އާ ސަރުކާރަކީ އިންސާފުވެރި، ނަމޫނާ ވެރިކަމަކަށް ވާނެ: ހުސެއިން
އާ ސަރުކާރަކީ އިންސާފުވެރި، ނަމޫނާ ވެރިކަމަކަށް ވާނެ: ހުސެއިން

އަންނަ ހުކުރު ދުވަހު ރައީސްކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައި އުފެދޭ އާ ސަރުކާރަކީ ދިވެހިން އެދޭ ފަދަ ނަމޫނާ ވެރިކަމަކަށް ވެގެންދާނެ ކަމަށް އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ހުސެއިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ސަރުކާރުގެ އަމާޒަކީ ރައްޔިތުނަށް ސިޔާސީ، އިގުތިސޯދީ އަދި އިޖްތިމާއީ ހަމަޖެހުން ގެނެސްދިނުން ކަމަށެވެ. ބަރަކާތާ އެކު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހީން އެދޭފަދަ ނަފާވެރި، އަރުތަވެރި އަދި އިންސާފުވެރި ވެރިކަމަކަށް، ނަމޫނާ ސަރުކާރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިން މުހައްމަދު ލަތީފް މި ޔަގީންކަން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވި މެސެޖްތަކަށް އިޝާރާތް ކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވީ އަމާން، ރައްޔިތުންނަށް ހަމަޖެހުން ގެނުވާނެ އަދުލުވެރި އިންސާފު ވެރިކަމެއް ކުރައްވާނެ ކަމަށެވެ.

ކެބިނެޓަށް އައްޔަންކުރައްވާނީ ވެސް ރައްޔިތުން އެދޭނެ ފަދަ ބަދަލުތަކާއި ނަތީޖާ ނެރެދެވޭނެ ބޭފުޅުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވީޑިއޯ ހިތޯބުގައި ވިދާޅުވީ މި ދަނޑިވަޅުގައި ގައުމަށް ހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ގައުމުގެ ކުރިއެރުމަށް އެންމެ އެކަތިގަނޑަކަށް ވާން މިހާރު ވަނީ ޖެހިފައިވާ ކަމަށާއި އެގޮތުގައި އެންމެން ވެސް ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވި ގޮތުގައި މީގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން މީގެ ކުރިން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިންނެވެ. މީގެ ފަހުން ބާއްވާ ކޮންމެ ރިޔާސީ އިންތިހާބަކަށް ފަހުގައި ވެސް ވެރިކަން ބަދަލުވުމުގެ ކަންކަން މިގޮތަށް އޮމާންކަމާ އެކީގައި ކުރިއަށް ގެންދަން ފުރުސަތު ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހަބުތަކާއި ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުންދާ ތަން ދިވެހި ރައްޔިތުން ދެކޭހިތް ވާނެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް،" ރައީސް ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު ރައީސްގެ ވެރިކަމުގެ ދައުރު ހަމަވާއިރު އާ ރައީސް ކަމުގެ ހުވާ މުއިއްޒު ކުރައްވާނެ އެވެ. ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވީ 1968 ވަނަ އަހަރުގަ އެވެ. މުއިއްޒަކީ އޭގެ ފަހުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ އަށް ވަނަ ރައީސެވެ.