12 ނޮވެމްބަރ 2023 - 18:17

އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުން ވެސް މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީގައި އުފައްދާ އެލާގޯ ބްރޭންޑުގެ ފަސް މިލި ލީޓަރާއި ފަސް މިލިގްރާމްގެ ބޭހުގެ ބެޗެއްގައި ނުރައްކާތެރި ދެ ކެމިކަލް މާއްދާ ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އެއީ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" އެވެ.
އޭގެ އިތުރު ބެޗަކުން ސާމްޕަލް ނަގައި ޓެސްޓު ކުރިއިރު އެ ދެ ކެމިކަލް ހުރިކަން ކަށަވަރު ވެފައިވާ ކަމަށް ވެސް އެމްއެފްޑީއޭން ބުންޏެވެ.
އެއާ އެކު، މިއަދުން ފެށިގެން އެ ބޭހާއި އެ ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން ވަނީ މަނާ ކޮށްފަ އެވެ.
އަދި އެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭން ވަނީ އަންގާފަ އެެވެ.
އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ދިޔާ ބޭސް އާންމުކޮށް ބޭނުން ކުރަނީ ކެއްސުމަށާއި ހުމުގެ އިތުރުން ރޯގާއަށެވެ. މި ބޭސް ދެ އަހަރުން މަތީގެ ކުދިންނަށާއި ބޮޑެތި މީހުން ބޭނުން ކުރުމަށް ވެސް ދެ އެވެ.