12 ނޮވެމްބަރ 2023 - 11:19

ރަފީއުއްދީން ނަސީމަކީ ރާއްޖޭގެ ޓެކްނޮލޮޖިކަލް ކުރިއެރުމާ ގުޅިފައިވާ ނަމެކެވެ. ރާއްޖެ އަށް އެންމެ ފުރަތަމަ ކޮމްޕިއުޓަރެއް ގެނެސް, "ސައިރިކްސް"ގެ ނަމުގައި ކޮމްޕިއުޓިން ކިޔަވައިދޭ މަރުކަޒެއް ހުޅުވައި، ދިވެހިންނާއި ކުރިއަރަމުން އަންނަ ދުނިޔެއާ ގުޅުވައިދިން މޭސްތިރި އަކީ ރަފީއުއްދީނެވެ.

އެންމެ ހަތަރު ކޮމްޕިއުޓަރުން ފަށައި، 80 ދަރިވަރުން ތަމްރީނުކުރުމުގެ ބުރަ މަސައްކަތް ކޮށް, ސައިރިކްސްގެ މަސައްކަތްތައް މާލެއިން ބޭރަށް ފުޅާކޮށް, ރަށްރަށަށް ވެސް ފޯރުކޮށްދިނީ ރަފީއުއްދީނެވެ. ދިވެހިންނާއި ކޮމްޕިއުޓަރު ރައްޓެހިކޮށްދީ, ދުނިޔޭގެ ހުރިހާ ކަންކޮޅުތަކާ ދިވެހިން ގުޅުވައިދީ, އޮފީސް މަސައްކަތްތަކާއި އާއްމު ދިރިއުޅުމަށް ކޮމްޕިއުޓަރުންވާ ފައިދާތައް ދިވެހިންނަށް ތަސައްވަރު ކުރުމުގެ ފުރުސަތު ފަހިކޮށްދިން ފަރާތަކީ މިއީ އެވެ.

ދިވެހިންނަށް ކޮމްޕިއުޓަރުގެ އިލްމު ދަސްވުމަށް ފަހު, އެއަށް އޮތް ބޭނުން ބޮޑުވި ނަމަވެސް, ބޮޑު ހަރަދަކަށްވުމުން ކޮމްޕިޓަރު ގަތުމަށް ދަތިވެފައި ތިބި ދިވެހިންނަށް އެކަން ވެސް ލުއި ކޮށްދިނީ ރަފީއުއްދީނެވެ. ވިޔަފާރީގެ މައިދާނަށް އޭނާ ނުކުމެ, އޭނާގެ ފުރަތަމަ ވިޔަފާރީގެ ފެށުން އައީ މި ހިސާބުންނެވެ.

"މިހާރު މި އޮންނަ އިންސްޓޯލްމަންޓް ސްކީމުތަކަކީ ކުރިން ދިވެހިން ދަންނަ އެއްޗެއް ނޫން. ކޮމްޕިއުޓަރު ކަހަލަ ބޮޑު އަގު ދީފަ ގަންނަން ޖެހޭ އެއްޗިހި ގިނަ މީހުންނަށް ނުގަނެވިފަ ތިބީ. އަޅުގަނޑު ބޭނުންވީ މި ކަމަށް ހައްލު ހޯދައިދޭނެ ވިޔަފާރިއެއް ފަށަން. އެހެންވެ, އެއް ފުރާޅެއްގެ ދަށުން ހެޔޮ އަގުގައި ކޮމްޕިއުޓަރާއި އޭގެ ގެޖެޓުތައް ލިބޭނެ ތަނެއް "ޒިއޯން ކޮމްޕިއުޓާޒް"ގެ ނަމުގައި އަޅުގަނޑު 2006 ވަނަ އަހަރު ހުޅުވީ." ރަފީއުއްދީން އޭނާގެ ފުރަތަމަ ވިޔަފާރި ފެށި މަގުސަދު ހިއްސާކުރަމުން ބުންޏެވެ.
ކުޑަ ކޮމްޕިއުޓަރު ފިހާރައަކުން ފެށި ވިޔަފާރި ފުޅާކޮށް ރާއްޖޭގެ ވިޔަފާރިވެރިންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ރަފީއުއްދީނުގެ ނަން ހިމެނިގެން ދިޔައީ އޭނާގެ ސްމާޓް ފޯނު ވިއްކާ ވިޔަފާރިއާ އެކު އެވެ. އެޕަލް އާއި ސެމްސަންގް ފިޔަވައި އިތުރު ބްރޭންޑެއްގެ ފޯނަށް ދިވެހިންގެ މާކެޓު ނުލިބޭނެ ކަމަށް ނިންމައިގެން ތިއްބާ ރަފީއުއްދީން "ޒިއޯން މޯބައިލްސް" ހުޅުވައި، ހެޔޮ އަގުގައި ލިބޭ ކޮލިޓީ ބްރޭންޑުތައް ތައާރަފްކުރި އެވެ. މި ބްރޭންޑުތަކަކީ ދިވެހިންގެ ބޮޑު މަގުބޫލުކަމެއް މިހާރު ލިބިފައިވާ "ވާވޭ", "ރެޑް މީ" އަދި "ޝޯމީ" ފަދަ ބްރޭންޑުތަކެވެ.
"ވަރަށް ގިނަ މީހުން ޝައްކު ކުރި އެޕަލް އާއި ސެމްސަންގު ނޫން ބްރޭންޑެއް ވިކޭނެ ކަމާ މެދު. އެކަމަކު އަޅުގަނޑުގެ އަމާޒަކަށްވީ ދިވެހިންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ހެޔޮ އަގުގައި ތަޖުރިބާކުރުމުގެ މަގުތައް ތަނަވަސް ކޮށްދިނުމަށް. އަޅުގަނޑުމެން ޒިއޯން އަށް ގެނައި ބްރޭންޑުތަކަށް އޮތް ތަރުހީބު ބޮޑުވެ, ރާއްޖޭގެ އެންމެ ބޮޑުއެއް މޮބައިލް ފިހާރަ އަށް 'ޒިއޯން މޮބައިލް'ވި." ރަފީއުއްދީން ބުންޏެވެ.
ގިނަ އަހަރުތަކެއް ވަންދެން ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުން ހުރި ވިޔަފާރިތައް ކުރުމަށް ފަހު, ދާއިރާއިން ބޭރުން ފެށި ފުރަތަމަ ވިޔަފާރިވީ އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ވިޔަފާރިއަކަށެވެ. ހުޅުމާލޭގައި "އޯޝަން ބަބްލްސް"ގެ ނަމުގައި ފެށި ރަހަ މީރު "ބޮބާ ޓީ"ގެ އެކި ފްލޭވާތައް ގެނެސްދިން މި ވިޔަފާރި އަށް ލިބުނު ތަރުހީބު ބޮޑުވެ މާލޭގައި މި ތަނުގެ އައުޓްލެޓެއް މި ދިޔަ އަހަރު ވަނީ ހުޅުވައިފަ އެވެ.
މާލޭގައި ހުޅުވި މި އައުޓްލެޓަކީ ރަފީއުއްދީން ޓެކްނޮލޮޖީއަށް އޮތް ލޯބި ވެސް ވަރަށް ބޮޑަށް ފެނުނުތަނެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާވިސް ރޮބަޓެއްގެ ހިދުމަތާ އެކު ހުޅުވި މި ތަނަކީ ރާއްޖެ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ޖައްސާލި ތަނެކެވެ.
ވިޔަފާރީގެ ދާއިރާގައި ރަފީއުއްދީން ހޭދަކުރި މި 30 އަހަރަކީ އޭނާގެ ވިޔަފާރިން ރާއްޖެ އަށް ޓެކްނޮލޮޖިކަލް ކުރިއެރުން ގެނެސްދީ, ފަހުގެ ޓެކްނޮލަޖީ އަކީ ދިވެހިންނަށް އަތްފޯރާ އެއްޗަކަށް ހެދުމަށް ހޭދަކުރި އަހަރުތަކެކެވެ. އޭނާގެ ހިދުމަތްތެރި މި މަސައްކަތްތަކަކީ ބޭރު ދުނިޔެ އިން ވެސް މިއަދު ބަލައިގެންފައިވާ ހިދުމަތްތަކެކެވެ.
މި އަހަރު ރަފީއުއްދީނަށް ވަނީ ފްރާންސްގައި ހުންނަ ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވާސިޓީން އޮނަރަރީ ޕީއެޗްޑީއެއް ދީފަ އެވެ. އެ ޔުނިވާސިޓީން އޭނާއަށް ޑޮކްޓަރޭޓްކަން ދީފައި ވަނީ "ގްލޯބަލް ލީޑަޝިޕް އެންޑް މެނޭޖްމަންޓް"ގެ ދާއިރާއިންނެވެ. އޭގެ އިތުރުން އަންނަ މަހު ބާއްވާ "އޭޝިއާ އެވޯޑްސް"ގެ "ބެސްޓް އެންޓްރޮޕްރިނިއާ" އެވޯޑު ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ.
ބޭރު ދުނިޔެ އިން ލިބުނު ފަހުރުވެރި ލަގަބާއި ޝަރަފާ އެކު ރަފީއުއްދީންގެ އުއްމީދަކީ ރާއްޖެ އަށް ބޭނުންތެރި ހިދުމަތްތައް ފޯރުކޮށްދީ, އޭނާގެ ވިޔަފާރިތައް މެދުވެރިކޮށް ދިވެހިންނަކީ މި ގަރުނުގެ ޓެކްނޮލޮޖިކަލް ކުރިއެރުންތަކަށް ޖީބަށް ލުއި ގޮތެއްގައި ވާސިލްވެވޭނެ މަގު ތަނަވަސް ކޮށްދިނުމުގައި ދެމިހުރުމެވެ.
ނޯޓު: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.