14 ނޮވެމްބަރ 2023 - 15:21

ތައުލީމީ މަރުކަތުތައް ރޭޓުކުރާ ބައިނަލްއަގުވާމީ ސިސްޓަމް "ކިއުއެސް ސްޓާސް"އިން ވިލާ ކޮލެޖަކީ ދުނިޔޭގެ ލެވަލްގައި 4 ސްޓާ ތަނެއްގެ ގޮތުގައި ރޭޓުކޮށްފި އެވެ.

އެ ރޭޓިންގައި ވިލާ ކޮލެޖަށް ތިން ދާއިރާއަކުން ފައިވް ސްޓާ އަދި ދެ ދާއިރާއަކުން ފޯ ސްޓާ ވަނީ ދީފަ އެވެ. ވިލާ ކޮލެޖަށް ފައިވް ސްޓާ ދީފައި ވަނީ އޮންލައިން ލާނިން އާއި އެމްޕްލޯއިބިލިޓީ އަދި އެންވައިރަމެންޓަލް އިމްޕެކްޓްގެ ދާއިރާއިން ފައިވް ސްޓާ ވަނީ ދީފަ އެވެ. އަދި ކިޔަވައިދިނުމާއި އެ ކޮލެޖުގެ އެކަޑެމިކް މަސައްކަތްތަކަށް ވަނީ 4 ސްޓާ ލިބިފަ އެވެ. ޖުމްލަ ކޮށް ވިލާ ކޮލެޖަކީ ދުނިޔޭގެ ފެންވަރުގައި ބަލާއިރު އެ ސިސްޓަމުގެ 4 ސްޓާ ތަނެއްގެ ގޮތުގައި ވަނީ ރޭންކު ކޮށްފަ އެވެ.
ވިލާ ކޮލެޖަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު އެ ކޮލެޖުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވީ ކިއުއެސް ރޭޓިން ސިސްޓަމަކީ ދުނިޔޭގެ އެންމެ ކްރެޑިބަލް, އެންމެ ނުފޫޒު ގަދަ, އެންމެ ފުޅާދާއިރާއެއްގައި ތައުލީމީ މަރުކަޒުތައް ރޭޓު ކުރާ އެއް ސިސްޓަމް ކަމަށެވެ. އަދި މި ތަނުން ރޭޓުކުރަނީ އެންމެ ބެސްޓް ޕްރެކްޓިސްތަކާ އަޅާ ކިޔައިގެން ކަމަށާއި މި ކޮލެޖަކީ މި ފަދަ ރޭންކިންއެއްގައި ހިމެނުނު ފުރަތަމަ ކޮލެޖަށްވުމަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ލިބުނު ކުރި އެރުމެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ދުނިޔޭގެ އެކި ތައުލީމީ މަރުކަޒުތަކާއި އަޅާ ކިޔާ، ލިބުނު ބައިނަލްއަގުވާމީ ރޭޓިން އަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މި ފަދަ ރޭޓިންތަކާއި ކޮލެޖުގެ ކުރިއެރުމަށް މުހިންމު އެކި މަސައްކަތްތަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ނުލިބި އޮތުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް. އެކަމަކު އެ ގޮންޖެހުމާއި އެކު ވެސް މި މަސައްކަތްކުރަނީ ކުރިއަށް ދާން." ޑރ. ނަޖީބު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އެ ކޮލެޖުގެ ޑިރެކްޓާ، މާކެޓިން އެންޑް ކޮމިއުނިކޭޝަން ނިޒްނާ އަލީ ދީދީ ވަނީ އެ ކޮލެޖަށް އެމްޕްލޯއިމަންޓުގެ ރޮނގުން ފައިވް ސްޓާ ދީފައިވާއިރު އެ ކޮލެޖުން ކިޔަވާ ނިންމާ 98 ޕަސެންޓު ދަރިވަރުންނަކީ ޕްރޮގްރާމު ނިންމާތާ ހަ މަސް ދުވަހުގެ ތެރޭގައި ވަޒީފާ ފަށާ ދަރިވަރުންކަން ފާހަގަ ކުރެއްވި އެވެ. އަދި ވަޒީފާގައި އުޅޭ ގިނަ ދަރިވަރުން އެ ތަނުގެ ޕްރޮގްރާމު ނިންމާ އިރު ޕްރޮމޯޝަން ލިބޭކަން ވެސް ފާހަގަކުރެއްވި އެވެ.
ވިލާ ކޮލެޖަށް އޮންލައިން ލާނިންއިން 5 ސްޓާ ލިބިފައިވާއިރު އެ ކޮލެޖުގެ 50 ޕަސެންޓެއްހާ ޕްރޮގްރާމުތަކުގައި އޮންލައިންކޮށް ކިޔަވައިދެ އެވެ. އަދި އެންވައިރަމަންޓް އިމްޕެކްޓްގެ ރޮނގުން 5 ސްޓާ ލިބިފައިވާއިރު އެ ކޮލަޖަކީ ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި ސަސްޓެއިނިބިލިޓީ ޕްރެކްޓިސްތަކެއް ގެންގުޅޭ ކޮލެޖެކެވެ.
ކިއުއެސް ސްޓާގެ ރޭޓިން އާ އެކު އެ ކޮލެޖާ ގުޅޭ މައުލޫމާތުތައް ޓޮޕް ޔުނިވާސިޓީޒްގެ ލިސްޓުގެ ޕޯޓަލްގައި ވަނީ ހިމަނައިފަ އެވެ. މި ޕޯޓަލް އަށް އަހަރެއްގެ މައްޗަށް 55 މިލިއަން މީހުން ވަދެ އެވެ.
މިއީ މިކަހަލަ ކާމިޔާބީއެއް ރާއްޖޭގެ ތައުލީމީ މަރުކަޒަކަށް ލިބުނު ފުރަތަމަ ފަހަރެވެ.