13 ނޮވެމްބަރ 2023 - 11:04

މި މަހު ބޭއްވި ވީއޭއެމްގެ ކޮންގްރެސް އިން ފާސްކުރި އާ އަސާސީ ގަވާއިދާ އެއްގޮތަށް، އިންތިހާބު ބާއްވަން އެ އެސޯސިއޭޝަންގެ ބައެއް މެންބަރު ކްލަބްތަކުން ގޮވާލައިފި އެވެ.

ވީއޭއެމްގެ ކޮންގްރެސް އެއް ތިން އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި މަހު ތިންވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. އެ ކޮންގްރެސް ބާއްވާ ކަމެއް ކޮންގްރެސްގައި ފާސް ކުރީ ކޮންކަންތައްތަކެއް ކަމެއް ވެސް ވީއޭއެމުން މީީޑއާތަކަށް އަންގާފައެއް ނެތެވެ.

އޭޕްރީލް 2021 ގައި ސްޕޯޓްސް ކޮމިޝަނަރު ވަނީ އަސާސީ ގަވާއިދު 90 ދުވަސްތެރޭގައި އިސްލާހު ކުރަށް ވީއޭއެމް އަށް އަންގައިފަ އެވެ. އެކަމަކު އެ މުއްދަތުގައި ވެސް އެ ކަމެއް ނުކުރެ އެވެ.
ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އާ އަސާސީ ގާވާއިދު ފާސް ކުރީ މި މަހު ތިނެއްގައި ބޭއްވި އެ ކޮންގްރެސްގަ އެވެ. މިދިޔަ ތިން އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ބަޖެޓް ވެސް ފާސް ކުރީ އެ ކޮންގްރެސްގަ އެވެ.
ކޮންގްރެސްއާ ބެހޭގޮތުން އާންމުކޮށް މައުލޫމާތު ހިއްސާ ކުރަން އިއްޔެ ބައެއް ކްލަބްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންގެ ނައިބު ރައީސް އަދި ކޯޗު މުހައްމަދު ޝަރަފު އެ އަސާސީ ގަވާއީދުގެ 56 ވަނަ މާއްދާ އަށް ރިއާޔްތް ކުރުމަށް ފަހު ބުނީ މިހާރު އޮންނަން ޖެހޭނީ އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވާފައި ކަމަށެވެ.
ގާވާއިދަށް އަމަލު ކުރުން
(ހ) މި ހިންގާ ގަވާއިދު، ކޮންގްރެސްގެ ޖަލްސާއަކުން ފާސް ކުރާ ދުވަހުން ފެށިގެން އަމަލުކުރަން ވާނެ އެވެ.
(ށ) މި ހިންގާ ގަވާއިދު، ކޮންގްރެސްގެ ޖަލްސާއަކުން ފާސް ކުރާ ދުވަހުން ފެށިގެން ގިނަ ވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިހާބެއް ބާއްވައި އާ ހިންގާ ކޮމިޓީއެއް އިންތިހާބު ކުރަން ވާނެ އެވެ.
"އެހެންވީމަ މިއަދު (އިއްޔެ) މީ އިންތިހާބަށް އޮތް އެންމެ ފަހު ދުވަހޭ އަޅުގަނޑު ދަންނަވާނީ. ދިހަ ދުވަސްތެރޭ އިންތިހާބު ކުރަން ޖެހޭކަން އޭގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތީ. ކޮންމެ ގޮތެއް ވިޔަސް އެ އިންތިހާބާ ބެހޭ އެއްވެސް ވާހަކައެއް އަދި ވެސް ނުއެއްދެއްކޭ. ކީއްވެކަމެއް އަޅުގަނޑަށް ނުއެއް އެނގޭ،" ޝަރަފް ބުންޏެވެ.
ވީއޭއެމްގެ ކުރީގެ ރައީސް އަދި ކްލަބް ވޮލީބޯލްގެ ވެސް ރައީސް މުހައްމަދު ލަތީފު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އިންތިހާބު ނުބާއްވައިގެން އެސޯސިއޭޝަންގެ މެންބަރު 18 ކްލަބްގެ ތެރެއިން 11 ކްލަބަކުން ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދިފައިވާ ވާނެ ކަމަށެވެ. އަދި އަސާސީ ގަވައިދާ އެއްގޮތަށް އިންތިހާބު ކުރިއަށްގެންދަން އެދިފައިވާނެ ސިޓީގައި އެދިފައިވާނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
އޭޝިއާ ސެންޓްރަލް ޒޯން ވޮލިބޯލް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާ ލަތީފު ވިދާޅުވީ ވަކި އަދަދަކަށް ކްލަބްތައް ސޮއިކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދުމުން ވީއޭއެމުން ކޮންގްރެސްއެއް ބާއްވަން ޖެހޭނެ ކަމަށެވެ.
"މިހާރު ވޮލީބޯޅަ އެ އެސޯސިއޭޝަންގެ ކަންތައްތަކެއް ނުނިންމާނެ އެ އެސޯސިއޭޝަންގެ ދެތިން މީހަކު ވެގެނެއް. މުޅި ކޮންގްރެސް އިން އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ނިންމަމުން ދާނީ."
މި މަހު ތިންވަނަ ދުވަހުގެ ކޮންގްރެސް އަކީ ވޮލީ އަށް މަސައްކަތް ކުރުމަށް އާ ސޮފުހާއެއް ހުޅުވިގެން ދިޔަ ދުވަސް ކަމަށެވެ.
"އަޅުގަނޑުމެންނާ [ކްލަބްތަކާ] ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާ ގުޅިގެން ވޮލީ އަށް މަސައްކަތް ކުރުމަށްޓަކައި އާ ސޮފްހާއެއް ހުޅުވިގެން ދިޔަ ދުވަސް، 3 ނޮވެމްބަރު 2023 އަކީ،" ލަތީފް ވިދާޅުވި އެވެ.