13 ނޮވެމްބަރ 2023 - 08:49

އެފްއޭއެމްގައި ހުރި ދަރަނިތައް، މި އަހަރު ނިމުމުގެ ކުރިން ހަލާސްކުރާނެ ކަމުގެ ޔަގީންކަން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފި އެވެ.

"މިހާރު" ގެ "މެދުސަފްހާ" އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ، އޭނާގެ ފުރަތަމަ ދައުރު ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އެ ދައުރުގައި ކްލަބްތަކަށް ފައިސާ ލިބި ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ފެންވަރުގައި ވާދަކޮށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިކަން ބައްސާމް ފާހަގަކުރެއްވި އެވެ.

އެފްއޭއެމަށް ދިމާވެފައިވާ ހާލަތާ މެދު ބައްސާމް ވިދާޅުވީ، އޭނާގެ ދެވަނަ ދައުރު އެހާ އުނދަގޫކޮށް ދިޔައީ ކްލަބްތަކަށް ލިބެމުން ދިޔަ ފައިސާ ސަރުކާރު ބަދަލުވުމާ އެކު ހުއްޓުން ފަދަ އެކި މައްސަލަތަކާ ހެދި ކަމަށެވެ. އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ސަރުކާރުން ދޭން ނިންމި ބަޖެޓް ލަސްވުމަކީ ވެސް ހަރަދުތައް ބޮޑުވެގެން ދިޔަ ބޮޑު ސަބަބެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.
"ހަމަ އެއާ އެކީގައި ފައިނޭންޝަލީ ވަރަށް އުނދަގޫ ހަރުފަތަކަށް އަޅުގަނޑުމެން ފައިބައިގެން ދިޔަ،" ބައްސާމް ވިދާޅުވި އެވެ.
"އެކަމާ ހެދި، އަޅުގަނޑުމެން މި ޓާމްގައި ކުރަން ރޭވި ވަރަށް ގިނަކަންތައްތައް ވަނީ ނުކުރެވި ގޮސްފައި. އޭގެ ތެރޭގައި ކްލަބްތަކަށް ސްޕޮންސާޝިޕް ހޯދުމާއި ކްލަބްތަކަށް ބޭނުންވާ ފައިސާ ހޯދުމާ އަޅުގަނޑުމެންގެ ޑިވެލޮޕްމެންޓަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވި."
ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ސަރުކާރުން އެންމެ ފަހު ވަގުތު ބަޖެޓް ދިނުމުން ހަރަދު ބޮޑުވެގެން ދިޔައީ އެންމެ ފުރަތަމަ ސަރުކާރަށް ހުށަހެޅި ޕްލޭނަށް އަންދާޒާ ކުރިވަރަށް ވުރެ ވެސް މާ ބޮޑުކޮށް ކަމަށެވެ. އެފްއޭއެމްގެ ދަރަނި ވެސް ބޮޑުވެގެން ދިޔައީ އެކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން [މިނިސްޓަރު މަހްލޫފާ] ރަނގަޅަށް މިހެން ވާހަކަ ދައްކާކަންތައް ކުރިއެއް ކަމަކު އަޅުގަނޑުމެންނާ ދޭތެރޭ އަމަލުކުރަމުން ދިޔައީކީއެއް އެސޯސިއޭޝަނަކާ މެދު އަމަލުކުރަން ޖެހޭ އެންމެ ރަނގަޅު ގޮތަކަށް ނޫންކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" ބައްސާމް ވިދާޅުވި އެވެ.
މިހާރު ނިމެންދާ ސަރުކާރުން އެފްއޭއެމަށް ގިނަ ހުރަސްތަކެއް ކުރިމަތިކުރި ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ސަރުކާރު ހަވާލުވެ 2019 ގައި އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމަށް، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި މަސައްކަތް ފަހުން ހުއްޓާލެއްވި ނަމަވެސް ޖެއްސުން ކުރުމާއި ފިއްތުންތައް ސަރުކާރުން ކުރިމަތި ކުރި ކަމަށެވެ.
"އަނެއްހެން ބުނަންޏާ އަޅުގަނޑުމެން ފިއްތާލެވެން އޮންނަ ވަގުތު ފިއްތާލެވޭތޯ ވެސް މަސައްކަތް ކޮށްފައި ހުރީ. އެހެންވީމާ އަޅުގަނޑުމެން ވަރަށް ދަތި އުނދަގޫ ހާލަތެއްގައި މި އަހަރު ނިމިގެން މި ދިޔައީ. އެކަމުގެ ހިތި އަޅުގަނޑުމެން މި ވަޒަންކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ބައްސާމްގެ އެ ވާހަކަ ފާހަގަކޮށް، "މިހާރު" ގެ "މެދު ސޮފުހާ" އިންޓަވިއުގައި، މަހްލޫފާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ބައްސާމް އެހެން ވިދާޅުވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ބައްސާމް ވިދާޅުވި ގޮތުގައި އެ މުބާރާތަށް ފަހު އެފްއޭއެމްގައި 30 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. އެކަމަކު މިދިޔަ ދެ އަހަރުގެ ތެރޭގައި ދަރަނީގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތާ އެކު މިހާރު އޭގެ ތެރެއިން ބޮޑުބައެއް އަދާކޮށް، ހަ މިލިއަނަށް ދަރަނި ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެފްއޭއެމްގެ ހުރިހާ ދަރަންޏެއް އަދާކޮށް ނިމި، އަންނަ އަހަރު ފަށާނީ ހަރަދު ކުޑަ ކުރުމުގެ ޕްލޭންތަކާ އެކުގައި ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ، ފަހަރަކު ކަމަކުން އެޓެންޑްވަމުން އެ އެއްޗިހި ހައްލު ކުރުމަށްޓަކައި. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެންގެ ދަރަންޏެއް އޮވެއްޖެއްޔާ އޮންނާނީ ހަލާސް ކުރެވިފައި. އެފްއޭއެމްގެ ސްޓާފުންގެ މުސާރަ އޮންނާނީ ހަމަޔަކަށް އެޅިފައި،" ބައްސާމް ވިދާޅުވި އެވެ.
"އެއާ އެކީގައި އެފްއޭއެމްގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި މިދަނީ ވަރަށް ބައިވަރު ކަންކަން ރޭވެމުން. އޭގެ ތެރޭގައި މަހަކަށް އަޅުގަނޑުމެން ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް އަހަރު ޖެނުއަރީގައި އަޅުގަނޑުމެން އަލުން ފަށާއިރު ސުމަކުން އަޅުގަނޑުމެން ފަށާނީ. އަޅުގަނޑުމެންނަށް ކެތްވާވަރުގެ ބަޖެޓެއްގައި އެހެންވީމަ އެ މަސައްކަތް މިހާރު ދަނީ ކުރެވެމުން."
ބައްސާމް ވިދާޅުވީ ދަރަނި އަދާ ކުރުމަށް ފައިސާ އެހީތެރިކަން، ރާއްޖެއާ ގާތް ގުޅުން އޮންނަ އަރަބި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ފޯރުކޮށް ދެއްވާނެކަމުގެ ސިގުނަލް ދެއްވާފައިވާ ކަމަށެވެ.