ނަޝީދުގެ ގަރާރު ކުރިއަށް ގެންދަން އިތުރު ޖަލްސާއެއް ބާއްވަނީ
ނަޝީދުގެ ގަރާރު ކުރިއަށް ގެންދަން އިތުރު ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރު ކުރިއަށް ގެންދިއުމަށް މިއަދު އިތުރު ޖަލްސާއެއް ތާވަލްކޮށްފި އެވެ.

އިތުބާރު ނެތް މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވިތާ ދެ ހަފްތާ ފަހުން މިއަދު ވަނީ އެ ޖަލްސާ ކުރިޔަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ޑިމޮކްރެޓްސް އިން ބުނެފައި ވަނީ އެ ގަރާރުގައި ދީބާޖާ ހިމަނާފައި ނުވާ ކަމަށާއި އެއީ ގަވައިދާ ހިލާފަށް އެމްޑީޕީން ހަދާފައިވާ ގަރާރެއް ކަމަށެވެ.

ޖަލްސާގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ޖަލްސާ ނިންމަވާލެއްވީ ގަރާރު ގޯސްކަމަށް ކަނޑައަޅުއްވަ އެވެ.

އެމްޑީޕީގެ ޕީޖީން ބުނީ ޖަލްސާ 11:30ގައި ބާއްވާނެކަން މަޖިލީހުގެ އިދާރާއިން އަންގާފައިވާ ކަމަށެވެ. މަޖިލީހުގެ ވެބްސައިޓުގައި ވެސް ވަނީ އެ ގަޑިއަށް އެޖެންޑާ ނެރެ އާންމުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ މަޖިލީހުގެ އަމީންއާންމުގެ ލަފަޔާ ހިލާފަށް ކަމަށް ބައެއް މެންބަރުން ވިދާޅުވެ އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މަޖިލީހުގައި ކަން ހިނގާ ގޮތަށް ބަލާއިރު ސުޕްރީމް ކޯޓުން މި ނިންމި ނިންމުމުން ވެސް ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން 265 ވަނަ މާއްދާގައި ލިޔެފައި މި އޮންނަނީ މި ހުށަހެޅިފައި އޮތް ކަންތަކުގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސްއޭ. އެހެން ނަމަވެސް އެގޮތަކަށް ނޫން ކޯޓުން ނިންމީ އެ ދެމިގެންދާ ގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ އެހެން ހުރިހާ ކަމެއް ވެސް އޮންނާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާ ވެސް ގުޅިގެންދާ ގޮތަށް ކަމަށް އަފީފް ވިދާޅުވި އެވެ.

"އެހެންވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅި ނިޒާމީ މައްސަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މި އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފަ. އެހެންވީމަ އަލުން މި މައްސަލަ ހުށަހަޅުއްވަން މި މައްސަލަ ނިންމަން. މި މައްސަލަ މިހާރު މި ނިމުނީ،" ޖަލްސާ ނިންމާލަމުން އަފީފް ވިދާޅުވި އެވެ.