11 ޖޫން 2016 - 15:48

މާސޭ، ފްރާންސް (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗަށް މިރޭ ރަޝިއާއާ ދެކޮޅަށް ނުކުންނައިރު ފުރަތަމަ 11 ނެގުމުގައި ބޮލުގެ ރިހުމެއް ކުރިމަތިވެފައިވާ ކަމަށް އިނގިރޭސި ކޯޗު ރޯއީ ހޮޖްސަން ބުނެފި އެވެ.

ހޮޖްސަން ވަނީ އެކުވެރިކަމުގެ މެޗުތަކުގައި ގިނަ ކުޅުންތެރިންނަށް ފުރުސަތުދީ އެކި ފޯމޭޝަންތައް ޓެސްޓްކޮށްފަ އެވެ.
"ޓީމުން ޖާގަ ލިބޭ ފެންވަރުގެ މޮޅު ގިނަ ކުޅުންތެރިންތަކެއް ތިބުމާ އެކު ސިލެކްޝަން ހެދުމަކީ އަހަންނަށް ކުރިމަތިވެފައިވާ ބޮލުގެ ރިހުމެއް. އެކަމަކު މި ސްކޮޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އެންމެ ބޮޑު އުފަލަކީ 23 ކުޅުންތެރިން ވެސް ފިޓްކޮށް ތިބުން،" ހޮޖްސަން ބުންޏެވެ.
އިންގްލެންޑުގެ މި ފަހަރުގެ ސްކޮޑަކީ ޔޫރޯ އަށް އެ ޓީމުން މިހާތަނަށް ނެރޭ އެންމެ ޒުވާން ސްކޮޑެވެ. އެވްރެޖް އުމުރު 25.8 ގައި އުޅޭއިރު އެންމެ ފަހުގެ ޔޫރޯގައި ވާދަކުރި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ހިމެނެނީ ހަތަރު ކުޅުންތެރިންނެވެ. އެކަމަކު ތަޖުރިބާގެ މައްސަލަ ދިމާވެދާނެ ކަމަށް ހޮޖްސަން ނުދެކެ އެވެ.
"ކޮލިޓީ އެބަހުރި ސްކޮޑުގައި. އެކަމާ ސުވާލެއް ނެތް،" ހޮޖްސަން ބުންޏެވެ. "ޖުމްލަކޮށް ބަލާއިރު ތަޖުރިބާ މަދު ޓީމެއް މިއީ. ކުޅުންތެރިންގެ އުމުރާއި ގައުމީ ޓީމަށް މެޗު ކުޅެފައިވާ އަދަދަށް ބަލާއިރު. ތަޖުރިބާ ނެތް ތަންކޮޅު ޒުވާން ކުޅުންތެރިން ދުއްވާލާނެ ހިތްވަރުން."
އެންމެ ފަހުގެ ޔޫރޯ އިން އިންގްލެންޑް ކެޓީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވެގެންނެވެ. އެ ޓީމަށް 1966 ގެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައި ނުވާއިރު ހޮޖްސަން ބުނީ އަމާޒަކީ ދެވޭ އެންމެ ދުރަކަށް ދިއުން ކަމަށާއި އެކަމަކު ފުޓްބޯޅައިގައި ވާނެ ގޮތެއް ނޭގޭނެ ކަމަށެވެ.
އިންގްލެންޑާއި ރަޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.