16 ނޮވެމްބަރ 2023 - 10:03

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ޕޭވްމަންޓު މަތީގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރާ ކަމަށް ބުނެ، މި ވެރިކަން ނިމެން 24 ގަޑިއިރަށް ވެފައި ވަނިކޮށް އެ ތަކެތި ނަގަން އާބަންކޯއިން އަންގައިފި އެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނުގައި ބުނީ ޕޭވްމަންޓާއި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓު އަދި ޖޫގޯ ޕޮއިންޓްތަކުން ގަވައިދާ ހިލާފަށް ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ހިދުމަތްދޭ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދުގައި ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ބަހައްޓާފައިވާ ގޮނޑިއާ މޭޒުތައް އަންނަ ހޯމަ ދުވަހުގެ ކުރިން ނަގައި ދިނުމަށް އަންގާފައިވެ އެވެ.
އާބަންކޯއިން ބުނީ އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފިނަމަ، އެ ތަން ސާފުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް ގެއްލުމެއް ނުވާނެ ކަމަށް ބުންޏެވެ.
ހުޅުމާލޭގެ ޕޭވްމަންޓުތަކުގައި ބަހައްޓާފައިވާ ގޮނޑިއާ މޭޒުތައް ނަގަން އެންގިއިރު، އެ ކުންފުނިން ވަނީ ހިޔާ ފްލެޓު ސަރަހައްދުގެ ބީޗު ސަރަހައްދުގައި ބަހައްޓާފައިވާ ހެދިކާ ހަޓުތައް ވެސް ނަގަން އަންގައިފަ އެވެ.