16 ނޮވެމްބަރ 2023 - 15:11

މާދަމާ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ޑރ. މުއިއްޒުގެ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އަބްދުﷲ ރާފިއު (ރާއްޕެ) މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފި އެވެ.

މާދަމާ ހަވީރު ބާއްވާ ހުވާ ކުރުމުގެ ރައްމިއްޔާތަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ވަޝެން ޔިކިން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމާ ބައްދަލުކުރައްވައި ކުރިއަށް ގެންދިޔަ ހާއްސަ ބައްދަލުވުމުގައި މަހުލޫފާ އެކު ރާފިއު ބައިވެރިވެ ވަޑައިގެންނެވި އެވެ. މަހުލޫފް ވަނީ އާ ސަރުކާރަށާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު އެދެނީ މި ސަރުކާރުން ކުޅިވަރުގައި ކުރިއަށް ގެންދިޔަ ރަނގަޅު ކަންކަން އާ ސަރުކާރުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން،" މަހުލޫފް ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ ކުޅިވަރުގައި ރާއްޖެ ދެން ދާން ބޭނުންވާ ޓާގެޓަށް ވާސިލުވުމުގައި ދެން ފުރިހަމަ ކުރަން ޖެހޭ ކަމަކީ ހައި ޕާފޯމަންސް ޓްރެއިނިން ފަލްސަފާ ކަމަށެވެ.
"އޭޝިއާގައި ވެސް އަދި ދުނިޔޭގެ ފެންވަރުގައި ވެސް ކުޅިވަރުގައި މަތީ ކާމިޔާބީތަކެއް ހޯދުމަށް އަޅުގަނޑުމެންނަށް ދެން އޮތް ފިޔަވަޅަކީ ހައި ޕާފޯމަންސް ޓްރެއިނިން ފަލްސަފާއެއްގެ ތެރެއިން ކުރިއަށް ދިއުން،" ސްޕޯޓްސް ކައުންސިލްގެ މެންބަރު ކަމުގައި ހުންނެވި ރާފިއު ވިދާޅުވި އެވެ.
ދުނިޔޭގެ ސްވިމިން ފެޑެރޭޝަންގެ މެޑިކަލް ކޮމިޓީގެ މެންބަރުކަމުގައި ވެސް ހުންނެވި ރާފިއު ވިދާޅުވީ މި ހުރިހާ ކުޅިވަރުގެ ތެރެއިން ރާއްޖޭގެ މުޖުތަމަޢަކީ ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަކީ އުންމީދެއް ކަމަށެވެ.
ޗައިނާގެ އެމްބަސެޑަރު ވަންގް ލިޒިން ވެސް ބައިވެރވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ކުޅިވަރުގައި ޗައިނާ ސަރުކާރުން ރާއްޖެ އަށް ދެއްވާ އެއްބާރުލުން ރާފިއު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅިުވީ ކުޅިވަރުގެ ތެރެއިން ޗައިނާ އާއި ރާއްޖެގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޓީޓީ ޓީމުގެ އިތުރުން ބާސްކެޓާއި ބެޑްމިންޓަން ބައެއް ކުޅުންތެރިން ބައިވެރިވި މި ބައްދަލުވުމުގައި، ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) އާއި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް (އަހުމަދު އާދަމް (އެޑަމް) ވެސް ވާހަކަ ދެއްކެވި އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުގެ ފަރާތުން ވާހަކަ ދެއްކީ ބެޑްމިންޓަން ކުޅުންތެރިޔާ އަހުމަދު ޑެނިއެލް އަޝްރަފް އެވެ.
ހުރިހާ ފަރާތްތަކުން ވެސް ވަނީ ރާއްޖޭގެ ޓީޓީ އާއި ބެޑްމިންޓަން އަދި ބާސްކެޓްބޯޅަ ތަރައްގީކުރަން ޗައިނާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަ ކޮށްފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޗައިނާ ސަރުކާރުން ރާއްޖޭގެ ކުޅިވަރުތައް ތަރައްގީ ކުރަަން އެހީވެދީ، އެތުލީޓް އެކްސްޗޭންޖް ޕްރޮގުރާމްތައް ހިންގައި، ތަމްރީނުތަކަށް ފެންވަރު ރަނގަޅު ކޯޗުން ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަން، ޗައިނާ ރައީސްގެ ހާއްސަ މަންދޫބު ޝެން ޔިކިން ދެއްވި އެވެ.