އަންހެން ވިޔަފާރިވެރިންނަށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް
އަންހެން ވިޔަފާރިވެރިންނަށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް

ރައީސް ކަމުގެ ހުވާ މާދަމާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަންހެނުން ވިޔަފާރި ފެށުމަށާއި މިހާރު ހިންގާ ވިޔަފާރިތައް ކުރިއަރުވަން 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފްކުރަން ނިންމައިފި އެވެ.

އަންހެން ވިޔަފާރިވެރިންނަށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް
އަންހެން ވިޔަފާރިވެރިންނަށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް

"ހަފުތާ 14"ގެ ނަމުގައި ރޭ އިއުލާންކުރި މުއިއްޒުގެ 100 ދުވަހުގެ ޕްލޭންގައި އަންހެން ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނަށް ހާއްސަ ގިނަ ވައުދުތަކެއް ވަނީ ހިމަނައިފަ އެވެ. އެންމެ ފުރަތަމަ ދުވަހު ކުރާނެ ކަމެއްގެ ގޮތުގައި ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް އަންހެނުން އިތުރު ކުރުމުގެ މަސައްކަތް ފެށުން ހިމަނާފައިވެ އެވެ.

ޕްލޭންގައިވާ ގޮތުން އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ "ސްޓާޓްއަޕް ލޯނު ސްކީމް"އެއް ތައާރަފުކުރާނެ އެވެ. އަދި އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ އޮންލައިން ޕްލެޓްފޯމެއް ވެސް އުފައްދަން ވަނީ ނިންމާފަ އެވެ.

މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ޓޫރިޒަމްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރު ކުރުމާއި އަންހެން މުވައްޒަފުންނަށް ރައްކާތެރި، ގަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި ގާނޫނީ އޮނިގަނޑަށް އިސްލާހު ގެނައުން ހިމެނެ އެވެ.

މީގެއިތުރުން އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ވެސް 100 ދުވަހުގެ ޕްލޭންގައި ވަނީ ހިމަނައިފަ އެވެ.

ލީސިން ފައިނޭންސްގެ ގޮތުގައި ފައިސާ ހޯދަން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދޭން ވެސް ވަނީ ނިންމައިފަ އެވެ. އަދި ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓްކޮށް ގަނެ ވިއްކުމަށް ހާއްސަ ނިޒާމެއް ގާއިމްކުރުމާއި އެ ނިޒާމުގެ ތެރެއިން އަންހެނުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދޭން ވެސް ޕްލޭންގައިވެ އެވެ.

އެކި ފަންނުތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ގައުމީ ހަރަކާތެއް ހިންގަން ފެށުން ވެސް "ހަފުތާ 14"ގައި ވަނީ ހިމަނާފަ އެވެ.

ޕްލޭންގައިވާ ގޮތުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަށް ބާރުއެޅުމުގެ ގޮތުން ގައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރަފުކުރަން ވެސް ވަނީ ނިންމައިފަ އެވެ.