ޕޮލެންޑްގެ އިންޓަނޭޝަނަލް މުބާރާތުން ލައިބާ އަށް ބްރޯންޒް މެޑަލް
ޕޮލެންޑްގެ އިންޓަނޭޝަނަލް މުބާރާތުން ލައިބާ އަށް ބްރޯންޒް މެޑަލް

ލައިބާ އަހުމަދު މަހުލޫފް (އެލީ) ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ސިންގަލްސް ބައިން މެޑަލް އެއް ހޯދައިފި އެވެ.

ޕޮލެންޑްގެ އިންޓަނޭޝަނަލް މުބާރާތުން ލައިބާ އަށް ބްރޯންޒް މެޑަލް
ޕޮލެންޑްގެ އިންޓަނޭޝަނަލް މުބާރާތުން ލައިބާ އަށް ބްރޯންޒް މެޑަލް

ޕޮލެންޑުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ރެއާ ހަމައަށް ކުރިއަށް ގެންދިޔަ ޔޮނެކްސް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ ވަނީ 11 އަހަރުން ދަށުގެ އުމުރުފުރާގެ ސިންގަލްސް ބައިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ޕޮލެންޑްގެ އިންޓަނޭޝަނަލް މުބާރާތުން ލައިބާ އަށް ބްރޯންޒް މެޑަލް
ޕޮލެންޑްގެ އިންޓަނޭޝަނަލް މުބާރާތުން ލައިބާ އަށް ބްރޯންޒް މެޑަލް

މި އުމުރުފުރާގައި ވާދަކޮށް ލައިބާ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފުރަތަމަ މެޗުގައި ޔޫކްރޭނުގެ ބޮޑާނާ ސީރޮޓިޔުކް ބަލިކުރީ 15-8، 15-11 އިންނެވެ. ދެވަނަ މެޗުގައި ޕޮލެންޑުގެ އޮލިވިއާ ސެރާފިން އާ ވާދަކޮށް ފުރަތަމަ ސެޓު 8-15 އިން ގެއްލުނު ނަމަވެސް ލައިބާ ވަނީ 15-9، 15-9 އިން ޖެހިގެން އައި ދެ ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ތިންވަނައަށް ސީޑް ކުރެވުނު އެޑްރިއާނާ ޑާނޮގާ ބަލިކޮށްފައި ވަނީ 15-13، 15-6 އިންނެވެ.

ގުރޫޕްގެ އެއްވަނައިގައި ކުއާޓާ ފައިނަލަށް ދަތުރުކޮށް ލައިބާ ވަނީ ކުއާޓާ ފައިނަލްގައި ޔޫކްރޭންގެ އުލިއާނާ ކޮނޮނެންކޯއާ ވާދަކޮށް 15-4، 11-15، 15-8 އިން މޮޅުވެފަ އެވެ. ވާދަވެރި ސެމީ ފައިނަލުގައި އޭނާ ބަލިވީ އެއްވަނައަށް ސީޑް ކުރެވުނު ޕޮލެންޑުގެ މާލެނާ ޕުޑްލޯ އަތުން 14-15، 12-15 އިންނެވެ.

ބެޑްމިންޓަން ޔޫރަޕްގެ ކަލަންޑަރުގައި ހިމެނޭ މި މުބާރާތުގެ 11 އަހަރުން ދަށުގެ ސިންގަލްސްގެ އިތުރުން، 13 އަހަރުން ދަށުގެ ސިންގަލްސް އާއި ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގައި ލައިބާ ވާދަކޮށްފައި ވެއެވެ.

ތޭރަ އަހަރުން ދަށުގެ ސިންގަލްސްގައި ލައިބާ ވަނީ ގުރޫޕް ސްޓޭޖުގައި ޕޮލެންޑުގެ ކުޅުންތެރިނާ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި އަގާޓާ ޒެލީގާއާ ވާދަކޮށް ބަލިވީ 6-21، 11-21 އިންނެވެ. ދެވަނަ މެޗުގައި 9-21، 14-21 އިން ބަލިވީ، 13 އަހަރާއި 15 އަހަރުގެ އުމުރުފުރާގައި ވެސް ދެވަނައަށް ސީޑް ކުރެވުނު ޒުޒުއާނާ މިސިއާކް އަތުންނެވެ.

މި އުމުރުފުރާގެ ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ލިތުއޭނިއާގެ ޓައުޓޭ ބަލްޓަކީޓޭ އެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، ތިންވަނައަށް ސީޑް ކުރެވުނު ޕޮލެންޑުގެ އަގާޓާ ޒެލީގާ އާއި ރޯޒާ ޒީޕެރެކްގެ ޕެއާއާ ވާދަކޮށް 14-21، 7-21 އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ވަނީ ޔޫކްރޭނުގެ މަރީއާ އިވްޗެންކޯ އާއި އުލިއާނާ ކޮނޮނެންކޯއާ ވާދަކޮށް 21-10، 21-6 އިން މޮޅުވެފަ އެވެ.

މިކްސްޑް ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކީ ޕޮލެންޑުގެ ކޭޝްޕާ ކޮޒް އެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، ޔޫކްރޭނުގެ ޔެގޯ ޗާކިން އާއި ލައިބާގެ ޑަބަލްސް ޕާޓްނަރު ޓައުޓޭ ބަލްޓަކީޓޭއާ ދެކޮޅަށް ކުޅެ ބަލިވީ 13-21، 17-21 އިންނެވެ. ދެވަނަ މެޗުގައި ޕޮލެންޑުގެ އަލެކްސެންޑަ ބަންޑްރޮވިޗް އާއި ޔޫކްރޭނުގެ އޮރީސިއާ ސޮޑޮމޮރާއާ ވާދަކޮށް ބަލިވީ 9-21، 18-21 އިންނެވެ.

މިއީ ލައިބާ ވާދަކުރި މިއަހަރުގެ ބެޑްމިންޓަން ޔޫރަޕްގެ ކަލަންޑަރުގައި ހިމެނޭ ހަތަރުވަނަ މުބާރާތެވެ. އޭނާ ވަނީ އޭޕްރީލް މަހުގެ ފަހުކޮޅު އިޓަލީގައި އޮތް ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތާއި މެއި މަހު ކްރޮއޭޝިއާގައި އޮތް އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުން ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން މެޑަލް ހޯދައިފަ އެވެ.

ޖޫން މަހު ޗެކް ރިޕަބްލިކްގައި އޮތް ޔޮނެކްސް ޗެކް ޔޫތު އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުގައި ލައިބާ ވަނީ ފުރަތަމަ ފަހަރަށް ސިންގަލްސް އިވެންޓުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައި ކުރިއެރުން ހޯދައިފަ އެވެ. އެ މުބާރާތުގެ ސިންގަލްސް ބައިގެ ގުރޫޕް ސްޓޭޖުގައި ކުޅލުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން އޭނާ ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.