މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވައިފި
މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް މެމްބަރުން ހުށަހެޅުއްވި މައްސަލައާ ގުޅިގެން މަޖިލީސް ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކަކަށް ފަހު، މިއަދު އިސްތިއުފާ ދެއްވައި އިންނެވީ މަޖިލީހުގައި އެމަނިކުފާނު ތަމްސީލްކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގަ އެވެ.

ނަޝީދާ އެކު އީވާ ވެސް އިސްތިއުފާ ދެއްވި ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މީޑިއާތަކަށް މެސެޖް ފޮނުއްވައި ނަޝީދުގެ ސިޓީ ވެސް ހިއްސާކުރެއްވި އެވެ. އެކަމަކު ފަހުން ވިދާޅުވީ އީވާގެ އިސްތިއުފާ ސިޓީ އަދި ނުލިބޭ ކަމަށެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ދެ ފަހަރަށް ހުށަހަޅައިގެން އެމްޑީޕީން ދަނީ މަޖިލީހުގެ ބާރުތައް ހަނިވެގެންދާނެ ފަދަ އަމަލުތައް ހިންގަމުން ކަމަށެވެ. މަޖިލީހުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މަޖިލީސް މެމްބަރުންނަށް ލިބިގެންވާ ބާރެއް ވެސް ހަނިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ކޯޓުގެ އަމަލާއި ބަސް ދިމާނުވީތީ ހިތާމަކުރާ ކަމަށް ވެސް ނަޝީދުގެ ސިޓީގައިވެ އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ،" ނަޝީދުގެ ސިޓީގައިވެ އެވެ.

ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮއި އާ އެކު ހުށަހަޅާފައިވާ ގަރާރު ފަސް ފަހަރެއްގެ މަތިން އެޖެންޑާކޮށްގެން ވެސް ކުރިއަށް ނުގެންދެވުނީ އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އެ ޖަލްސާތަކަށް ސަލާން ފޮނުއްވުމުންނެވެ. އޭރު މަޖިލީހުގެ އިދާރާއިން ނިންމާފައި އޮތީ، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހިގެން، ގަވާއިދު މާނަކޮށްދޭން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައި ވަނީ އީވާ ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.

އެއާ އެކު، ނަޝީދުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމުން، ޑިމޮކްރެޓްސް މެމްބަރުން ވަނީ އެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަޅުއްވައިފަ އެވެ. އެ ހުރަސްއެޅުންތަކާ އެކު މިއަދުގެ ޖަލްސާ ވެސް ކުރިއަކަށް ނުގެންދެވުނެވެ.