15 ނޮވެމްބަރ 2023 - 20:30

ކައިވެންޏާ ގުޅޭ ފޯމުތައް އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލްއެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ތައާރަފްކޮށްފި އެވެ.

ޑީޖޭއޭއިން ޔޫއެންޑީޕީ އާއި ބްރިޓިޝް ހައި ކޮމިޝަނާ ގުޅިގެން ފަރުމާކުރި މި ޕޯޓަލް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
"ކާވެނި ޕޯޓަލް" ނަމުގައި ތައާރަފްކުރި މި ޕޯޓަލް އިން ކައިވެންޏާ ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާންމުންނަށް ފަސޭހަކުރުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ޑީޖޭއޭއިން ބުންޏެވެ.
މި ޕޯޓަލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕޯޓަލް އިން ހުށަހެޅޭނީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ކައިވެންޏާ ގުޅުން ހުރި ފޯމުތަކެވެ. ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓުގެ ފޯމުތައް ވެސް ހުށަހެޅޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.
ޕޯޓަލް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ ފޯމުތަކުގެ 60 ޕަސެންޓަކީ ކައިވެނީގެ ފޯމުތައް ކަމަށާއި މި ޕޯޓަލްއާ އެކު ކޯޓުތަކުން ދޭ ހިދުމަތްތަކާއި އެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި ޖޭއެސްސީގެ މެންބަރު ތުޅާދޫ ދާއިރާގެ ހިސާން ހުސައިން ވެސް ބައިވެރިވެ ވަޑައިގަތެވެ.