08 ފެބުރުއަރީ 2017 - 11:24

ލެސްޓާ (ފެބްރުއަރީ 8) – އެންމެ ފަހުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ލެސްޓާ ސިޓީ މި ފަހަރު ދަށް ނަތީޖާތަކެއް ނެރުނަސް ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ އަށް ފުރިހަމަ ސަޕޯޓް އެބައޮތް ކަމަށް ކްލަބުގެ މެނޭޖްމަންޓުން އިއުލާންކޮށްފި އެވެ.
ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ މިވަގުތު އޮތީ ރެލިގޭޝަނަށް ވުރެ އެއް ޕޮއިންޓް ކުރީގައި، 16 ވަނައިގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ.
"މުޅި ޓީމު އޮތީ ކޯޗުގެ ފަހަތުގައި އެކުވެރިކަމާ އެކު،" ލެސްޓާގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގެ ރީޕްލޭ މެޗުގައި މިރޭ ޑާބީ ކައުންޓީއާ ދެކޮޅަށް ލެސްޓާ ކުޅޭ މެޗު ބެލުމަށް ކްލަބުގެ ޗެއާމަން ތައިލެންޑުގެ ވިޗާއީ ސްރިވަދަންޕްރަބާ އިނގިރޭސި ވިލާތަށް ދާނެ އެވެ. ބޭނުމަކީ ރަނިއޭރީ އަށް ތާއީދު އޮތްކަން ދެއްކުމެވެ.
ލެސްޓާ އިން ބުނީ ކްލަބުން ނެރެމުން އަންނަ ދަށް ނަތީޖާތައް ބަދަލުވާން ޖެހޭ ކަމަށާއި އެ މަސައްކަތްކުރަން ރަނިއޭރީ އަށް ވަގުތާއި ފުރުސަތު ދޭނެ ކަމަށެެވެ.
ލެސްޓާ މި ފަހަރު ރެލިގޭޓްވެއްޖެ ނަމަ އެ ޓީމު ވެގެންދާނީ 1938 ގެ ފަހުން ޗެމްޕިއަންކަން ހޯދުމަށް ފަހު ޖެހިގެން އައި ސީޒަނުގައި ރެލިގޭޓްވާ ފުރަތަމަ ޓީމަށެވެ.
ލެސްޓާގެ ބައެއް ކުޅުންތެރިންނާ ރަނިއޭރީއާ ދެމެދު މައްސަލަ ގޯސްވެފައިވާ ކަމަށް ވެސް ބުނެވެ އެވެ. އެކަމަކު ފީފާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ދާދި ފަހުން ހޯދި ރަނިއޭރީ ބުނީ ކުޅުންތެރިންނާ އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
ޕްރިމިއާ ލީގުގައި ދަށް ނަމަވެސް ލެސްޓާ އަންނަނީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕޯޗުގަލްގެ ޕޯޓޯ އާއި ޑެންމާކުގެ ކޯޕެންހޭގަން އަދި ބެލްޖިއަމްގެ ކްލަބް ބުރުޖް ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައި އެ ޓީމު ވަނީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ދެ ވަނަ ބުރުގައި ބައްދަލުކުރާނީ ސްޕެއިނުގެ ސެވިއްޔާއާ އެވެ.