މަޖިލިސް މެމްބަރުންގެ ސުލޫކީ ގަވާއިދު އެކުލަވާލަނީ
މަޖިލިސް މެމްބަރުންގެ ސުލޫކީ ގަވާއިދު އެކުލަވާލަނީ

އަމަލުކުރަމުން މިއަންނަ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް ހިންގުމުގެ ގަވާއިދު ކަނޑައަޅަންޖެހޭ އިރު، އެކަމާ ގުޅޭ މާއްދާގައި ހެދި ދާނެ ކަމަށް ބަޔާންކޮށްފައިވާ މަޖިލީހުގެ މެމްބަރުންގެ ސުލޫކީ މިންގަނޑާ ގުޅޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް މިއަދު އިއުލާނުކުރައްވައިފި އެވެ.

މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ނިޒާމް ނުގެއްލި ގާނޫނުއަސާސީން މަތިކޮށްފައިވާ ގާނޫނު ހެދުން ފަދަ ޒިންމާތައް އަދާކުރެވޭނެ މަގުފަހި ކޮށްދިނުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށެވެ.

އަދި މަޖިލީހުގެ ގަވާއިދުގެ ގަދަރު ރައްކާތެރިކޮށް ދިނުމާއި އޭގައި އުނިކަމެއް ވާ ނަމަ އެކަން އިސްލާހުކުރުމަކީ ވެސް މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަން ބަޔާންކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"...މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ކުރާ މަޖިލީހެއްގެ ގޮތުގައި މެމްބަރުން ދެކެވަޑައިގެންނެވިޔަސް، އެއީ އެކަން އޮތް ގޮތް ނޫން ކަމުގައި ދަންނަވަން،" މަޖިލީހުގެ އިއްޒަތާއި ގަދަރު ހިފެހެެއްޓުމަކީ ހުރިހާ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމުގައި ހަނދާންކޮށް ދެއްވައި އަސްލަމް ވިދާޅުވި އެވެ.

އެއާ އެކު، މަޖިލީހުގެ ނިޒާމު ނުގެއްލި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަން ނިންމަވާފައިވާ ކަން އެ މަނިކުފާނު މިއަދު އިއުލާނުކުރެއްވި އެވެ.

އޭގެ އެއް ފިޔަވަޅަކީ، އަސްލަމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން މީގެ ކުރީގެ މަޖިލިސްތަކުގައި މަސައްކަތްތަކެއްކޮށް އެކަމަކު އަދިވެސް ނިންމާފައިނުވާ މަޖިލީހުގެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލައި ނިންމުމެވެ.

"މީގެ ކުރީގެ މަޖިލިސްތަކުގައި އޭގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި، އެހެން ނަމަވެސް މި 19 ވަނަ މަޖިލީހުގައި އޭގެ މަސައްކަތްތަކެއް ކުރެވިފައި ނެތީމާ، ގާނޫނުއަސާސީގައި ބަޔާންކުރާ މި ދެންނެވި މެމްބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދުގެ މަސައްކަތް އަޅުގަނޑުކޮށް މެމްބަރުންގެ އެއްބާރުލުމާ އެކު އެ ގަވާއިދު ފާސްކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

މީގެއިތުރުން، މަޖިލީހަށް ހާޒިރުކުރާ ވަޒީރުންނާއި އެހެނިހެން ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއް ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ މަޖިލީހަށް ވަޑައިގަންނަވާ ނޫނީ ހާޒިރުކުރެވޭ ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުގެ އިދާރާއަށް އަމުރުކުރައްވައިފަ އެވެ.

އެގޮތަށް އަމުރުކުރެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ މަޖިލީހަށް ވަޑައިގެންނެވުމުން ހިނގި ހައިޖާނުތަކަށް ފަހު އެވެ.

އަމީރު ބަޖެޓު ހުށަހަޅުއްވަމުން ގެންދެވި އިރު، ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު ކަމަށް ބުނެ، މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ވަޒީރު އިންނެވި ގޮނޑިކޮޅު ވަށާލައި، އަޑުގަދަކޮށް، އޭނާއަށް ހުރަސްއަޅަން މަސައްކަތް ކޮށްފަ އެވެ.