އެތުލީޓުންނާ އެންމެ ގާތުން މަސައްކަތްކުރި ރާފިއު ސްޕޯޓްސް މިނިސްޓަރުކަމަށް
އެތުލީޓުންނާ އެންމެ ގާތުން މަސައްކަތްކުރި ރާފިއު ސްޕޯޓްސް މިނިސްޓަރުކަމަށް

މިއަދު ރައީސްކަމުގެ ހުވާ ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރުގެ މަގާމަށް ކުރީގެ ސްޕޯޓްސް ފިޒީޝަން އަބްދުﷲ ރާފިއު މިރޭ އައްޔަން ކުރައްވައިފި އެވެ.

އަހަރުތަކެއް ވަންދެން ޔޫތު އާއި ސްޕޯޓްސް އެއް މިނިސްޓްރީއެއްގެ ދަށުން ހިންގަމުން ގޮސް، މިއީ ކުޅިވަރަށް ވަކިން ހާއްސަ މިނިސްޓްރީއެއް ރާއްޖޭގައި އުފެއްދި ފުރަތަމަ ފަހަރެވެ.

ވީބީ ސްޕޯޓްސް ކްލަބްގެ ސްޕޯޓްސް ފިޒީޝަންގެ މަގާމުން ކުޅިވަރަށް ހިދުމަތް ކުރައްވަން ފެއްޓެވި ރާފިއު، ސްޕޯޓްސް މިނިސްޓަރުކަމަށް އައްޔަން ކުރުމާ ހަމައަށް ހުންނެވީ ކުޅިވަރުގެ ގައުމީ މަޖިލިސް ނުވަތަ ސްޕޯޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގަ އެވެ

މިއީ، ވޯލްޑް އެކްއާޓިކް (ދުނިޔޭގެ ސްވިމިން ފެޑެރޭޝަން) ގެ މެޑިކަލް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ރާފިއު، ސިޔާސީ ފައިވާނުގައި މަގާމަކާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އޭނާ އަށް އޮތް ޔަގީންކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުޅިވަރުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރި ކަމެވެ.

"އަޅުގަނޑަށް އޮތް ޔަގީންކަމަކީ ސިންސިއާރިޓީ. ސިޔާސީ ކަމެއްގައި އުޅެފައި ނެތަސް، އަޅުގަނޑަށް ޔަގީންވާ ކަމަކީ ރާއްޖޭގެ އެތުލީޓުންނާ ކުޅިވަރަށް މި ޕޮލިސީތައް ޑެލިވާކޮށްދެވޭނެ ކަމުގެ ޔަގީންކަން،" މެޑިކަލް ރިހިބިލިޓޭޝަންގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ރާފިއު ވިދާޅުވި އެވެ.

ކުޅިވަރު ބައެއް އެސޯސިއޭޝަތަކުގެ އިސްވެރިން ވިދާޅުވި ގޮތުގައި އެތުލީޓުންނާ އެހާ ގާތުން މަސައްކަތް ކުރެއްވި އެހެން ބޭފުޅެއް މީގެ ކުރިއަކުން ރާއްޖޭގެ ކުޅިވަރުގެ ވުޒާރާ ހިންގެވުމާ ހަވާލުވެ ވަޑައިގެންފައެއް ނެތެވެ.

ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް ހޯދި އެންމެ ބޮޑެތި ކާމިޔާބުތަކުގައި އެތުލީޓުންގެ ފަހަތުގައި ހުންނަވައިގެން ރާފިއު ވަނީ މުހިންމު ދައުރެއް އަދާ ކުރައްވައިފަ އެވެ. ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި މޮރިޝަސްގައި 2019 ގައި ބޭއްވި ގޭމްސް އާއި މި އަހަރު މަޑަގަސްކަރާގައި ބޭއްވި ގޭމްސްގައި ވެސް ދިވެހި ކޮންޓިންޖެންޓްގެ މެޑިކަލް ޓީމު ލީޑް ކުރެއްވީ އޭނާ އެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ހޯދި އިރު އަދި 2014 ގެ އޭއެފްސީ ޗެލެންޖް ކަޕުގައި ގައުމީ ޓީމުން ބްރޯންޒް މެޑަލް ހޯދި އިރު ވެސް ފިޒީޝަންގެ ގޮތުގައި ރާފިއު ވަނީ ޓީމުގެ ފަހަތުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

"ކުޅިވަރުތެރޭގައި މިހާ ވަރަށް އުޅެފަ އަދި އެތުލީޓުންނާ އެކު އެހާ ގާތުން މަސައްކަތްކޮށްފަ، ސްޕޯޓްސް މިނިސްޓަރުކަން ކުރައްވާ ދެވަނަ އެހެން ބޭފުޅަކު ރާއްޕެ ނޫނީ ފެނިފައެއް ނެތް،" އެސޯސިއޭޝަނެއްގެ ޖެނަރަލް ސެކްރެޓަރީކަން ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕްގެ 2018 ގެ މުބާރާތް ރާއްޖެ އަށް ކާމިޔާބު ކޮށްދިން ކޯޗު ޕީޓާ ސެގަޓް ބުނީ ޓީމުގެ ފިޒީޝަންގެ ގޮތުގައި ރާފިއު މަސައްކަތް ކުރައްވާފައި ވަނީ ޓީމުގެ ލީޑް ވެސް ކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ.

"މެނޭޖަރު ނެތް ހާލަތުގައި އެޑްމިނިސްޓްރޭޓިވް ހުރިހާ މަސައްކަތެއް ވެސް ކުރާނީ އޭނަ. ކިޓް މެނޭޖަރު މަސްއޫލިއްޔަތުތައް ވެސް ބައެއް ފަހަރު އަދާ ކުރާނެ. އެހެންވެ ރާފީ [ރާފިއު] ފެންނާނީ މުޅި ޓީމަށް ވެސް ނަމޫނާ ދައްކާ ލީޑަރެއްގެ ގޮތުގައި،" މިހާރު ތަޖިކިސްތާނުގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަން ކުރަމުން އަންނަ ސެގަޓް ބުންޏެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ހުރިހާ ކުޅިވަރެއްގެ އެތުލީޓުންނާ އެކު އެންމެ ގާތުން، ރާފިއު މަސައްކަތް ކުރައްވާފައި ވުމުން ރާއްޖޭގެ ކުޅިވަރު ސާފުކޮށް އޭނާ އަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކީ ސްޕޯޓްސް ކައުންސިލްގައި ވެސް އުޅުއްވާ. ވަރަށް ޑެޑިކޭޓެޑް މީހެއް. ރާއްޕެ [ރާފިއު] އަކީ ކުޅިވަރުގެ ހުރިހާ އެސޯސިއޭޝަންތަކުން ވެސް ވަރަށް ގާތުން ދަންނަ މީހެއް. އަނެއްކާ ގޭމްސްތަކަށް ތައްޔާރުވާއިރު އޮލިމޕިކް ކޮމިޓީން އެކި ޓާސްކުތަކަށް އެކުލަވާލާ ޓީމުތަކުގެ އިސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ވަރަށް އެކްޓިވްކޮށް އުޅޭތާ އަހަރުތަކެއް ވެއްޖެ. ގޭމްސްތަކުގައި ވެސް އަހަރެމެންގެ އެތުލީޓުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ފީޑްބެކްތަކެއް ލިބިފަ ހުންނަނީ ރާއްޕެ [ރާފިއު] އާ މެދު،" އަލީ ވިދާޅުވި އެވެ.

ރައީސް، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ޗައިނާ ސަރުކާރުގެ ވަފުދުން، ރާއްޖޭގެ ޓީޓީ ޓީމާ ބައްދަލު ކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އޭޝިއާ އާއި ދުނިޔޭގެ ލެވަލްގައި ވެސް ކާމިޔާބު ހޯދުމަށް ދެން އެންމެ ބޭނުންވާކަންތަކުގެ ވާހަކަ އެވެ.

މަލްޓި ސްޕޯޓްސް ހައި ޕޯފަމަންސް ސެންޓަރެއް ރާއްޖޭގައި ހަދާނެ ކަމަށް އޭނާ ވަނީ އިޝާރާތް ކުރައްވައިފަ އެވެ.