އެހެން އިންތިހާބުތަކުގެ މެދުތެރެއިން ޝަރުތުތައް ބަދަލުކުރުންް ގާތް: އެމްޑީޕީ
އެހެން އިންތިހާބުތަކުގެ މެދުތެރެއިން ޝަރުތުތައް ބަދަލުކުރުންް ގާތް: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބުގެ މެދުތެރެ އިން ކެންޑިޑޭޓުންގެ ޝަރުތުތައް ބަދަލުކުރުމަކީ، ކުރިއަށް އޮތް އިންތިހާބުތަކުގެ މެދުތެރެ އިން ވެސް ކެންޑިޑޭޓުންގެ ޝަރުތުތައް ބަދަލުކުރުމުގެ ފެށުމެއް ކަމަށް ވެގެންދާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އަންނަ އޭޕްރީލް 15 ވަނަ ދުވަހު ލޯކަލް އިންތިހާބު ބާއްވަން ކުޑަތަން ވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފަ އެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް، އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓު ދީފައި ވެ އެވެ.

އާ އިސްލާހުގައިވާ ގޮތުން ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އަދި ޖިނާއީ އެއްވެސް ކުށެއް ކުރިކަން ސާބިތުވެ، ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެސް ކައުންސިލަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވެފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ވުމުން ނުވަތަ އަދަބު މައާފްކޮށްދެވުނުތާ ހަތް އަހަރު ފާއިތުވެއްޖެ ނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓް ގްރޫޕު (ޕީޖީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕީޕީއެމްގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ލޯކަލް ކައުންސިލްް އިންތިހާބަށް ތައްޔާރު ނުވެވުމުގެ ސަބަބުން، ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަމުން ދިއުމަކީ ކެންޑިޑޭޓުންނާއި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.

"މިއަމަލު މިގޮތަށް ހިންގުމުގެ އިތުރުން، ގާނޫނަށް ބަދަލު ގެނައުމަކީ އިންސާފުވެރި އަދި ޑިމޮކްރެޓިކް އެންމެހައި ހަމަތަކާ ހިލާފު އަމަލެއް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ދެކެމެވެ،" ބަޔާނުގައި ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވާފައި ވަނިކޮށް، އަނެއްކާ ވެސް ޝަރުތު ބަދަލުކުރުމަކީ އެ ޕާޓީގެ ޕީޖީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި އެ ބަދަލާއެކީ އަނެއްކާ ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ހުއްޖަތެއްގެ ގޮތުގައި ބޭނުންކޮށް އިތުރަށް އެ އިންތިހާބު ލަސްކުރުމަކީ ގާތްކަމެއް ކަމަށް ވެސް ބުންޏެވެ.

"އެހެންކަމުން، އިންތިހާބެއްގެ މެދުތެރެއިން ކެންޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލު ގެނައުމަށާއި ކެންޑިޑޭޓުންނާއި އަދި ރައްޔިތުންނަށް އިންސާފުވެރި އިންތިހާބެއް ލިބުމުގެ ހައްގަށް މިގޮތުން އަރައިގަނެ، ޑިމޮކްރެޓިކް އެންމެހައި ހަމަތަކާ ހިލާފަށް ސަރުކާރުން ހުށަހަޅައިގެން ފާސްކުރި މި ބިލް ފާސްކުރުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބައިވެރިނުވުމަށާއި އެ ބިލަށް ރަތް ޖެހުމށް ނިންމައި އެގޮތަށް އަމަލުކޮށްފައި ވެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.