އޭޖީގެ ލަފައާ އެއްގޮތަށް ޖަލްސާ ކުރިއަށް ގެންދަން އަމީންއާންމަށް އަންގަން ފާސްކޮށްފި
އޭޖީގެ ލަފައާ އެއްގޮތަށް ޖަލްސާ ކުރިއަށް ގެންދަން އަމީންއާންމަށް އަންގަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން އެޓާނީ ޖެނަރަލް އިބްރާހިިމް ރިފްއަތު ދެއްވި ލަފާ އަމީންއާންމު ފާތިމަތު ނިއުޝާ އަށް އެންގުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ އާ ގުޅިގެން މަޖިލިސް ހުއްޓިފައިވާތީ އާންމު ކޮމިޓީން ވަނީ އޭޖީގެ ލަފައެއް ހޯދުމަށް ނިންމައިފަ އެވެ.

އެ މައްސަލާގައި ގާނޫނީ ލަފާ ދެއްވަމުން އޭޖީ ވިދާޅުވެފައި ވަނީ ނަޝީދުގެ މައްސަލަ ބޭރު ކޮށްލުމަށް ރިޔާސަތުން ނިންމެވީ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަޝީދުގެ ނުފޫޒު އޮތް ޑިމޮކްރެޓްސްގެ މެމްބަރުން ކަމަށްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތު ބެލެހެއްޓެވުމަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެއް ކަމަށް އޭޖީ ވިދާޅުވި އެވެ.

އެހެންކަމުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިންމުކަމަށް އިސްކަންދޭންޖެހޭ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

އެ ލަފާ އާންމު ކޮމިޓީ އަށް ލިބުމާ ގުޅިގެން އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ބަންޑާރަނައިބު ދެއްވި ލަފައާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް އަމީންއާންމަށް އަންގަން ހުށަހަޅާ ކަމަށެވެ.

އަދި ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އަގުލަބިއްޔަތުން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ.