މޫސަ އެމްޑީޕީ ދަފްތަރުން އުނިކޮށް، މިނިވަން މެމްބަރަކަށް
މޫސަ އެމްޑީޕީ ދަފްތަރުން އުނިކޮށް، މިނިވަން މެމްބަރަކަށް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކަކީ މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިއަދު އިއުލާންކޮށްފި އެވެ.

މޫސަ އެމްޑީޕީން ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ.

މަޖިލީހުގެ ޖަލްސާގައި މޫސަ ވިދާޅުވީ 13 އަހަރު ވަންދެން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، އެ ޕާޓީގެ ދަފްތަރުން އުނި ކުރިކަމުގައިވިޔަސް އިހްލާސްތެރިކަމާއެކު ދެމިހުންނަވާނެ ކަމަށެވެ. އެމްޑީޕީގެ ދަފްތަރުން އުނިކުރީ މިހާރުގެ ލީޑަޝިޕުން ބޭނުންވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ލީޑަޝިޕުން އެދިވަޑައިގެން އަޅުގަނޑުގެ އެއްވެސް ކުށެއް ނެތި ޕާޓީގެ ދަފްތަރުން އުނިކުރި ދުވަހަށް ވެގެން މިދިޔައީ،" މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ މޫސަ ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހަޅާ މައްސަލަތަކަށް ބަހުސް ކުރުމަށް އެކަށީގެންވާ ފުރުސަތެއް މޫސަ އަށް ލިބިވަޑައިނުގަންނަވާތީ އޭނާ މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އާންމުކޮށް ބިލުތަކަށް ބަހުސް ކުރަން އެމްޑީޕީން މޫސަ އަށް ލިބިވަޑައިގަންނަވަނީ އެންމެ 30 ސިކުންތެވެ. ނަމަވެސް އަމިއްލަ މެމްބަރެއްގެ ގޮތުގައި މޫސަ މަޖިލިސް ތަމްސީލް ކުރައްވަން ފެއްޓެވުމުން، މިހާރު އޭނާ އަށް މައްސަލަތަކަށް ބަހުސް ކުރަން ތިން މިނެޓު ލިބިވަޑައިގަންނަވާނެ އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ އެ ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ފަހު، 50 މެމްބަރުންގެ ސޮޔާ އެކު އަލުން ޕާޓީ އޮފީހަށް ފޯމް ފޮނުވަން އަންގައިފަ އެވެ. އަދި އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަކުރުން ވަކި މުއްދަތެއް ވަންދެން މަނާ ކުރި އެވެ. ނަމަވެސް ފިޔަވަޅު އަޅާ ކޮމެޓީން އެންގި ގޮތަށް މޫސަ އަމަލު ކުރައްވާފައި ނުވާއިރު، މޫސަ ވިދާޅުވެފައިވަނީ މާފަށް އެދިވަޑައިގަންނަވަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

މޫސަ މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައެޅުމާ ގުޅިގެން މަޖިލީހުގައި މެމްބަރުން ތަމްސީލް ކުރައްވާ ގޮތަށް ބަލާއިރު އެންމެ މެމްބަރުން ގިނަ ޕީޕީއެމްގައި 48 މެމްބަރުން ތިއްބަވަ އެވެ. އެމްޑީޕީގައި 21 މެމްބަރުން ތިއްބަވާއިރު ޖުމްހޫރީ ޕާޓީގައި ތިއްބެވީ ހަތް މެމްބަރުންނެވެ. އެމްޑީއޭގައި ހަ މެމްބަރުން ތިއްބެވިއިރު، އަދާލަތު ޕާޓީގައި މެމްބަރަކާއި މޫސައާއެކު މިނިވަން އެއް މެމްބަރު އިންނަވަ އެވެ.