14 ނޮވެމްބަރ 2023 - 10:50

ޕްރީޓޮރީ (ނޮވެމްބަރު 14) - އެފްރިކާ ބައްރުގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ކާފް) އިން މިއަހަރު އަލަށް ބާއްވަން ފެށި، އެފްރިކަން ފުޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ދެކުނު އެފްރިކާގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ މަމެލޯޑީ ސަންޑައުންސް ކާމިޔާބު ކޮށްފި އެވެ.

ދެކުނު އެފްރިކާގެ ޗެމްޕިއަންކަން ރެކޯޑް 13 ފަހަރު ހޯދާފައިވާ ސަންޑައުންސް، އެފްރިކަން ފުޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ، އާދިއްތަ ދުވަހުގެ ރޭ ދެކުނު އެފްރިކާގައި ކުޅުނު ފައިނަލް މެޗުގެ ދެވަނަ ލެގުގައި 2-0 އިން މޮރޮކޯގެ ވިދާދު ކަސަބުލަންކާ ބަލިކޮށް، 3-2 ގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ. މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ މޮރޮކޯގައި ކުޅުނު ފައިނަލްގެ ފުރަތަމަ ލެގު 2-1 އިން ކާމިޔާބު ކުރީ ކަސަބުލަންކާ އެވެ.
ޕްރޮމޯޝަން/ ރެލިގޭޝަން އުސޫލުން އެފްރިކާ ބައްރުގެ އެންމެ މޮޅު 24 ކްލަބާ އެކު ކުރިއަށް ގެންދާގޮތަށް "އެފްރިކާ ސުޕަ ލީގު" ނަމުގައި މިދިޔަ އަހަރު ލޯންޗް ކުރި މުބާރާތް މިއަހަރު ފުރަތަމަ ފަހަރަށް ބާއްވާފައި މިވަނީ އަށް ކްލަބާ އެކު އެވެ.
އެފްރިކަން ފުޓްބޯޅަ ލީގަކީ، "ޔޫރަޕިއަން ސުޕަ ލީގު" ނަމުގައި ޔޫރަޕްގެ ކްލަބްތަކުން ބާއްވަން އުޅުނު މުބާރާތާ ދާދި އެއްގޮތް ފޯމެޓަކަށް ރޭވިފައިވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވި އަށް ޓީމު ކަނޑައަޅާފައި ވަނީ އެފްރިކާ ބައްރުގެ ލީގު ރޭންކިންއަށް ބަލައިގެންނެވެ. ސަންޑައުންސް އާއި ކަސަބުލަންކާގެ އިތުރުން މުބާރާތުގައި ދެން ވާދަކުރީ، ޓިއުނީޝިއާގެ އެސްޕަރާންސޭ ޑި ތޫނިސް، މިސްރުގެ އަލް އަހްލީ، ޓަންޒާނިއާގެ ސިމްބާ، އެންގޯލާގެ ޕެޓްރޯ ޑި ލުއަންޑާ، ކޮންގޯގެ ޓީޕީ މަޒެމްބޭ އަދި ނައިޖީރިއާގެ އެނީމްބާ އެވެ.
އޮކްޓޫބަރު މަހު މިއަހަރުގެ މުބާރާތް ފެށީ އަށް ޓީމުގެ މެދުގައި ކުރިއަށް ގެންްދިޔަ ކުއާޓާ ފައިނަލާ ހަމައިންނެވެ. ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގެ މެޗުތައް ވެސް ކުރިއަށް ގެންދިޔައީ ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގަށެވެ. ސެމީ ފައިނަލްގައި ސަންޑައުންސް ވަނީ އަލް އަހްލީ ބަލިކޮށްފަ އެވެ. ކަސަބުލަންކާ އިން އެސްޕަރާންސޭ ޑި ތޫނިސް ބަލިކުރީ ޕެނަލްޓީ ޝޫޓައުޓްގަ އެވެ. މި މުބާރާތުގައި ވެސް ވީއޭއާރު ބޭނުން ކޮށްފައި ވެއެވެ.
މުބާރާތުގައި ވާދަކުރި އަށް ކްލަބަށް ވެސް ވަނީ އެއް މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދީފަ އެވެ. ސެމީ ފައިނަލަށް ދިޔަ ކްލަބްތަކަށް 1.7 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދީފައި ވާއިރު، ޗެމްޕިއަން ޓީމަށް ހަތަރު މިލިއަން ޑޮލަރު ދީފައި ވެއެވެ. އަދި ރަނަރަޕް ޓީމަށް ތިން މިލިއަން ޑޮލަރު ވަނީ ދީފަ އެވެ.
މިއީ އެފްރިކާ ބައްރުގެ ޗެމްޕިއަންސް ލީގުގެ ޓީމުތަކަށް ދޭ ވަރަށްވުރެ ބޮޑު ފައިސާގެ އިނާމެކެވެ. އެންމެ ފަހުން 2017 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް ޗެމްޕިއަންސް ލީގު ޗެމްޕިއަނުންނަށް ދީފައި ވަނީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް ކާފް އިން މިއަހަރުން ފެށިގެން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނަށް ހަތަރު މިލިއަން ޑޮލަރު ދޭން ހަމަޖައްސާފައި ވެއެވެ.
މިއަހަރު އަށް ޓީމާ އެކު މުބާރާތް ބޭއްވި ނަމަވެސް، އަންނަ އަހަރުން ފެށިގެން މުބާރާތް ކުރިއަށް ގެންދާނީ މިދިޔަ އަހަރު އިއުލާން ކުރެވުނު ފޯމެޓަށް 24 ކްލަބާ އެކު އެވެ.
• 24 ޓީމު ތިން ރީޖަނަކަށް؛ ތިން ގުރޫޕަކަށް ބަހާލާނެ (ނޯތު، ސެންޓްރަލް/ ވެސްޓް، ސައުތު/ އީސްޓް)
• 16 ގައުމަކުން؛ ކޮންމެ ގައުމަކުން ގިނަވެގެން ތިން ޓީމު ހިމެނޭނެ، ގުރޫޕެއްގައި ވާދަކުރާނީ އަށް ޓީމު
• ޕްރޮމޯޝަން/ ރެލިގޭޝަން ޕްލޭއޮފް ކުރިއަށް ގެންދާނެ
• ފައިނަލް މެޗު ކުޅޭނީ އެއް ލެގަށް