އާދަ
އާދަ

ބުދަ ދުވަހާ ގުޅޭ

"އަޅުގަނޑަށް ލަފާކުރެވެނީ ޑިޕްރެޝަންކަމަށް." ޑަކުޓަރު ބުންޏެވެ.

އެ ދުވަހަށް ބޭނުންވާ ފަރުވާއަށް ފަހު، ދެން ޑަކުޓަރަށް ދައްކަންވީ ދުވަސްތަކާއި، ކުރަންވީ ކަންތައްތައް ޑަކުޓަރު ކިޔައިދިނެވެ. ދޭންވާ ލަފައާއި އިރުޝާދު ދިނެވެ. އެއްވެސް ބޭހެއް އެ ފަހަރަކު ނުދެއެވެ. ގެއަށް އައިސް ވިސްނުމުގެ ކަނޑަކަށް ފުންމައިލީ ރަޒީނެވެ. އޭނަގެ ސުވާލަކީ، ލުބާނާ ޑިޕްރެޝަނަށް ދާންވީ ކީއްވެހެއްޔެވެ؟

"ކޮން ކަމަކާ ހިތްހަމަނުޖެހެންވީ؟" ރަޒީން ސުވާލުފޮށި ހުޅުވައިލިއެވެ. "ދަރިޔަކު އެއްޗެކޭ ބުނީތަ؟ އާއިލާގެ އެހެން މީހަކު އެއްޗެކޭ ބުނީތަ؟ ނޫނީ ތާކަށް ދާން ބޭނުންވަނީތަ؟ އެއްޗެއް ގަންނަން އޮތީތަ؟"

ލުބާނާ ސޯފާގައި އިށީނދެގެން، އިސްޖަހާލައިގެން އިނެވެ. ހިތަށްއެރިއެވެ. އެއް ފަހަރު ވެސް ރަޒީންގެ މައްސަލައެއް އޮތްތޯ ނާހައެވެ. ވާނީ ވެސް އެހެންނެވެ. ރަޒީން ހިތުން އޭނައަކީ ވަރަށް ފުރިހަމަ މީހެކެވެ. ލޯބިވާން އެނގޭ، ފިރިއެއްގެ ޒިންމާތައް ބަރާބަރަށް އަދާކުރާ މީހެކެވެ. ކުރާ މަސައްކަތް ގިނަ، ހީވާގި މީހެކެވެ. ތިމާ ގެއަށް ވަނުމުން ތިމާއަށް ނޭވާލައިދޭން ޖެހެނީ ވެސް އަނބިމީހާކަމެއް ރަޒީނަކަށް ނުވިސްނެއެވެ. ލުބާނާއަށް ތިމާގެ ކުށެއް ވެސް ފާހަގަކުރެވެއެވެ. ދިމާވެގެންއުޅޭ ކަންތަކާ ކުރިމަތިލައި، ރަޒީނަށް ހަގީގަތް ކިޔައިނުދެވޭތީއެވެ. އެ ވަގުތު ލުބާނާ އިތުރު ހިތްވަރެއްލިއެވެ. ޑަކުޓަރަށް ކިޔައިނުދެވުނު ސިއްރު ރަޒީނަށް ކިޔައިދޭން އަނގަ ހުޅުވައިލިއެވެ.

"ދޭބަލަ ފެންތަށްޓެއް ހިފައިގެންއަންނަން." ސޯފާގައި ލެނގިލަމުން ރަޒީން ބުންޏެވެ.

ފޫހިވެގެން ގޮސް ލުބާނާ ރުޅިއައީކީ ނޫނެވެ. ހެވުނީއެވެ. އެހައި ގަމާރު ފިރިހެނަކާ އިނދެވުނީތީއެވެ. އޭނައަށް އިތުބާރުކުރެވުނީތީއެވެ. އޭނަގެ އަތްމައްޗަށް ލުބާނާގެ މުޅި ދިރިއުޅުން ދޫކޮށްލެވުނީތީއެވެ. ނުގުޅޭ ދަނޑިވަޅުތަކުގައި ހިނިއައުމަކީ މޮޔަވުމުގެ އަލާމާތެއްކަމެއް ލުބާނާއަކަށް ނޭނގެއެވެ. ކުއްލިއަކަށް ތެދުވެގެން ލުބާނާ ހިނގައިގަތެވެ. ތަށްޓަކަށް ފެންއަޅައިގެން އައިސް ރަޒީނަށް ދިއްކޮށްލިއެވެ. އެ ތަށީގައި ރަޒީން ހިފުމުގެ ކުޑަކުޑަ އިރުކޮޅެއް ކުރިން ތަށި ދޫކޮށްލިއެވެ. ތަޅުންގަނޑު މައްޗަށް ވެއްޓުމުގެ ބަދަލުގައި، ނަސީބަކުން ތަށި ވެއްޓުނީ ސޯފާއަށެވެ.

"ކީއްތިކުރީ؟" ރަޒީން އެހިއެވެ.

"ދޫވީނު!" ލުބާނާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

ރަޒީނަކީ ހަޅޭއްލަވާ ފިރިއެއް ނޫނެވެ. އަނިޔާކުރާ މީހެއް ވެސް ނޫނެވެ. ވުމާއެކު، ފެންތަށި ސޯފާއަށް ބަންޑުންވުން އެއީ ރަޒީނަށް މައްސަލައަކަށް ނުވިއެވެ. މައްސަލައަކަށްވީ ތަށި ނުނަގައި ލުބާނާ ދިޔައީމައެވެ. އަނެއްކާ ވެސް ފެންތަށްޓެއް ނުގެނައީމައެވެ. ނުބައި ދިމަދިމާއަށް ރަޒީންގެ ވިސްނުން ދީލެން ވެސް ފެށިއެވެ. ހިތުގައި ޝައްކާއި ވަހުމު އުފެއްދިއެވެ. ރަޒީން ދުށްގޮތުގައި، ލުބާނާއަށް ކުއްލި ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ފަރުވާކުޑަވާން ފަށައިފިއެވެ. އޭގެ ފަހަތުގައި ސަބަބެއް އޮތްތޯ ވެސް ރަޒީން ވިސްނަން ފެށިއެވެ. ހިތަށް އެންމެ ނާރަންވާ އެތި ވެސް އެރިއެވެ. އެހެން މީހެއް ދެކެ ލުބާނާއަށް ލޯބިވެވުނީހެއްޔެވެ؟

ލުބާނާ ހައިނުކޮށް ފިރިމީހާއަށް ކޮށްދިން ހިދުމަތް މަޑުޖެހެން ފެށިއެވެ. ހުއްޓުންއަރައިފައި ނުވަތަ ތެދުވަން ނޭނގިފައި އޮންނަން ފެށިއެވެ. ލުބާނާ ކައިރިއަށް ރަޒީން އައިސް، ފެންބޮވައިގެން ކުސްތަޅާ އިރު ވެސް، އަމިއްލައަށް އެ ކަން ކުރާކަށް ރަޒީން ބޭނުމެއް ނޫނެވެ. ހުންނަނީ ފެންނުބޮއެވެ. ދެން ފެށީ ކުދިކިޔާށެވެ. ފެންނުބޮއިގެން ޖެހޭ މައްސަލަތަކާއި، ފިރިމީހާއަށް ފެންނުދިނުމުގެ ގޯސްކަމުގެ ވާހަކައެވެ. ލުބާނާ ކެތްކުރިއެވެ. އެ ހުރިހައި ވާހަކައެއް ދައްކަނީ، ދެއްކޭ ހަމަ އެކަނި އެކުވެރިޔާ ކައިރީގައެވެ.

"ދެން އެކަމަކު ކިތަންމެ ވަރަކަށް ޑަކުޓަރަށް ދެއްކިޔެކޭ ކިޔާފަ ތި ކަން ރަނގަޅުވާނެ؟" ޒާހިދާ ސުވާލުކުރިއެވެ.

"ނުވާނެ!" ވަރަށް ޔަގީންކަމާ އެކުގައި ލުބާނާ ބުންޏެވެ. "ސައުވީސް ގަޑިއިރު އޭނަ އެ ހުންނަނީ އަހަރެންގެ ބޮލުގަ ކޮށާލަކޮށާލާ! އަހަންނަށް ދެން ވަރިހަމަ! މިހެން އުޅެނިކޮށް މަރުވީމަ އެ ކަން އެ ނިމުނީނު. އަހަރުމެން ކަހަލަ މީހުންނަށް އޮންނާނީ މި ގޮތް. ނަސީބު ބަދަލެއް ނުކުރެވޭނެ."

"ކުރެވޭނެ،" ޒާހިދާގެ ހިޔާލު ތަފާތެވެ. "ކުރަން އުޅުނީމަ ނަސީބު ވެސް ބަދަލުކުރެވޭނެ. ވެގެން އުޅޭ ގޮތް ޑަކުޓަރަށް ކިޔައިދިނީކީ ނޫން. ފިރިމީހާ ގާތުގަ ބުނަން ކެރެނީކީ ނޫން. ކުށްވެރި މި ވަނީ ނަސީބު. ލުބާނާ އެބަ ޖެހޭ ކުޑަ ހިތްވަރެއްކުރަން."

"އަހަރެން ހިޔެއްނުކުރަން ޒާހިދާ ތިހެން ބުނާނެކަމަކަށް،" ލުބާނާ ހިތުގަޖެހުނެވެ. "ކޮންމެ ދުވަހަކު ވެސް އަހަރެން ހިތަށްއަރާ މީ އަހަރެންގެ އެންމެ ފަހު ދުވަހޭ. މީ ހަމަ އެކަނި ބުނެލާ އެއްޗެއް ނޫނޭ! އަހަރެންގެ އެކައުންޓުގެ ތަފުސީލާ، ކާޑުގެ ޕިން ވެސް މިއަދު މާހީއަށް ދީފިން. އެހާ ވެސް ތައްޔާރުވެގެން އަހަރެން މިހިރީ."

ޑަކުޓަރު ކައިރިއަށް ދިޔުން ލުބާނާ ހުއްޓައިލިއެވެ. އެދެވޭ ނަތީޖާއެއް ނުފެންނާތީއެވެ. ރަޒީނަކީ ހަކުރާއި، ޕްރެޝަރަށް ބޭސްކާ މީހެކެވެ. ބޭސްކާ ހުރިހައި ގަޑިއެއް ހަނދާންކުރަންޖެހެނީ ލުބާނާއަށެވެ. ބޭސް ނަގައިދޭން ވެސް ޖެހެނީ ލުބާނާއަށެވެ. ވަކިން އެއްޗަކަށް ބޭސް އަޅާފައި ހުއްޓަސްވެހެވެ. ރަޒީން ރާއްޖެއިން ބޭރުގައި ހުއްޓަސް ލުބާނާ ގުޅާފައި ބޭސްކާން ބުނީމަ ނޫނީ ކެވޭކަމަކަށް ނުވެއެވެ. ކޮންމެ ތަނެއްގައި ލުބާނާ ހުއްޓަސް ރަޒީން ގުޅައެވެ. ބޭސްދޭން އައުމަށް އެދެއެވެ. ބޭސްކާންދީފައި އަނެއްކާ ވެސް ދާންވީއެވެ. މައްސަލައެއް ނުޖައްސައެވެ. ފޯނު ސޯނާކޮށްގެން އަމިއްލައަށް އެ ކަން ކުރަން ލުބާނާ ބުނީމައި ވެސް ރަޒީން އެއްބަހެއް ނުވިއެވެ. ކާންހަދައިފައި ދިޔަސް، ކާގަޑީގައި ރަޒީންގެ ކުރިމަތީގައި ލުބާނާ ނެތިއްޖެ ނަމަ ރަޒީނަކަށް ހަމަ ނުދިރެއެވެ. ރައްޓެއްސަކާ އެކުގައި ލުބާނާ ބޭރުގައި އުޅުނަސް، ގެއަށް އަންނަންޖެހޭ ގަޑިތަކަށް ގެއަށް އަންނަންޖެހޭނެއެވެ.

މާހީގެ ފިރިމީހާ ހަސަންގެ މަންމަ ވަރަށް ބަލިވެގެން ދުވަސްކޮޅަކު އުޅުމަށް ފަހު ނިޔާވިއެވެ. ޖަނާޒާގައި ބައިވެރިވާން މާހީގެ ދޮށީ ދަރިފުޅު ދިޔައެވެ. ރަޔާންއަކީ ހަގު ދަރިފުޅެވެ. އޭނަގެ އުމުރަކީ ފަސް އަހަރެވެ. ޖަނާޒާގައި ބައިވެރިނުކުރި ނަމަވެސް، އޭނައަށް މާހީ ވާނުވާ ކިޔައިދިނެވެ. އެ މާމަ ދެން ނުފެންނާނެކަމާއި، މާމަ ދިޔައީ ސުވަރުގެއަށް ކަމުގައި ވެސް ބުންޏެވެ.

ލުބާނާ ބަލިވެއުޅޭތީ ލުބާނާއަށް ގޮވައިލަން ރަޔާން ގެނައި ދުވަހެކެވެ. ރަޔާނަކީ ލުބާނާއަށް އެންމެ ވަރުހުންނަ މާމަދަރިއެވެ. ލުބާނާ އެންމެ ލޯބިވާ މާމަދަރި ވެސްމެއެވެ. އެ ދުވަހު މާމަ ކައިރިއަށް އައިސް، ކުރިން ސަކަރާތްޖަހާހެން އުޅެން ފެށުމުން މާހީ އެ ކަން ހުއްޓުވިއެވެ.

"މާމަ ބަލިވެއެއްނު އެ އުޅެނީ،" ވިސްނައިދޭ ރާގުގައި މާހީ ބުންޏެވެ. "ދަރިފުޅަކަށް ނުފެނޭތަ މާމަ ކިހާ ބަލިކަމެއް؟"

"މާމަ ވެސް މަރުވާނެތަ؟" ރަޔާން ސުވާލުކުރިއެވެ.

ލުބާނާ ފާޑަކަށް ހިނިއައިސްފައި ބަލަހައްޓައިގެން އޮތެވެ. ހިތަށްއެރިއެވެ. މާހީ ދޭނީ ކޮން ޖަވާބެއްބާއެވެ؟

"އެންމެން ވެސް މަރުވާނެއްނު ދަރިފުޅާ!" މާހީ ޖަވާބުދިނެވެ.

ހަމަ އެހެން ބުނުމާއެކު ރަޔާން ރޯން ފެށިއެވެ. އެއީ، އާންމުކޮށް ކުޑަކުދިން ރޯ ކަހަލަ ރުއިމެއް ނޫނެވެ. ރަޔާންގެ ލޮލުން ކަރުނަ އޮހޮރޭތަން ލުބާނާއަށް ފެނުނެވެ.

"ރަޔާން ބޭނުމެއް ނޫން މާމަ މަރުވާކަށް." ތަކުރާރުކޮށް ރަޔާން އެހެން ވެސް ކިޔެވެ.

އެ ވަގުތު ލުބާނާ ގާތަށް އައީ ހިންޏެވެ. ރަޔާންގެ ކަރުނަ ފުހެދީ، ހިތްވަރުދީ ވެސް ހެދިއެވެ. އެ ހާދިސާ ލުބާނާގެ ހިތުގައި ޓަކިދިނީ ރަޔާން ދިޔަ ފަހުންނެވެ. ލުބާނާ ހިތަށްއެރިއެވެ. ލުބާނާ ނެތް ދުވަހަކުން ރަޔާން ހާދަހާ ދެރަވާނެއެވެ. އެ ފަކީރު ރޮއިރޮއި ހަލާކުވާނެއެވެ. މަރަށް އިންތިޒާރުކޮށްގެން، ދެއަތްއުރާލައިގެން ހުރުން ނިމުމަކަށް ގެނައުން ނޫން ގޮތެއް ދެނެއް ނެތެވެ. އާނއެކެވެ. ކޮންމެ ވަގުތަކު ވެސް މަރުވެދާނެއެވެ. އެހެނަސް، ދިރިހުންނަން ލުބާނާއަށް ކުރެވެން ހުރި ހުރިހައި ކަމެއް ޖެހޭނީ ކުރާށެވެ. ލުބާނާގެ ދަރިފުޅު ބުނިހެން، މައްސަލަޔަށް ފިލުމުގެ ބަދަލުގައި ޖެހޭނީ ކުރިމަތިލާށެވެ. ހުރިހައި ދަރިން މީހުނާ އިނދެ، މާމަދަރިން ބޮޑެތިވުމުން ވެސް އެއް "ދަރި" ގޭގައި ގެންގުޅުން އެއީ ހައްލެއް ނޫނެވެ.

ވާހަކަ ފަށާނެ ގޮތެއް ނޭނގި ވިސްނަން ސޯފާގައި އިންދައި ރަޒީން ކޮޓަރިން ނުކުތެވެ. އޭނަ އައީ ނިޔަފަތިކަނޑާދަތި ހިފައިގެންނެވެ. ލުބާނާ އަތަށް ދަތި ދީފައި، ސޯފާގައި އިށީނދެފައި، ރަޒީންގެ އަތް ވެސް ލުބާނާއަށް ދިނެވެ. އެ ވަގުތު ލުބާނާގެ ހާލު ހުރި ގޮތުން، ނިޔަފައްޗެއް ނުކެނޑޭނެކަން ލުބާނާއަށް އެނގެއެވެ. އެކަމަކު ވެސް އެ ކަން ކުރެވޭތޯ މަސައްކަތް ފެށިއެވެ.

"މި ކަންކަން ބަލަހައްޓަން މީހަކު ގެންނަންވީނު؟" ލުބާނާ އެހިއެވެ.

ފިރިމީހާގެ ނިޔަފަތިކަނޑަން ހިލޭ އަންހެނަކު ގެންނާކަށް އެއްވެސް އަންބަކު ނުބުނާނެއެވެ. ލުބާނާގެ މާނައަކީ، އެހެން މީހަކާ ރަޒީން ކައިވެނިކުރުމެވެ. ލުބާނާ ވަރިކުރުމެވެ. ރަޒީނަށް އެ ވަރު ވިސްނޭނެކަމަށް ލުބާނާ އުންމީދުކުރި ނަމަވެސް، ކަންތައްވީ އެހެނެއް ނޫނެވެ.

"އަހަރެންގެ ހުރިހާ ކަމެއް ވެސް ކޮށްދޭންވާނީ އަހަރެންގެ ލޯބިވާ އަންހެނުން،" ޖަވާބުގައި ރަޒީން ބުންޏެވެ. "އަހަރެން މިހިރީ ލުބާނާއަށް އާދަވެފަ. ދެވިހިފާފަ! އެނގޭތަ؟ އެހެން ބުނީމަ އަންހެނުން ވަރަށް އުފާވާނެ."

ލުބާނާ އުފަލެއް ނުވިއެވެ. ދެން ވެސް މަސައްކަތްކުރީ، ދުރުދުރުން ރަޒީނަށް ވިސްނައިދެވޭތޯއެވެ.

"އަހަރެން ވެސް މިހާރު ހަމަޖެހިގެން ނޭވައެއްލާން ބޭނުން،" އޯގާވެރިކަމާ އެކުގައި ލުބާނާ ބުންޏެވެ. "މިހާރު ރަޒީން ގެއަށް ވަދެއްޖެއްޔާ އަހަރެން މި ޖެހެނީ ބޮޑީގާޑެއްހެން ކައިރީގަ ހުންނަން. އަހަންނާ ނުލައި ރަޒީނަކަށް އެއްކަމެއް ވެސް ވާކަމަކަށް ނުވޭ! އައިސްއަލަމާރީގެ ދޮރު ހުޅުވައިގެންހުރެ އެބަ ގޮވާ ފެންތަށްޓެއް އަޅާދީބަލާށޭ! އެއްވެސް ކަމެއް ނުކޮށް ގޮނޑީގަ އިށީނދެލައިގެން އިންދާ ފޯނެއް އައީމަ ވެސް އެބަ ބުނޭ ތިމަންނަގެ ޖީބުން ފޯނު ނަގާފަ އެއީ ކާކުތޯ ބަލާބަލާށޭ! ރަޒީނަށް ވެސް އެނގޭނެ..."

"ކޮބާ މައްސަލައަކީ؟" ރަޒީން ހައިރާންވެފައި ބުންޏެވެ. "އެއިން ވެސް އެ އެނގެނީ ލުބާނާ ދެކެ އަހަރެން ލޯބިވާ ވަރެއްނު! ފިރިމީހާއަށްޓަކާ އެހާ ކުޑަކުޑަކަމެއް ކޮށްނުލެވޭނެތަ؟"

އެހެން ދުވަހެއް ނަމަ، އެހައި ހިސާބުން ލުބާނާ އަނގައިގައި ޓޭޕުއެޅީހެވެ. އެ ދުވަހު އެހެނެއް ނުވިއެވެ.

"އެއީ ކުޑަކަމެއްވިއްޔާ ކީއްވެތަ ރަޒީން އަމިއްލައަށް ނުކުރެވެނީ؟" ލުބާނާ ސުވާލުކުރިއެވެ. "އަހަންނާ ދޭތެރޭގަ ވެސް އަހަރެން ޖެހޭނެއްނު ވިސްނާލަން."

ވީހައި ވެސް ރީތިކޮށް އެ ވާހަކަ ބުނަން ލުބާނާ މަސައްކަތްކުރިއެވެ.

"އަނބިމީހާޔާ ދޭތެރޭ ވިސްނާނީ ފިރިމީހާ." ރަޒީން ވަރަށް ލޯބިން ބުންޏެވެ.

"ވަރިވެއްޖެއްޔާ؟" ލުބާނާ އެހިއެވެ.