އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓު ހަވާލުކުރުން ހުއްޓާލައިފި
އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓު ހަވާލުކުރުން ހުއްޓާލައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް، އޭސީސީން ވަކި ގޮތެއް އަންގަންދެން ހުއްޓާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ދެންމެ ނެރުނު ބަޔާނުގައި ބުނީ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް މި ވަގުތު ކުރިއަށް ނުގެންދަން އޭސީސީން އަންގާފައިވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭގޮތުން ވަކި ގޮތެއް އަންގަންދެން ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުންޏެވެ.

ފްލެޓު ލިބޭ 13،000 މީހުންގެ ތެރެއިން، މިނިސްޓްރީން ވަނީ މިހާރު ހަދަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުން ކަނޑައަޅައިފަ އެވެ. އެކަމަކު، އެކަން ކަނޑައަޅާފައިވާ ގޮތުން ގިނަ ބަޔަކު ވަނީ އޭސީސީއަށް ޝަކުވާ ހުށަހަޅައިފަ އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީގެ ތަހުގީގަށް ވަނީ ފްލެޓްތަކަށް ޝަރުތު ހަމަނުވާ މީހުންތަކެއް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިންކަން ފާހަގަކުރެވިފަ އެވެ. އޭގެ އިތުރުން ބައެއް މީހުން ހުށަހެޅި މައުލޫމާތުގެ ސައްހަކަން ޔަގީން ކުރެވެން އޮތް ނަމަވެސް އެކަން ނުކުރާކަން އޭސީސީގެ ތަހުގީގަށް ފާހަގަވި ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ.

އެކަމަކު، އޭސީސީން އެގޮތަށް އެންގި ނަމަވެސް މިނިސްޓްރީން ވަނީ ފްލެޓުގެ ގުރުއަތުލުން ރޭ ކުރިއަށްގެންގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ލިބުނު ޔުނިޓުގެ ނަމްބަރު އެނގޭނެ ލިޔުން ވެސް، ގެދޮރުވެރިޔާގެ ޕޯޓަލް މެދުވެރިކޮށް ފޮނުވާފައިވެ އެވެ.