13 ނޮވެމްބަރ 2023 - 13:49

ޣައްޒާގައި ހުރި ކުޑަކުދިންގެ ދެ ހޮސްޕިޓަލެއް ވަގުތުން ހުސްކުރަން އަންގައި އިޒްރޭލު ސިފައިން އިންޒާރު ދިނުމަށް ފަހު، ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ބޮން އަޅައި ބިރު ދެއްކުމާއެކު، އެ ދެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންތައް މަގުމައްޗަށް ނުކުމެ، ފަރުވާއެއް ނުލިބި ތިބެން ޖެހިއްޖެ އެވެ.
ޣައްޒާގައި ހުންނަ އައް ނަސްރު ހޮސްޕިޓަލާއި ރަންތީސީ ހޮސްޕިޓަލުގައި ތިބި ބަލި މީހުން އެ ތަނުން ނެރެ ތަން ހުސްކުރަން އިޒްރޭލުން އަންގާތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. އަދި އެންމެ ފަހުން އިއްޔެ އެންމެ ފަހުގެ އިންޒާރު ދިނުމާއެކު، އެ ދެ ހޮސްޕިޓަލުގައި ތިބި ގިނަ އަދަދެއްގެ ބަލި މީހުން ހޮސްޕިޓަލުން ނުކުމެ އިއްޔެ އިން ފެށިގެން ތިބީ ކައިރީގައި ހުރި މަގުތަކުގެ ދުވާރުތަކުގަ އެވެ.
އެ ދެ ހޮސްޕިޓަލުގައި ތިބި ބަލި މީހުން އެ ދެ ތަނުން ނުކުތީ، އެ ދެ ހޮސްޕިޓަލުގައި ތިބި އެންމެން، ޣައްޒާގެ ދެކުނު ސަރަހައްދަށް ދެވޭނެ ރައްކާތެރި އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށް އިޒްރޭލު ސިފައިން އިއްޔެ ހެނދުނު އެންގުމުންނެވެ. ނަމަވެސް ހޮސްޕިޓަލުން ނުކުތް އިރު، އެ ހިސާބުން ދުރަށް ދެވޭނެ ގޮތެއް ނެތެވެ. ހޮސްޕިޓަލުގެ ވަށައިގެން ފެންނަން ތިބީ އިޒްރޭލުގެ ޓޭންކުތަކާއި އިޒްރޭލު ސިފައިންނެވެ.
ބަލި މީހުންނާ އެކު ނުކުތް ބައެއް ޑޮކްޓަރުންނާއި ނަރުހުން ވެސް އިއްޔެ އިން ފެށިގެން އަދިވެސް ތިބީ މަގުތަކުގަ އެވެ. އެމީހުންގެ އަތުގައި ވެސް ފަރުވާ ދެވޭނެ އެއްވެސް ސާމާނެއް ނެތުމުގެ އިތުރުން، އެނބުރި ހޮސްޕިޓަލަށް ވަންނަން ވެސް އިޒްރޭލު ސިފައިން ހުއްދަ ނުދޭތީ އާއި، ދާނެ ވަކި ތަނެއް ނެތުމުން، ގޮތް ހުސްވެފައި މަގުމަތީގައި ތިބޭތާ މިހާރު 24 ގަޑިއިރު ވީ އެވެ.
އޭގެ އިތުރުން ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައް ޝިފާ ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުގައި ވެސް، އިޒްރޭލު ސިފައިން ބަރު ހަތިޔާރާ އެކު، ހަމާސްގެ ހަނގުރާމަވެރިން ހޯދުމުގެ ނަމުގައި އެ ހޮސްޕިޓަލް ހިސޯރުކޮށްގެން ތިބުމުން، އެ ތަނަށް ވަދެނުކުމެވޭނެ ގޮތެއް މިހާރު ނެތެވެ. އެ ހޮސްޕިޓަލުގެ ޖަނަރޭޓަރުތައް ހިންގާނެ ތެޔޮ ނެތުމާއެކު، ހޮސްޕިޓަލުން ކަރަންޓު ކެނޑި، ހާލު ބޮޑު 39 ތުއްތު ކުދިންގެ ތެރެއިން ދެ ކުއްޖަކު އިއްޔެ ވަނީ ނިޔާވެފަ އެވެ.
އެ ހޮސްޕިޓަލް ވެސް ހުސް ކުރުމަށް އިޒްރޭލު ސިފައިން އަންނަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. އަދި އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި، އަލަށް އުފަންވި ކުދިންތައް ރައްކާތެރިކަމާ އެކު އެ ތަނުން ނެރެގެން ގެންދާނެ މަގު ފަހިކޮށްދިން ކަމަށް އިޒްރޭލު ސިފައިން ބުނެފައި ވިޔަސް، އެ ހޮސްޕިޓަލަށް އެއްވެސް އެމްބިއުލާންސެއް ވަދެނުކުތުން ވަނީ މަނާކޮށްފަ އެވެ.
ޣައްޒާގެ މަގުތަކުގައި ހޮސްޕިޓަލުތައް ދުއްވުމަށް އިޒްރޭލު ސިފައިން ހުރަސް އަޅަމުން ދާތީ އާއި، އެ އުޅަނދުތައް ދުއްވާނެ ޕެޓްރޯލް ނެތުމުން، އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވާ ގިނަ މީހުން ހޮސްޕިޓަލުތަކަށް މިހާރު ގެންދަނީ ހިމާރު ގާޑިޔާތަކާއި އަތްގާޑިޔާތަކުގަ އެވެ. އަދި ބައެއް މީހުން ބެޑްޝީޓް ފަދަ ބޮޑެތި ފޮތިގަނޑުތަކަށް ލައިގެން ގިނަ ބަޔަކު އުފުލާލައިގެން ހޮސްޕިޓަލަށް ގެންދަނީ އެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 38 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 28000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3100 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 186 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި 2400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 350 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 220 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.