. އަދި މިއަދު ވެސް އީމާންތެރިކަމުން ތަރުބިޔަތު ވެފައިވާ ޟަމީރުތަކެއް ވާ ނަމަ މި ކަހަލަ މިސާލުތައް ފެންނާނެ އެވެ. އެހެންކަމުން ސިޔާސަތާއި ވެރިކަން ކުރުމާއި ހުކުމްކުރުމާއި އަދި މި ނޫނަސް ދިރިއުޅުމުގެ އެހެން މައިދާން ތަކުގައިވެސް އެންމެ ފުރިހަމަ ގޮތުގައި އަމަލުތައް ބަހައްޓައި މުޖުތަމައުގައި މާތް ސިފަތައް އަށަގެންނެވުމަށްޓަކައި ހެޔޮލަފާ ޟަމީރުތަކެއްގެ މުހިންމުކަން ވަރަށްބޮޑެވެ. މިސަބަބަށްޓަކައި އީމާންތެރިކަމުން އަޅުގަނޑުމެންގެ ޟަމީރުތައް ތަރުބިޔަތު ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ.