19 ނޮވެމްބަރ 2023 - 06:45

ބުދަ ދުވަހާ ގުޅޭ
ކޮޅެއްގައި ނުޖެހި މައްސަލަ ދިގުލަމުން ގޮސް، އެއްރޭ ދަންވަރު ލުބާނާއަށް ހޭލެވުނީ ނޭވާނުލެވިގެންނެވެ. ލުބާނާ ތެޅިފޮޅިގަތެވެ. ރަޒީން ފުންމައިގެން ތެދުވިއެވެ.
"ހާސްވަނީ!" ލުބާނާއަށް ބުނެވުނެވެ. "ނޭވައެއް ނުލެ.. ނޭވައެއް ނުލެވޭ!"
"ދެން ލުބާނާ ކިޔާފާނެ ކޮންމެ ފަދަ އެއްޗެއް ވެސް،" ވަރަށް ހަމަޖެހިލާފައި، އަލުން އޮށޯންނަމުން ރަޒީން ބުންޏެވެ. "ނޭވާނުލެވޭ ނަމަ މިހާރު އޮންނާނީ މަރުވެފައެއްނު! ހަމަޖެހިލައިގެން ނިދާލާ!"
ރަޒީން އެހެން ބުނުމުން، ނޭވާލެވޭކަން ލުބާނާއަށް ވިސްނުނީކަމެއް ނުވަތަ އަލުން ނޭވާލެވެން ފެށީކަމެއް ލުބާނާއަކަށް ނޭނގެއެވެ. ހާސްކަން ފިލިއެވެ. ހިތުވިންދު ހުރީ އަވަސްވެފައެވެ. އޭސީ ޖައްސާފައިހުއްޓަސް، ދާހިތްލައިގެން ބުރަކަށި ތެމިފައިވާކަން ލުބާނާއަށް އިހުސާސްކުރެވުނެވެ. އެއް ކަމެއް ލުބާނާއަށް ކަށަވަރެވެ. ނޭވާނުލެވުން އެއީ ލުބާނާގެ ހީއެއް ނޫނެވެ. ޔަގީނުން ވެސް، ނޭވާނުލެވި ސިކުންތުކޮޅެއް ދިޔައެވެ. ދެން އެ ރެޔަކު ލުބާނާއަކަށް ނުނިދުނެވެ. ވިސްނަން އޮވެވުނީއެވެ. ހިތަށްއެރިއެވެ. އެއީ މަރު ކައިރިވާކަމުގެ އަލާމާތެއްހެއްޔެވެ؟ އެއްދުވަހު ލުބާނާ ނިދައިފައި ނުހޭލާނީހެއްޔެވެ؟ އެހެން ކަމަކާ މެދު ވެސް ވިސްނުނެވެ. ރަޒީނަށް ނޭވާލައިދެނީ ލުބާނާއެވެ. އެސްފިޔަޖަހައިދެނީ ވެސް ލުބާނާއެވެ. އެކަމަކު، ލުބާނާއަށް ނޭވާނުލެވިގެން ތެޅުނު އިރު ވެސް ރަޒީން ކަންބޮޑުވިތަނެއް ލުބާނާއަކަށް ނުފެނުނެވެ. އެ ފަދަ މީހަކަށް ޓަކައި ލުބާނާގެ ދިރިއުޅުން ގުރުބާންކުރުން އެއީ ރަނގަޅު ނިންމުމެއްބާއެވެ؟
ހަޔާތުގެ ކަންކަން ރޭވިފައިހުންނަންޖެހެނީ އިސްކަންދޭ ތަރުތީބަކުންނެވެ. ކުރިން ނިންމަންޖެހޭ ކަންތައްތަކާއި، ފަހަަށް ބަހައްޓަންޖެހޭ މަސައްކަތްތައް ހުރެއެވެ. ލުބާނާއަށް އޮޅުންއަރާފައިވަނީ އެ ތަރުތީބެވެ. ރަޒީންގެ އަންނައުނު އަލަމާރި ހުޅުވައިގެން ހުރި އިރު ވެސް ލުބާނާގެ ހިތުގައި ޝަކުވާ ފުނިޖެހެމުންދިޔައެވެ. ކޮޅުންކޮޅަށް ބަރިޖަހައިފައިވާ އަންނައުނުތަކުގެ ތެރޭގައި، ރަޒީން އެކަނި ގޮސް ގަތް އެންމެ އަންނައުނެއް ވެސް ނެތެވެ. ވިޔަފާރި ދަތުރެއްގައި އެހެން ގައުމެއްގައި ހުއްޓަސް، ގަމީހުގެ ޑިޒައިނާއި ކުލަ ނިންމަންޖެހެނީ ލުބާނާއަށެވެ. ބައެއް ފަހަރު އެއީ ދިގު މަރުހަލާއެކެވެ. ގިނަ ވަގުތުތަކެއް ހޭދަވާ ކަމެކެވެ. ބޫޓާއި ޓައީގެ އިތުރުން، ރަޒީނަށް ކަމުދާ ޝޭންޕޫ ވެސް ދައްކަންޖެހެނީ ލުބާނާއެވެ. ކޮންމެ ދުވަހަކު ލާންވާ ގަމީހާއި ފަޓުލޫނު ވެސް ނަގައިދޭންޖެހޭނީ ލުބާނާއެވެ. އެތައް ސެންޓެއް ރަޒީން ގެންގުޅެއެވެ. އެކަމަކު ދުވަހަކު ވެސް ރަޒީން އަމިއްލައަށް ސެންޓުޖެހޭކަމަކަށް ނުވެއެވެ. ކޮންމެ ކަމެއް ކުރަން ހުއްޓަސް، އެ ކަމެއް ހުއްޓާލައިފައި ލުބާނާ ޖެހޭނީ ލުބާނާ ބޭނުން ފުޅިއަކުން ސެންޓުޖަހައިދޭށެވެ.
ރަޒީން ފެންވަރަން ބޭނުންކުރާ ހުރިހާ ސާމާނެއް ހުސްވޭތޯ ބެލުމަކީ ވެސް ލުބާނާގެ ޒިންމާއެކެވެ. ސައިބޯނި ހުސްވިޔަސް ރަޒީނެއް ނުބުނެއެވެ. ރަޒީން ހުންނަނީ ސައިބޯނި ނުލައެވެ. ދެން ބޭނުންކުރަނީ ލުބާނާގެ ސައިބޯންޏެވެ. ރުޅިއަންނަން ރަޒީނަށް ނޭނގޭ ކަހަލައެވެ. ރަޒީންގެ ހަރުދަނާކަމަށް ވިސްނި އިރު ވެސް އޭނައަށް ދޭންޖެހޭ ޕޮއިންޓު މަދެއް ނޫނެވެ. އަންނައުނު ބާލައިފައި ޖެހުނު ތަނަކަށް އުކައިފައެއް ނުހުރެއެވެ. ގޭގައި ކުރަންހުންނަ، ލުބާނާއަށް ނުކުރެވޭ ކަހަލަ މަސައްކަތްތައް ރަޒީން ކުރެއެވެ. ލުބާނާ ލައްވައި ކުރުވަނީ ވަރަށް ކުދިކުދި ކަންތަކެވެ. ބޫޓާ އެކުގައި އަރާނީ ކޮން އިސްޓާކީނެއްކަން ނިންމަންޖެހޭނީ ލުބާނާއެވެ. ބޫޓު އެތެރެއަށް ވެއްދުމާއި، އަލުން ބޭރުގައި ބަހައްޓަންޖެހޭނީ ލުބާނާއެވެ. ދެމަފިރިން އެކުގައި ގެއިން ނުކުމެއްޖެއްޔާ، ނުކުންނަ އިރާއި ވަންނަ އިރު ވެސް ދޮރު ތަޅުލަންޖެހޭނީ ލުބާނާއެވެ. ހަމަ އެންމެ ފަހަރަކު ވެސް ރަޒީން އެ ކަމެއް ނުކުރެއެވެ. ބައެއް ފަހަރު ލުބާނާ ހިތަށްއަރައެވެ. ރަޒީނަކީ ގޯސްމީހެއްހެއްޔެވެ؟ ރަނގަޅު މީހެއްހެއްޔެވެ؟ ހިތްވަރުކޮށްފައި ލުބާނާއަށް ވަރިވެވިދާނެއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ މައްސަލައަކީ ރަށަށް ދާންޖެހޭތީއެއް ނޫނެވެ. ދަރިންނާއި މާމަދަރިން ނުފެންނަ ހިސާބުގައި ލުބާނާއަށް އުޅެވޭނެހެއްޔެވެ؟ ހިތަށް ކެތްވާނެހެއްޔެވެ
ބޮޑު ޗުއްޓީއެއް ބޯމަތިވަމުންއައި ދުވަސްވަރެކެވެ. ދޮށީ ދަރިފުޅު މާހީ އުޅުނީ ކޮޗިން ދަތުރެއް ރާވައިގެންނެވެ. އެ ދަތުރުގައި މާމަ ގޮވައިގެން ނޫނީ ނުދާން މާހީގެ ހަގު ދަރިފުޅު ހުރީ ނިންމައިގެންނެވެ. ލުބާނާއަކަށް ގޮތެއް ނުނިންމެއެވެ. މާހީގެ ބަޔަށް ލުބާނާ އައި ވަގުތެއްގައި، ލުބާނާގެ ފަހުގެ ނިންމުން އަޑުއަހަން މާހީ ބޭނުންވިއެވެ.
"މިއަދު ޓިކެޓުނަގާ އިރު މަންމަޔާ ވެސް އެއްކޮށް ޓިކެޓު ނަގާނީ،" މާހީ ބުންޏެވެ. "ފަހުން ބަދަލުނުކުރާތި!"
"ފާޑެއްގެ ގޮތެއްވެފަ ހުންނަނީ،" ސޯފާގައި ނުގޮތަކަށް އިށީނދެގެންއިން ލުބާނާ ބުންޏެވެ. "ކަމެއްކުރާ ހިތެއްނުވެޔޭ ދަރިފުޅާ! މިހެން ބުންޏަސް ދަރިފުޅަކަށް ނުވެސް ވިސްނޭނެ."
"އަހަންނަށް ވިސްނެޔޭ މަންމާ!" ލުބާނާ ބުންޏެވެ. "ރަޔާނަށް މަންމަ ވިސްނައިދީބަލަ! އަހަރެން އޭނައަށް ވިސްނައިދީދީ މޮޔަވެއްޖެ! އެކަމަކު އޭނަ ބުނަނީ މާމަ ބައްޔެއް ނޫނޭ! އަހަރެން ވެސް އެހެން ހިތަށްއަރާ! މަންމަ ބޭނުންވާ ގޮތަށް ބައްޕަ ޗޭންޖުވީމަ މަންމަ ހެޕީއެއްނު ވާންވީ."
ލުބާނާ ވިސްނައިލިއެވެ. މާހީ ބުނި އެއްޗަކަށް ދެކޮޅުހެދޭކަށް ލުބާނާއަކަށް ނެތެވެ. މައްސަލައިގެ މުލަކީ އެއީއެވެ.
"ތި ކަން އެނގެޔޭ ދަރިފުޅާ!" ލުބާނާ ބުންޏެވެ. "އެކަމަކު ސާޅީސް އަހަރުވަންދެން.."
"ފޯޓީ ކީއްކުރަން އެއް އަހަރުވަންދެން ވެސް އަހަންނަކަށް ކެތެއްނުވާނެ،" ނީނދެވިގެން މާހީ ބުންޏެވެ. "ރަޔާނަށް ވުރެ ބައްޕަ އަދި ވެސް ކުޑަ. އަހަރެން ކިތައް ދުވަހު މަންމަ ގާތުގަ ބުނިން ތި ކަން ހުއްޓާށޭ! ބައްޕަ ސްޕޮއިލް ވެއްޖެއްޔާ ފަހުން ވަރަށް އުނދަގޫވާނޭ ވެސް ބުނިން. އެކަމަކު މަންމައެއްނު ބުނީ، ފިރިމީހާ ދެކެ ލޯބިވަނީ އެހެންނޭ! އެއީ މާމަ ވެސް އުޅުނު ގޮތޭ! ދަރިފުޅު ވެސް އެހެނޭ އުޅެން ޖެހޭނީ! އެނގޭތަ؟ އަހަރެން ނޫޅެން އެހެނެއް. މަންމައަށް ފެންނާނެ ހަސަން އުޅޭ ގޮތް. ދުވަހަކު ވެސް އަތަށް އަންގިލައްވައިގެން، ފެންތަށްޓެއް ގެންނާށޭ ގޮވާލަގޮވާލައެއް އޭނަ ނުހުންނާނެ."
"ތި ކަހަލަ ތަންތަން ފެންނަން ފެށީމައޭ މަންމައަށް މި ވިސްނުނީ މި ކުރެވުނީ ކިހާ ގޯސްކަމެއްކަން،" ލުބާނާ ބުންޏެވެ. "މަންމަގެ ރައްޓެހިން ވެސް ހާދަ މިނިވަންކޮށޭ އެ އުޅެނީ. މަންމަ މިހާރު ވަރުބަލިވެއްޖެ! ވަރަށް ބަލި ވެސް ވެއްެޖެ! ރައްޓެހިން ވަރަށް މަލާމާތް ވެސް ކުރޭ! ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު، އިރުއިރުކޮޅާ އިރުއިރުކޮޅާ.. މަންމަ ނުދެކެން އެއްވެސް ފިރިޔަކު އެހެން އުޅޭ ތަނެއް. ގައިމު މި ގެއަށް ވެސް ފަސް ފިރިހެނުން އައިސް އެބަ އުޅޭ! ދުވާލަކު އެތައް ފަހަރަކު މަންމަ އެކި ބައިބަޔަށް ވަންނަން. އެކަކު ވެސް އެ ފާޑަކަށް ނޫޅޭ!"
އެ ދުވަހަކީ ބަހުސް ތަންކޮޅެއް ދިގުވި ދުވަހެކެވެ. ލުބާނާ އަޑުއަހަން ބޭނުން ނޫން ވާހަކަތަކެއް އަޑުއަހަންޖެހުނު ދުވަހެކެވެ.
"ބޭނުމެއް ނޫން މިހެން ބުނާކަށް އެކަމަކު ބައްޕަ ނޯމަލްއެއް ނޫނޭ މަންމާ!" މާހީ ވަރަށް އޯގާވެރިކޮށް ބުންޏެވެ. "މަންމަމެން ބަޔަށް ވަދެފަ ނުކުންނަ އިރު އަހަރެން ހުންނަނީ ބޮލަށް އެނބުރުންއަރާފަ. ހަމަ ހުވާ! އަމިއްލައަށް ތަށްޓަށް އެއްޗެހި އަޅާލާ، އަމިއްލައަށް މައިކްރޯވޭވްކޮށްލުން އެއީ ދެން އެ ވަރު ކަމެއްތަ؟ ނުޖެހޭނެ ބަތްމޮޑެދޭކަށް. މަންމަ ދުށީމެއްނު ހަސަން އުޅޭ ގޮތް. އޭނަ ބިސްގަނޑާ، ސޭންޑުވިޗާ، ނޫޑުލްސްއާ އޭތިމީތި ހަދާނެ. ބައެއް ދުވަސްދުވަހު ކުނި ވެސް ކަހައިދޭނެ. މޮޕް ވެސް ލައިދޭނެ. ބޮޑެތިސިންގާ ފިރިހެނުން. އެ ވަރު ކަމެއް ކޮށްލެވެން ޖެހޭނެ ދޯ؟ މާ ކުރިން ވެސް އެނގޭ މަންމަ ފެޑަޕްވާނެކަން. ކުރީ ދުވަހު ވެސް ބައްޕަ އަތްދޮންނަން ސިންކު ކައިރިއަށް ގޮއްސަ ކިހާ އިރަކު އެ ތާ ހުރި މަންމަ އިސްކުރު ދޫކުރަން ނައިސްގެން؟ މަންމަ ދެރަވެދާނެތީ އަހަރުމެން މަޖަލަކަށް ހަދައިލިޔަސް ދެޓްސް ޓޫ މަޗް މަންމާ! މީހުން ބުނާނެ އެއްޗަކަށް ނުބަލާ މަންމަ އެބަ ޖެހޭ މަންމަޔާ ދޭތެރޭގަ ވިސްނަން. ޕްލީޒް މަންމާ!"
"ދަރިފުޅަށް ހަމަ އަސްލު ވެސް އޯކޭތަ މަންމަ ވަރިވިޔަސް؟" ލުބާނާ އެހިއެވެ. "ރުޅިއެއް ނާންނާނަން؟"
"އާނއެކޭ!" މާހީ ބުންޏެވެ. "އުފާވާނީ."
ހަވީރު މަސްރޮށި ފިހަން މަސްގަނޑު މޮޑެންއިން އިރު ވެސް ލުބާނާއަށް ވިސްނުނީ އެންމެ ކަމަކަށެވެ. ކައިވެންޏަށް ސާޅީސް އަހަރުވާން ކައިރިވެފައިއޮއްވައި، ވަރިވާންވީހެއްޔެވެ؟ ކުދީން ދޫކޮށްލާފައި ރަށަށްދާންވީހެއްޔެވެ؟ އޭރުން ގައިމު ވެސް ނޭވާލާން ފުރުސަތުލިބޭނެއެވެ.
"އޭ! ވަރަށް އަވަހަށް އާދެބަލަ!" ރަޒީން ކޮޓަރިން ބޯދިއްކޮށްލައިފައި ބުންޏެވެ.
ސަހަލު ކަމަކު ނުގޮވާނެކަން ލުބާނާއަށް ކަށަވަރެވެ. އެހެންވެ ނުދާން އިނީއެވެ. އެހެނަސް ރަޒީން ކުރެއްނުކުރިއެވެ. އެންމެ ފަހުން ލުބާނާ ދިޔައެވެ. ކޮޓަރިއަށް ވަން އިރު ރަޒީން އޮތީ އެނދުގައި އޮށޯވެލައިގެން ފޯނާކުޅޭށެވެ.
"ފާރުގަ އޭނީ މަދިރިއެއް،" އިޝާރާތްކޮށްފައި ރަޒީން ބުންޏެވެ. "މަރާލަބަލަ!"
"ރަޒީން! އަހަރެން މީނީ މަސްގަނޑު މޮޑޭށޭ!" ދެއަތް ދައްކައިލަމުން ލުބާނާ ބުންޏެވެ. "އެ އޮތީ ރެކެޓު. މިހިރީ ޓިޝޫ. އެހެރީ ޝެލްޓެކްސް."
"ދޭބަލަ އަތް ދޮވެލައިގެން އަންނަން. އަހަރެން ދާ ތަނާ މަދިރި އުދުއްސައިގެންފާނެ. ދެން ނުވެސް ފެންނާނެ،" ރަޒީން ބުންޏެވެ. "ލުބާނާއަށް ގޮވަން ނުކުމެނުކުމެ ވަރަށް ވަރުބަލި ވެސް ވެފަ މި އޮތީ."
އެއްވެސް އެއްޗެއް ނުބުނެ ލުބާނާ ނުކުންނަން ހިނގައިގަތްތަނާ އަނެއްކާ ގޮވިއެވެ.
"ވެއްޓިފަ ތިޔޮއް ބާލީސް އެނދަށްލާފަ ދޭބަލަ!" ރަޒީން އެދުނެވެ.
އެ ދުވަހަކީ ލުބާނާ ގޮތެއް ނިންމި ދުވަހެވެ. މޮޔަވުމުގެ ކުރިން އެ ތަނުން ނުކުތުމެވެ. ރަށަށް ދިޔުމެވެ. އެކަނި އަތިރިމަތީގައި އިންނަން ވިޔަސްވެހެވެ. ބޮލިހިލަން ޖެހުނަސް، ބޮނބިތަޅަން ޖެހުނަސް ލުބާނާއަށް ފަރުވާލެއް ނެތެވެ. މަސައްކަތެއް ނުލިބުނިއްޔާ ބަނޑަށް އޮވެ މަރުވުން ވެސް ލުބާނާގެ ބޮލަށް މާ ފަސޭހައެވެ. ރަށުގައި ވެސް ލުބާނާގެ ރައްޓެހިން އުޅޭނެއެވެ. ކިތަންމެ ދުވަހަކު މާލޭގައި އުޅުނަސް، ފޯނުން ރައްޓެހިންނާ ގުޅުންބޭއްވޭތީ، އެކަނި ނުވާނެކަމުގެ ޔަގީންކަން ލުބާނާއަށް އޮތެވެ. ރަށަށް ގޮސް ގޮނޑުދޮށުގައި ހިނގާލައި، މޫދަށްއެރިލައި، ގަސްއިންދައި ހެދޭނެއެވެ. އަމިއްލަ ނަފުސާ މެދު ވިސްނައިލަން ވަގުތުލިބޭނެއެވެ.
"އަޅެ އަމިއްލައަށް ނަގާ ނަމަ.." ލުބާނާ ބުނެއެވެ.
"މަ ނުޖެހޭނެ އަމިއްލައަށް ނަގާކަށް،" ރަޒީން ބުނެއެވެ. "އަހަރެންގެ ކަންތައް ކޮށްދޭން ހުންނާނެ އަހަރެންގެ ވައިފް."
"ރަޒީން! އަހަންނަކަށް މިހެނެއް ނޫޅެވޭނެ!" އެންމެ ފަހުން ލުބާނާ ބުންޏެވެ. "ލައްކަ ދުވަސް ވެއްޖެ މި ވާހަކަދައްކަން އުޅޭތާ! އަހަރެން ވަރިކޮށްދީ!"
-ނުނިމޭ-