ގާޒާގެ ގިނަ ހޮސްޕިޓަލުތަކުން ޚިދުމަތެއް ނުދެވޭ
ގާޒާގެ ގިނަ ހޮސްޕިޓަލުތަކުން ޚިދުމަތެއް ނުދެވޭ

އެއްގަމާއި ވަޔާއި ކަނޑުމަގުން އިޒްރޭލު ސިފައިން ހަމަލާ ދެމުން އަންނަ ފަލަސްތީނުގެ ޣައްޒާގައި ހުރި ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން ގިނަ ތަންތަން މިހާރު ހުރީ ޚިދުމަތް ނުދެވޭ ވަރަށް ހަލާކުވެފައި ކަމަށް، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން މިއަދު ބުނެފި އެވެ.

މެދުނުކެނޑި އިޒްރޭލުން ހަމަލާ ދޭތާ 37 ދުވަސް ފާއިތުވެގެން ދިޔަ އިރު، ޣައްޒާގެ 22 ހޮސްޕިޓަލެއް މިހާރު ވަނީ އެއްގޮތަކަށް ވެސް ޚިދުމަތް ނުދެވޭ ވަރަށް ސުންނާފަތިވެފަ އެވެ. އޭގެ އިތުރުން 49 ސިއްހީ މަރުކަޒެއް ވެސް ބިމާ ހަމަކޮށްލައި 53 އެމްބިއުލާންސް ވަނީ ހަލާކުކޮށްލައިފަ އެވެ.

އިޒްރޭލުން ހަމަލާ ދީ ހަލާކުކޮށްލި ބައެއް ހޮސްޕިޓަލުތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚިދުމަތް ދޭ ޚާއްސަ ތަންތަނާއި ކެންސަރު ބައްޔަށް ފަރުވާ ކުރާ ޚާއްސަ ތަންތަން ވެސް ހިމެނެ އެވެ. ސުންނާފަތިވި ބައެއް ހޮސްޕިޓަލުތަކަކީ، ދުރާލައި އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި އިޒްރޭލުގެ މަތިންދާބޯޓުތަކުން ދިން މިސައިލް ހަމަލާތަކުގައި ހަލާކުވި ތަންތަނެވެ.

އަދި އިތުރު ބައެއް ހޮސްޕިޓަލުތައް ހަލާކުވެފައިވަނީ، އެ ތަންތަނުގެ ވަށައިގެން ހުރި އިމާރާތްތަކަށް ދިން މިސައިލް ހަމަލާތަކުގަ އެވެ. މީގެ އިތުރުން، ތެޔޮ ހުސްވުމުން ޖަނަރޭޓަރު ހިންގޭނެ ގޮތެއް ނެތިގެން ބަންދުކޮށްފައިވާ ބައެއް ހޮސްޕިޓަލުތަކާއި، ބޭހާއި ސިއްހީ ޚިދުމަތަށް ބޭނުންވާ އެހެން ސާމާނު ހުސްވެގެން، ޚިދުމަތް ހުއްޓާލަން ޖެހިފައިވާ ތަންތަން ވެސް ހިމެނެ އެވެ.

ސިއްހީ ޚިދުމަތުގެ އިތުރުން، އަޅުކަންކުރާ ތަންތަނަށް ވެސް އިޒްރޭލު ސިފައިން ދަނީ ބޮމާއި މިސައިލުން އަދި ބޮޑުބަޑިން ހަމަލާ ދެމުންނެވެ. މިދިޔަ 37 ދުވަހުގެ ތެރޭގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިހާތަނަށް ބިމާ ހަމަވެފައިވާ މިސްކިތްތަކުގެ ޖުމްލަ އަދަދު 70 އަށް އަރައިފި އެވެ. މީގެ އިތުރުން 135 މިސްކިތަކާއި ނަސާރާއިންގެ ތިން ފައްޅިއެއް ވަނީ، ބޮޑު މަރާމާތަކަށް ފަހުގައި ނޫނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފަ އެވެ.

އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ، ސަރުކާރުގެ އިމާރާތްތަކުގެ އަދަދު މިހާރު ވަނީ 92 އަށް އަރައިފަ އެވެ. އޭގެ އިތުރުން 241 ސްކޫލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ތެރެއިން 61 މަދަރުސާއެއް ވަނީ އަލުން އިމާރާތްކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރު ވެފަ އެވެ.

ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ އިތުރުން، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ދަނީ ޣައްޒާގެ ރައްޔިތުން އާމްދަނީ ހޯދުމަށާއި ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. އިޒްރޭލުގެ ބުލްޑޯޒަރުތައް ވައްދައިގެން ޣައްޒާގެ ދަނޑުބިންތައް ހަލާކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ކުރަމުންދެ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 38 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 28000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3100 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 186 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި 2400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 350 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 220 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.