އާދަ
އާދަ

އާދިއްތަ ދުވަހާ ގުޅޭ

"ވަރިވެއްޖެއްޔާ؟" ލުބާނާ އެހިއެވެ.

ލުބާނާ އެހެން ބުނުމުން ރަޒީން ބަލައިލީ، ތި ބުނީ ކީކޭހޭ ނުވަތަ ތީ ކީއްވެ ބުނި އެއްޗެއްހޭ އަހާ ކަހަލަ ގޮތަކަށެވެ. ރަޒީނަކީ، ތިމާއަކީ އެންމެ ހެޔޮ ފިރިމީހާކަމުގައި ހީކޮށްގެންހުރި މީހެކެވެ. ލުބާނާ އަޅައިދިން އަކުރު މަތީގައި ނޫނީ އަކުރުނާޅާކަމުގެ ޔަގީންކަމުގައިހުރި މީހެކެވެ. ދާ ކޮންމެ ތަނަކަށް ލުބާނާ ގެންދާ، ލުބާނާ އަތުން ނޫނީ ފެންފޮދެއް ވެސް ބޯން ބޭނުންނުވާ ފިރިއެކެވެ. އެހައި ލޯބިވާ ފިރިއެއް ކައިރިން ވަރިވާން ލުބާނާ ހިތަށް ވެސް އަރައިފާނެކަމަކަށް ރަޒީން ހިޔެއް ނުކުރެއެވެ.

"ކީއްވެ ތިހާ ހައިރާންވީ؟" ލުބާނާ ސުވާލުކުރިއެވެ.

"އަހަރެންނަށް އަޑުއިވުނު ގޮތް ބުނަން؟" ރަޒީން ޔަގީންކޮށްލަން ބޭނުންވެގެން ބުންޏެވެ. "ވަރިވެއްޖެއްޔާއޭ؟"

"ރަނގަޅަށޭ ތި އަޑުއިވުނީ،" ލުބާނާ ތަކުރާރުކޮށްލިއެވެ. "ރަޒީން ތި ބުނީ އަނބިމީހާޔާ ދޭތެރޭ ވިސްނާނީ ފިރިމީހާއޭ. އަހަރެން މި އެހީ ވަރިވެއްޖެއްޔާއޭ. އޭރުން އަހަންނާ ދޭތެރޭގަ ވިސްނާކަށް ރަޒީނެއް ނުހުންނާނެ. ދެން ހުންނާނީ އަހަންނެއްނު."

އެ ހިސާބުން ރަޒީންގެ ދޫ ތަޅުލެވޭނެކަމަށް ލުބާނާ ހީކުރި ނަމަވެސް، ކަންތައްވެގެންދިޔައީ ދިމާ އިދިކޮޅަށެވެ. ރަޒީން ކަލަގޮވަން ފެށިއެވެ. ހީވީ ލުބާނާއަށް ރަޒީން ކޮށްދިން ކަންތައް ފޮތެއްގައި ލިޔެފައިހުރިހެންނެވެ. އެހައި ވެސް ތަރުތީބުކޮށް، ތަފުސީލުކޮށް، ކަމަކަށް ފަހު ކަމެއް ކިޔަމުންގޮސް ހައްޖަށާއި އުމުރާއަށް ގެންގޮސްދިން ވާހަކަ ބުނެފައި ރަޒީނަށް އަތްދަމައިގަނެވުނެވެ. ލުބާނާއަށް ތަންކޮޅެއް ބޮޑަށް ނިޔަފަތިކަނޑައިލެވުމުން ރަޒީނަށް ތަދުވީއެވެ. ރަޒީން ހީކުރީ ލުބާނާ މާފަށްއެދޭނެކަމަށެވެ. ދެރަވާނެކަމަށެވެ. އެ ކަން ވެސް ވީ ދިމާ އިދިކޮޅަށެވެ. ރަޒީނަށް ދަތި ދީފައި ލުބާނާ ތެދުވެގެން ދިޔައީއެވެ. ހިތަށް ލުއިކުރުމަށް ޓަކައި އެ ވާހަކަ ވެސް ހިއްސާކުރީ ޒާހިދާޔާއެވެ.

"އަހަރެން ހިތަށްއެރި އިނގިލި ބުރިކޮށްލަފާނަމޭ ވެސް،" ފޯނުން އެ ވާހަކަދައްކަމުން ލުބާނާ ބުންޏެވެ. "އެހެންޏަ! އެއީ ކަލަގޮވާ ކަހަލަ ކަމެއްތަ؟ އަހަރެންނަށް ވެސް ކަލަގޮވުނީހޭ! އެކަމަކު އެ ފެންވަރަށް ނުވެއްޓެންވެގެން ނުގޮވީ. ހަ ދަރިން އެ ތިބީ ބޮޑުކޮށްފަ. އެއިން އެންމެ ކުއްޖެއްގެ ނެޕީ، އެންމެ ފަހަރަކު ވެސް ރަޒީން ނުހުންނާނެ ބަދަލުކޮށްދީފައެއް. ދަރިންގެ ވާހަކަ ބާއްވާ! ބޮޑުނުވާ ކުއްޖެއް ގެންގުޅޭތާ ސާޅީހަކަށް އަހަރުމިވަނީ. ނޫންތަ؟"

ލުބާނާ ހުރީ ވަރަށް ރުޅިއައިސްފައެވެ. ދެރަ ވެސް ވެފައެވެ. އެހެން ނޫން ނަމަ، ބުނެލާނެ ކިތަންމެ ވާހަކައެއް ޒާހިދާ ހިތަށްއެރިއެވެ. އެކަމަކު އެހައި މާޔޫސްވެފައިހުރި ވަގުތެއްގައި އެ ވާހަކަތައް ދައްކައިގެން އެކުވެރިޔާ އިތުރަށް ދެރަކުރާކަށް ޒާހިދާ ބޭނުމެއް ނޫނެވެ. ހުރިހައި ވާހަކައެއް އެތެރެއަށް ހިންދައިލައިފައި ޒާހިދާ ދިނީ ހިތްވަރާއި ނަސޭހަތެވެ.

"މިހާރު ތި ކުރެވެނީ ކުރަން ނުވާ ވަރުގެ ކަންތައް،" ވަރަށް އޯގާތެރިކަމާއެކު ޒާހިދާ ބުންޏެވެ. "ހަމަ އެންމެ ރަނގަޅުވާނީ، ރީތިކޮށް ދެމީހުން ވަކިވުން. ދަރިންނާ، ލުބާނާއަށް ވެސް ވިސްނާފަ މި ބުނަނީ."

ފިރިމީހާއަށް ކުދިއަނިޔާކުރުމަކީ ލުބާނާ ކުރާހިތްވާކަމެއް ނޫނެވެ. ފަހުން ދެރަ ވެސް ވިއެވެ. ރަޒީނަކީ ލުބާނާޔާއަށް އަނިޔާއެއް ނުކުރާ ތަނުގައި ލުބާނާޔާ ދިމާއަށް، އަޑުވީއްލައި އެއްޗެއް ވެސް ބުނާ މީހެއް ނޫނެވެ. ލުބާނާއަށް ފިލުވަންޖެހިފައިވަނީ ހަމަ ލުބާނާގެ ދެ އަތުން ކެހި ކަނޑުލެއްގެ ހިއްޗެވެ. ރަޒީންގެ ކުށެއް ކޮބައިހެއްޔެވެ؟ އެހެން ވެސް ލުބާނާ ހިތަށްއެރިއެވެ. ލުބާނާ ވަރިވެއްޖެ ނަމަ ރަޒީން ވަރަށް ދެރަވާނެއެވެ. އެއީ ވެސް ލުބާނާގެ ނިންމުން ތަންފީޒުކުރަން ފަސްޖެހެވޭ ސަބަބެކެވެ.

ލުބާނާގެ މަދު ރައްޓެހިން ތެރޭގައި ގިނައީ ފިރިމަރުވެފައި ނުވަތަ ވަރިވެފަ ތިބި މީހުންނެވެ. ފިރިން ތިބީ މަދު މީހެއްގެއެވެ. އެ މީހުންނަކަށް ވެސް ފިރިންގެ "އުނދަގުލެއް" ނުޖެހެއެވެ. އަނބިމީހާ ހަތަރުދަމު ލޯކުރިމަތީގައި ނީނދެގެން މައްސަލައެއް ނުޖައްސައެވެ. މިނެޓަކު އެއްފަހަރަކު ނުގުޅައެވެ. ކާން ތައްޔާރުކޮށްފައި އައީމައި އަމިއްލައަށް ކެވެއެވެ. އަމިއްލައަށް ފެންބޮވެއެވެ. ނޭވާލާން ފުރުސަތުދެއެވެ. މިއަދު ދެވޭނީ ތަންކޮޅެއް ލަހުންނޭ ބުނެފި ނަމަ، ކެވޭނެ ގޮތެއް ނެތިގެނެއް ފިރިން ނޫޅެއެވެ. ބައެއް ފަހަރު އެކަނި އިނދެގެން ކެއުމާއި، ރައްޓެހިންނާ އެކުގައި ތަނަކަށް ގޮސް ކެއުން މައްސަލައަކަށް ނުވެއެވެ. އޮފީހުން ގެއަށް އަންނަ އިރު، ބައެއް ފަހަރު ތަނަކުން ކާއެއްޗެއް ގަނެލައިގެން އައުން ވެސް ކަމަކަށް ނުވެއެވެ. ލުބާނާ އެ ފުރުސަތުން މަހުރޫމުވީ ކީއްވެގެންހެއްޔެވެ؟ އެހެން އަނބިންނަށް ވުރެ ލުބާނާ ފިރިމީހާއަށް ހެޔޮވީމަހެއްޔެވެ؟ އެއީ ކޮން ކަހަލަ އިންސާފެއްހެއްޔެވެ؟ ލުބާނާގެ ހިތުގައި އުފެދޭ ސުވާލުތަކަކީ އެއީއެވެ.

ވަރިވާން ނުކެރި ލުބާނާގެ ދުވަސްތައް ދިގުލާން ފެށިއެވެ. އުނދަގޫ ނުވާތީއެއް ނޫނެވެ. ރަޒީނާ އެކުގައި އުޅެން ބޭނުންވާތީއެއް ވެސް ނޫނެވެ. ކުށް ތިމަންނަ ކޮށްފައި އަދަބު އެހެން މީހަކަށް ދެވޭހެން ހީވާތީއެވެ. ލުބާނާ ބުނި ގޮތަށް ރަޒީން ކަންތައްކުރުމުން އެ ކަމަށް ވެސް ރަޒީނަށް އަދަބުދެވޭހެން ހީވާތީއެވެ. ފިކުރުތައް އެއްފަރާތްކުރުމަށް ޑަކުޓަރު ބުނެފައިއޮއްވައި، ފިކުރުގެ ކަނޑެއްގައި ލުބާނާ ފީނީއެވެ. ހުޅުމާލޭ އަތިރިމަތީގައިހުރި އަށްޓެއްގައި އިށީނދެގެން އެތައް އިރަކު ލުބާނާ އިނެވެ.

"އެ ގުޅީ!" ގާތުގައި އިން ޒާހިދާ ބުންޏެވެ. "ޖާގަ ލިބުނީކަން ނޭނގެ."

ލުބާނާ އެއްޗެއް ނުބުނެއެވެ. ބުނާނެ ހިތްވަރެއް ވެސް ނެތެވެ. ދެއްކި ވާހަކައެއް ދެއްކުމަށް ފަހު ޒާހިދާ ފޯނު ބޭއްވިއެވެ.

"މޭޒެއް ހުސްވެއްޖޯ! އެމީހުން މިހާރު އެތެރޭގަ ތިބީ!" ތެދުވަމުން ޒާހިދާ ބުންޏެވެ. "ހިނގާ ދަމާ!"

"ހަމަ އަސްލު ވެސް އަހަރެން ނެތް ކާހިތެއް،" ލުބާނާ ބުންޏެވެ. "ގޮއްސަ ކައިގެން އާދޭ! މަ އިންނާނަން މި ތާ."

އެކުވެރިންނާ އެކުގައި ލުބާނާ ހުޅުމާލެއަށް އައީ ބޯހަމަޖައްސައިލުމަށް ޓަކައެވެ. ނޭވައިލުމަށް ޓަކައެވެ. އެ ކަން ވާހެނެއް ލުބާނާއަކަށް ހިޔެއްނުވެއެވެ. ލޮލުކޮޅަށް އޮބައިފައިވާ އުދަރެސް ވެސް ލުބާނާއަށް ހީވަނީ ނޭފަތުގެ ކޮޅުގައި ޖެހިފައި އޮތްހެންނެވެ.

"އަސްލު ތެދަށް ބުނަން؟ އަހަންނަކަށް އެއްވެސް ގެރެންޓީއެއް ނެތް ލުބާނާ ކަނޑަށްއެރި މަރުނުވާނެކަމެއް،" ލުބާނާގެ އަތުގައި ހިފަމުން ޒާހިދާ ބުންޏެވެ. "ގޮވައިގެން ދާނީ."

އެ ވަގުތު ރަޒީންގެ ފޯނެއްއައެވެ. ރަޒީންގެ ކާގަޑިޖެހުނީއެވެ.

"ނަގާނެކަމެއް ނެތް!" ޒާހިދާ ބުންޏެވެ.

ލުބާނާ ފޯނު ނެގިއެވެ. ދެވޭނީ ތަންކޮޅެއް ލަހުންކަމުގައި ބުންޏެވެ. އެހެން ބުނި އިރު ވެސް، އެ ވާނީ ބޭކާރު ވާހަކައަކަށްކަން ލުބާނާއަށް ނޭނގެނީކީ ނޫނެވެ.

"އަޅެ ދެން އަހަރެން ކިހިނެއް ކާނީ؟" ރަޒީން އެހިއެވެ. "އަޅެ އަހަންނަށް ކާންދީފަ ދާން އާދޭ!"

"ކައްކާފައޭ ހުންނާނީ،" ވަރަށް އޯގާވެރިކަމާ އެކުގައި ލުބާނާ ބުންޏެވެ. "އަހަރެން މިހިރީ ހުޅުމާލޭގަ. ކޮންމެ ވެސް ކުއްޖަކަށް ގުޅާލާފަ ބުނެބަލަ ބައްޕައަށް ކާންހަދައިލަދޭށޭ! ހުރިހާ ކުދިން ވެސް ގޭގަ އެބަ އުޅޭ! އަހަރެން ގުޅާލާފަ ބުނަންތަ؟"

"އުހޫ! ކުދިން ލައްވާ ކާންހަދުވާ ނަމަ އެ ކުދިންގެ ބަޔަށް ގޮސް ކެއީމަ ނިމުނީނު،" ރަޒީން ޖަވާބުދިނެވެ. "އަހަރެން އެހައި ބަނޑުހައެއް ނުވެސްވޭ! ކޮފީމެޝިނުން ކޮފީއެއް ހަދާލިޔަސް ރަނގަޅުވާނެ. ބޭނުންވަނީ ކުރިމަތީގަ ލުބާނާ ބައިންދަން. އާދޭ ދެން. އަހަރެންގެ އަންހެނުންނެއްނު އަހަރެން ކައިރީގަ އިންނަން ޖެހޭނީ. ލުބާނާ އަތުވެއްޖެއްޔާ ބަތްކާ ހިތް ވެސް ވެދާނެކަން ނޭނގެ."

ކައިރީގައިހުރި ޒާހިދާ ހުރީ ފޫހިވެގެން މަރުވާ ވަރު ވެފައެވެ. ޒާހިދާ ނަމަ، އެ ކަހަލަ ފިރިޔަކާ އެކުގައި އެންމެ މިނެޓެއް ވެސް ހޭދަނުކުރީހެވެ. އެހެނަސް، ލުބާނާ ވަރަށް ކެތްތެރިއެވެ. އާދަވެފައިހުރީމައެވެ.

"ރަޒީން ބުނެގެން ރަޒީނަށް މީރު ގޮތަށް ގަރުދިޔަ ކައްކާފަ ހުންނާނީ،" ހަމަޖެހިލާފައި ލުބާނާ ބުންޏެވެ. "އަމިއްލައަށް.."

"ތި ވީ ގޮތުން ބަތްމޮޑެދޭން ހަމަ އަންނަންޖެހޭނީ،" ވަރަށް ގަޔާވެފައި ރަޒީން ބުންޏެވެ. "އަހަންނަކަށް ނޭނގޭނެ ލުބާނާ ފިތާ ގޮތަށް މިރުސް ފިތާކަށް ވެސް. މިހާރު ވެސް ކުޅުދިޔާވެއްޖެ! މި ދަނީ ބަލާ! ކޮން ތާކު ތިހިރީ؟"

އަމިއްލައަށް ބަތްމޮޑެގެން ކެއުމަށްވުރެ، ބުރިޖު ހުރަސްކޮށްފައި ހުޅުމާލެއަށް ގޮސް ލުބާނާ ގޮވައިގެން އައުން ވެސް ރަޒީނަށް މާ ފަސޭހައެވެ. އެ ވަރުގެ މީހަކު އެއްބަސްކުރުވުމަށް ދެއްކޭނީ ކޮން ވާހަކައެއްބާއޭ ލުބާނާ ހިތަށްއެރިއެވެ. ގަރުދިޔަޔާއި ބަތް ހުއްޓަސް، ރިހާކުރާއި ބަތް ހުއްޓަސް ނުވަތަ ރޮށްޓާއި ރިހަ ހުއްޓަސް، އެ މޮޑެދިނުމަކީ ލުބާނާ ފެށި ކަމެކެވެ. އެއީ އުލާއި ސަމުސަލުން ރަޒީން ކާތީ ލުބާނާ ކުރި ކަމެކެވެ. ލުބާނާ ނިންމީ މާލެދާށެވެ.

ލުބާނާގެ ބޮލުގަރިހުން ގަދަވާން ފެށިއެވެ. އެންމެ ގަދަވާ ވަގުތު، ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ވެސް ދެއެވެ. ގައިގަރިހުން ފިލުމުގެ ބަދަލުގައި، އެ ރިހުމަށް ލުބާނާ އާދަވާން ފެށިއެވެ. މައްސަލައެއް ހައްލުވާނީ މައްސަލައެއް އޮވެގެންނެވެ. ރަޒީންގެ ނަޒަރުގައި ރަޒީންގެ މައްސަލައެއް ނެތެވެ. ރަޒީން ފަދައިން ކޮންމެ ފިރިއަކު ވެސް އަނބިމީހާ ދެކެ ލޯބިވާންޖެހޭނެއެވެ. ހަނދާންވާން ވެސް ޖެހޭނެއެވެ. ރަޒީނަކީ ލުބާނާއަށް ލިބުނު ނިއުމަތެކެވެ.

ލުބާނާގެ އުފަންދުވަހާއި، ކައިވެންޏަށް އަހަރުފުރޭ ދުވަހާއި، އީދުދުވަހު ވެސް ލުބާނާއަށް އަގު ބޮޑު ހަދިޔާ ރަޒީން ގެނެސްދެއެވެ. ފޯނެއް ނުކުންނަ އިރަށް ލުބާނާގެ ފޯނު އާކޮށްދެއެވެ. ކޮންމެ ވަގުތަކު، ކޮންމެ ތަނަކަށް ލުބާނާ ދާން ބޭނުންވިޔަސް ރަޒީން ބަލާއާދެއެވެ. ފިހާރަޔަކަށް ފޮތިކޮޅެއް އެއްޗެއް ގަންނަން ގޮއްސިއްޔާ، ރީތިހެން ހީވާ ފޮތިފޮތި ލުބާނާއަށް ދައްކައެވެ. ކިތަންމެ ގިނަ އިރެއް ވިޔަސް އެއްވެސް ޝަކުވާއެއް ނުކޮށް ކައިރީގައި ހުރެއެވެ. ބުނެކިޔައިގެން ވެސް އިތުރު ފިހާރަތަކަށް ލުބާނާ ގެންދެއެވެ. އެއީ ގިނަ ފިރިންގެ މިޒާޖު ނޫންކަން ލުބާނާއަށް އެނގެއެވެ.

ރާއްޖެއިން ބޭރަށް ރަޒީން ދާ ކޮންމެ ދަތުރެއްގައި ލުބާނާ ގެންދަން ރަޒީން ބޭނުންވެއެވެ. ލުބާނާ ނުދަނީއެވެ. ރަޒީން އަވަލަވާފައި ހުންނާތީއެވެ. ލުބާނާ ބޭނުންވަނީ ހަމަޖެހިގެން ނޭވައެއްލާށެވެ. އަޅަކު އުޅޭހެން އުޅުމުގެ ބަދަލުގައި އިންސާނަކު އުޅޭހެން އުޅޭށެވެ. ސައުވީސް ގަޑިއިރު ކަންތަކު ކިޔުން ރަޒީން ހުއްޓައިލާށެވެ. ކުދިކުދި ބައެއް ކަންތައް ރަަޒީން އަމިއްލަ އަތުން ކޮށްލާށެވެ. ރަޒީނަކަށް އެ ކަމަކަށް އެއްބަހެއް ނުވެވުނެވެ. ރަޒީން ބުނާ ގޮތުގައި، ލުބާނާއާ ނުލައެއް ދެނެއް ރަޒީނަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ކޮޅެއްގައި ނުޖެހި މައްސަލަ ދިގުލަމުން ގޮސް، އެއްރޭ ދަންވަރު ލުބާނާއަށް ހޭލެވުނީ ނޭވާނުލެވިގެންނެވެ.

-ނުނިމޭ-