އަދީބާއި ޒިޔަތު މިނިވަންކުރުން ޒީރޯ-ޓޮލަރެންސް ސިޔާސަތާ މުޅިން ހިލާފު: އެޗްއާރްސީއެމް
އަދީބާއި ޒިޔަތު މިނިވަންކުރުން ޒީރޯ-ޓޮލަރެންސް ސިޔާސަތާ މުޅިން ހިލާފު: އެޗްއާރްސީއެމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، މިނިވަންކުރުމަކީ މި ސަރުކާރުން ވެރިކަމަށް އައި އިރު ގެންގުޅު ޒީރޯ-ޓޮލަރެންސް ސިޔާސަތާ މުޅިން ހިލާފު، އަދި ކޮރަޕްޝަން ހުއްޓުވުމަށް ގެންގުޅު ސިޔާސަތަށް އެޅުނު ހުރަހެއް ކަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތަށް އެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވުމުން، މިހާރު އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަ އެވެ. މިކަމާ ގުޅިގެން ގާނޫނީ ބޭފުޅުންނާއި އާންމުންގެ ފާޑުކިޔުން ރައީސަށް ވަނީ އަމާޒުވެފަ އެވެ.

ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ރިޔާސީ ދައުރު ފެށިގެން އައީ ކޮރަޕްޝަން މައްސަލަތައް އަދި ވަކިން ހާއްސަކޮށް އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ނަމަވެސް މަންޒަރު އޮތީ ދިމާ އިދިކޮޅަށް ކަމަށެވެ.

"ކޮރަޕްޝަން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް ފިޔަވަޅު އަޅަން ނުކުޅެދިފައިވާއިރު، ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދިޔަ ބައެއް ފަރާތްތަކެއްގެ އަދަބު ލުއިކޮށްދިނުމުގެ ސަބަބުން އެ ފަރާތްތައް މިނިވަން ވެގެން ދިއުމަކީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތާ ހިލާފު އަދި ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތް ކަމެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމުން ބުނީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ގާނޫނުތަކެއް އެކުލަވާލައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އަދީބާއި ޒިޔަތު ދޫކޮށްލުމަކީ އަޅާފައިވާ ފިޔަވަޅުތަކަށް އެޅުނު ހުރަހެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަން ރުފިޔާ ނުލިބިވާ ކަމުގެ ކަންބޮޑުވުން ވެސް އެޗްއާރްސީއެމުން ވަނީ ފާޅުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ މި ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

މިއީ ރައްޔިތުންގެ އިތުބާރު ގެއްލި، ކުށް ކުރި ފަރާތްތަކުން އަލުން އެފަދަ ކުށްތަކަށް އަރައިގަތުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި، ކުށުގެ ބާވަތަށް ބެލުމެއް ނެތި ދައުލަތުގެ އެންމެ އިސްވެރިޔާއަށް މިގޮތަށް މާފު ދެވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަން ފާހަގަކޮށް ކްލެމެންސީ ގާނޫނު އިސްލާހުކުރަން ވަނީ ގޮވައިލައިފަ އެވެ.