ބޭންގިން ބްރިލިއަންޓް: މެކްގެ އެންމެ ފަހުގެ ކަލެކްޝަން
ބޭންގިން ބްރިލިއަންޓް: މެކްގެ އެންމެ ފަހުގެ ކަލެކްޝަން

މިއަހަރުގެ ހޫނު މޫސުމުގެ މޭކަޕް ޓްރެންޑަކީ ހުރިހާ ވައްތަރެއްގެ އެންމެ ގަދަ ކުލަތެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މޭކަޕް ސްޓައިލްތަކާއި އަލަށް ލޯންޗު ކުރި މޭކަޕް ޕްރޮޑަކްޓްތަކަށް ބަލައިލުމުން ވެސް ގަދަ ކުލަތަކަށް އިސްކަމެއްދީފައިވާކަން ފާހަގަވާނެ އެވެ. އަދި މޭކަޕް ޕްރޮޑަކްޓް އުފައްދާ ކުންފުނިތަކުގެ ތެރެއިން މަޝްހޫރު ކޮސްމެޓިކް ބްރޭންޑް މެކް، މި ހޫނު މޫސުމަށް ތަފާތު ގަދަ ކުލަތަކުގެ ލިޕްސްޓިކާއި އައިޝެޑޯ ކަލެކްޝަންތަކެއް ތައާރަފު ކޮށްފައިވެ އެވެ.

ބޭންގިން ބްރިލިއަންޓް: މެކްގެ އެންމެ ފަހުގެ ކަލެކްޝަން
ބޭންގިން ބްރިލިއަންޓް: މެކްގެ އެންމެ ފަހުގެ ކަލެކްޝަން

މިދިޔަ މަހު "މެކް" އިން ތައާރަފު ކުރި "މެކް ފެޝަން ޕެކް" އައިޝެޑޯ ޕެލެޓްގައި ވެސް ގަދަ ފިޔާތޮށި، ދަނބު އަދި ފެހި ފަދަ ކުލަތައް ހިމެނެ އެވެ. އަދި މި މަހު ވެސް މެކް އިން "ބޭންގިން ބްރިލިއަންޓް"ގެ ނަމުން އާ ލިޕްސްޓިކް އަދި އައިޝެޑޯ ކަލެކްޝަނެއް ވަނީ ނެރެފަ އެވެ. ކޮންމެ ދުވަހަކު އެއްގޮތަކަށް މޭކަޕް ޖައްސައި ފޫހިވެއްޖެ ނަމަ ނުވަތަ ޕާޓީއަކަށް ތައްޔާރުވާއިރު ތަފާތު ކުލަތަކެއް ޖައްސާލަން ބޭނުންވެއްޖެ ނަމަ އެންމެ ރަނގަޅީ މެކް ގެ "ބޭންގިން ބްރިލިއަންޓް"އެވެ.

ގަދަ ދަނބު، ރީނދޫ، ފެހި، ވިދާ ނޫ، ރިހި، ކަޅު އަދި އޮރެންޖު ކުލައިގެ ލިޕްސްޓިކް ހިމެނޭ މި ކަލެކްޝަން އޮންލައިންކޮށް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މެކް ފިހާރަތަކުން މި މަހު ފަހުކޮޅުން ފެށިގެން ލިބޭނެކަމަށް މެކްއިން ބުނެފައިވެ އެވެ. ހައު ރޯޔަލް، ސޭ އިޓް އިޒްންޓް ސޯ އަދި ނައިސް އެނާޖީ ފަދަ ތަފާތު ނަންތައް ދީފައި ހުރި ރީތި އައިޝެޑޯ ކުލަތައް މެކްގެ ދާއިމީ ކަލެކްޝަނުގައި ހިމެނޭނެނެކަމަށް އެ ކޮސްމެޓިކް ކުންފުނިން ޔަގީންކޮށްދިނެވެ.