13 ނޮވެމްބަރ 2023 - 09:32

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީ އެމްޑީޕީން މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން އެމްޑީޕީން މަސައްކަތް ކުރާއިރު މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމެވެ.
ޖަލްސާ ފެއްޓެވުމުގެ ކުރިން ގިނަ މެންބަރުން މަޖިލީހަށް ވަޑައިގަތް ނަމަވެސް އެ މެންބަރުން ތިއްބެވީ ތަޅުމަށް ނުވަދެ މަޖިލީހުގެ ގޯތި ތެރޭގަ އާއި ކުޑަދަށުގަ އެވެ.
ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން މިއަދުގެ ޖަލްސާ އަށް ކޯރަމް ހަމަކޮށްނުދެއްވައި ބޭރުގައި އެބަތިއްބެވި ކަމަށެވެ.
އެ މެންބަރުން ޖަލްސާ އަށް ވަޑައިނުގަންނަވަން ގަސްތުކުރެއްވިޔަސް މަޖިލީހުގެ ކޯރަމް ހަމަކުރަން މަސައްކަތް ކުރައްވާނެ ކަމަށް އީވާ ވިދާޅުވި އެވެ.
"ކޯރަމް ހަމަވޭތޯ އަޅުގަނޑު މަޑު ކުރާނަން،" އީވާ ވިދާޅުވި އެވެ. "މިއަދުގެ މިޖަލްސާ ކުރިޔަށް ގެންދެވޭތޯ އަޅުގަނޑަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން."
އީވާ ވިދާޅުވި ގޮތުގައި ބަޖެޓު ހުށަހަޅައިގެން އެ މަސައްކަތް ކުރިޔަށް ގެންދަން މަޖިލީހުގެ ގަވައިދާއި ސުޕްރީމް ކޯޓުން އެންމެ ފަހުން ކުރި ހުކުމުން ލާޒިމް ކުރެ އެވެ. މަޖިލީހަށް އިތުބާރު ނެތް މައްސަލައެއް ހުށަހެޅިފައި އޮތަސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް ހުކުމުގައި ވަރަށް ސާފުކޮށް ބުނާ ކަމަށް އީވާ ވިދާޅުވި އެވެ.
"މިކަންކަމަށް ރިއާޔަތްކޮށް އަވަހަށް އަވެސްވެގަތީ ދައުލަތުގެ ބަޖެޓު އެޖެންޑާކޮށްގެން ކުރިޔަށް ގެންދަން." އީވާ ވިދާޅުވި އެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ދަންނަވާފައިވީ ނަމަވެސް އޭނާ ކުރިން ޖަލްސާ އަށް ވަޑައިގަތުމަށް އިންކާރު ކުރެއްވީ އޭޖީގެ ލަފައަކަށް ކަމާށެވެ. އެހެން ނަމަވެސް އެ ލަފައަކީ ގޯސް ލަފައެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
އަމީރު މިއަދު ވަނީ ބަލި ހާލަތު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް މަޖިލީހަށް އަންގައިފަ އެވެ.
"މިއަދު ޖަލްސާ ނުފެށިގެން މި އުޅެނީ ހަމައެކަނި ފިނޭންސް މިނިސްޓަރު ވަޑައިނުގެންނަވައިގެން ނޫން. މާލީ ވަޒީރު ވަޑައިގަންނަވާތޯ ނޫންތޯ ވެސް ނިންމެން އަންނަނީ ކޯރަމް ހަމަވި ނަމަ." އީވާ ވިދާޅުވި އެވެ.
އެމްޑީޕީ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދިޔުމެވެ.
މަޖިލީހުގެ ރިޔާސަތުން އިއްޔެ ވަނީ އެ މައްސަލަ ބޭރު ކޮށްލަން އަމިއްލަ އަށް ނިންމައިފަ އެވެ. އެ މައްސަލާގައި އީވާ އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލިސްގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް ބަލަން ވަނި ނިންމައިފައެވެ.