16 ނޮވެމްބަރ 2023 - 12:13

އެފްއޭއެމުން އޭނާ އަށް 50،000ރ. އިނާޔަތެއް ކަނޑައަޅާފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

"މިހާރު" ގެ މެދު ސޮފްހާ އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ އޭނާގެ އިތުރުން އެކްސްކޯ މެންބަރުންނަށް ވެސް އިނާޔަތެއް ކަނޑައަޅާފައިވާ ކަމަށެވެ. ބައްސާމް ވިދާޅުވީ އެ އިނާޔަތް އޭނާ މިހާރު ނުނަންގަވާތާ ތިން އަހަރު ވެއްޖެ ކަމަށެވެ.
"އަޅުގަނޑަށް އިނދޭ އެގްޒެކެޓިވް ކޮމިޓީން ނިންމާފަ އިންނަ އެލަވެންސެއް. ގާތްގަނޑަކަށް 50،000 ރުފިޔާ ވަރު އިންނާނެ. އެކަމަކު އެ ވެސް އަޅުގަނޑަށް ނުލިބޭތާ މިހާރު ވެދާނެ ތިންވަރަކަށް އަހަރު. އެހެންވީމަ މިދިޔަ ތިން އަހަރު އަޅުގަނޑު ނީންނާނެ އެ އެލަވެންސް ވެސް ނަގާފައެއް،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން އެކްސްކޯގެ އެކި މެންބަރުންގެ ފަންތި ތަފާތު ވުމުން، އެކި ބޭފުޅުންނަށް އިނާޔަތް ލިބެނީ އެކި މިންވަރަށެވެ.
އެކަމަކު މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނާ މެދުވެރިކޮށް އަމިއްލަ ފަރާތަކުން އެދުނު މައުލޫމާތު ހާމަކުރުމުގެ ގޮތުން އެފްއޭއެމުން މިދިޔަ އަހަރު އައިކޮމް އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ ރައީސް ވެސް އަދި އެކްސްކޯ މެންބަރަކު ވެސް، މުސާރައެއް އަދި އިނާޔަތެއް ނުނަންގަވާ ކަމަށެވެ.
"އެފްއޭއެމްގެ ރައީސް އަދި އެކްސްކޯ މެންބަރުންގެ މުސާރަ ހޯދުމަށް އެދިފައިވާތީ ދަންނަވަމެވެ. އެފްއޭއެމްގެ ރައީސްއަކީ އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނޭ ފަރާތަކަށް ވާތީ އެއްވެސް އެލަވެންސެއް ނުވަތަ އުޖޫރައެއް އެ ފަރާތްތަކަށް ލިބެމުން ނުދާތީ ފޯރުކޮށްދީފައިވާ މުސާރަ ޝީޓްގައި އެވަނީ އެ ފަރާތްތައް ނުހިމަނަ އެވެ.،" އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ސޮއިކޮށް އިންފޮމޭޝަން ކޮމިޝަނާ އަށް މިދިޔަ އަހަރު އޭޕްރީލް މަހު ފޮނުވި ސިޓީގައި ވެއެވެ.
އެފްއޭއެމްގެ އެކްސްކޯ މެންބަރުން، އިނާޔަތެއް އަދި އުޖޫރައެއް ވެސް ނުނަންގަވާ ކަމަށް އެ ސިޓީގައި ބުނެފައި ވީނަމަވެސް، އެ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އާމިނަތު ޝާނީޒް އަށް މުސާރަ ދެމުންދާކަން އިންފޮމޭޝަން ކޮމިޝަނާ އޮފީހަށް އެފްއޭއެމުން ފޮނުވި ލިސްޓްގައި ގައި ހިމަނާފައި ވެއެވެ. އޭނާ އަށް 25،000 ރުފިޔާ ދޭ ކަމަށް ލިސްޓުން އެނގެ އެވެ.
ލިސްޓްގައިވާ ގޮތުން އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގެ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާ އަށް އަސާސީ މުސާރައިގެ ގޮތުގައި 7،000ރ. އަދި އިނާޔަތުގެ ގޮތުގައި 18،000ރ. ދޭ ކަމަށް ލިސްޓްގައި ވެއެވެ.