މިއީ ކުނިން އުފައްދާފައިވާ ހެދުމެއް
މިއީ ކުނިން އުފައްދާފައިވާ ހެދުމެއް

ތިމާވެއްޓާ ރަހުމަތްތެރިކޮށް ހެދުން އުފައްދާ ބްރޭންޑުތައް މަދެވެ. "ފޮރެވާ 21" ބްރޭންޑުން އަގު ހެޔޮ ޓްރެންޑީ ހެދުން ކޮންމެ އަހަރަކު ގިނަ އަދަދަކަށް އުފެއްދި ނަމަވެސް ތިމާވެއްޓާ މެދު ވިސްނަނީ ކިހާ ވަރަކަށް ކަމާ މެދު ސުވާލު އުފެދެ އެވެ. އެކަމަކު މަޝްހޫރު ބްރޭންޑްް "އެޗް އެންޑް އެމް" އިން ކޮންމެ އަހަރަކު އެ ބްރޭންޑުގެ ސަސްޓެއިނަބަލް ފެޝަން ޕްރޮޖެކްޓުގެ ދަށުން، ރިސައިކަލް ކޮށްފައިވާ ޕްލާސްޓިކްގެ އިތުރުން އެކި މެޓީރިއަލް ބޭނުން ކޮށްގެން އެކި ވައްތަރުގެ ހެދުން އުފައްދަ އެވެ.

މި އަހަރު ވެސް އެެޗް އެންޑް އެމް އިން ވަރަށް ތަފާތު ހެދުމެއް ނެރުނެވެ. އެއީ މަޑު ފިޔާތޮށި ކުލައިގެ ދިގު ހެދުމެކެވެ. އޭގައި ދިގު ޕްލީޓު ނަގާފައިވެ އެވެ. އަދި ހެދުމުގެ ކަރުން ފެށިގެން ހެދުމުގެ ފަސްބަޔާ ހަމައަށް މަލެއްގެ ފިޔަތަކެއް ގޮތަށް ފޮތިގަނޑު ބައްޓަންކޮށްފައި ހުރެ އެވެ. ސުޕަ މޮޑެލް ނަތާލިއާ ވޮޑިއަނޯވާ މޮޑެލް ކޮށްފައިވާ މި ހެދުމަކީ ފެންނަ ފެނުމަށް ވަރަށް އާދައިގެ ހެދުމަކަށް ވިޔަސް، މި ހެދުން ތައްޔާރުކޮށްފައިވާ ގޮތް ވަރަށް ތަފާތުވެފައި ފުރިހަމަ އެވެ.

އެޗް އެންޑް އެމްގެ "ކޮންޝަސް އެކްސްކްލޫސިވް" ކަލެކްޝަނުގައި ހިމެނޭ މި ހެދުން ފަރުމާކޮށްފައި ވަނީ ބަޔޯނިކް މެޓީރިއަލަކުންނެވެ. އެއީ މޫދަށް އުކާލުމުން ގޮނޑުދޮށަށް ލައްގާފައި ހުންނަ ޕްލާސްޓިކް ބޭނުންކޮށްގެން އުފައްދާފައިވާ ޕޮލީސްޓާ ފޮއްޗެކެވެ.

އެޗް އެންޑް އެމްގެ ބްރޭންޑް ހެޑް ބުނި ގޮތުގައި އިޔާދަކުރެވޭ ތަކެތި ބޭނުންކޮށްގެން އެއްޗެހި އުފެއްދުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

އެޗް އެންޑް އެމްގެ ކޮންޝަސް އެކްސްކްލޫސިވް ކަލެކްޝަންގައި ކުޑަކުދިންގެ ހެދުމުގެ އިތުރުން އޯގެނިކް ތެޔޮ ބޭނުންކޮށްގެން އައު ވައްތަރެއްގެ ސެންޓެއް ވެސް ތައްޔާރު ކޮށްފައިވެ އެވެ. މި ކަލެކްޝަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެޗް އެންޑް ފިހާރަތަކަށް ނެރޭނީ އޭޕްރިލް މަހު އެވެ.