ހުޅުމާލޭގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް އިއްޔެ ސަލާމަތްކޮށްފި އެވެ.

އިއްޔެ ހަވީރު އެ ހާދިސާ ހިނގީ ހުޅުމާލޭގައި ހުންނަ ދިރާގުގެ އޮފީސް އިމާރާތާ ދިމާލުން މޫދަށް ބަޔަކު އެރި އުޅެނިކޮށެވެ. އޮޔާ ގެންދިޔަ އެ ދެ ކުދިންނަށް އެއްވެސް އަނިޔާނެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

އެ ކުދިން ސަލާމަތްކޮށްދިމުގައި އުޅުނު މީހަކު ކިޔައިދިން ގޮތުގައި، އެ ހާދިސާ ހިނގީ ހުޅުމާލެ 1 އާއި 2 ވަކިކުރަން ހަދާފައި އޮންނަ ކެނަލް އާއި ހުޅުމާލެ 1 ގެ ބީޗު ވަކިކުރުމަށް މޫދުގައި ޖަހާފައި އޮންނަ ހިލަތަކާ ކައިރިއަށް އެ ކުދިން ގޮސްގެން އުޅެނިކޮށް އޮޔާ ދަމައިގަނެގެންނެވެ.

އެއީ ނުވަ އަހަރުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖެކެވެ.

"ހުޅުމާލެ ފޭސް ވަންގެ މޫދު މި އޮންނަނީ ވަރަށް ތިލަކޮށް. އެކަމަކު އެ ހިލަތަކާ ދިމާލުން އެތެރެއަށް އޮންނަނީ ވަރަށް ފުންކޮށް. ދެ ބީޗު ވަކިކުރަން ހިލަ ޖަހާފައި ހުރި ގޮތުން ވަރަށް ފަސޭހައިން އެކޮޅަށް އެބަދެވޭ. އަނެއްކާ އެ ދިމާލުގައި އެހާ އޮއިބާރުވީމަ، ހިކި ދިޔާގައި ވެސް ވަރަށް ބާރަށް ދަމައިގަނޭ އެތެރެއަށް،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ވަގުތު އެ ސަރަހައްދުގައި މޫދުގައި ގިނަ ބަޔަކު ތިބި ކަމަށެވެ.

އެ ދެ ކުދިން އޮޔާ ގެންދިޔަކަން އެނގުނީ އެތަނުން އެއް ކުއްޖަކު ހަޅޭލަވައިގަތް އަޑު އިވިގެން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ވެސް އެހާ ފަސޭހައިން އެ ކުދިން ސަލާމަތްކުރެވުނީ ދެކުދިން ބައްދާލައިގެން، އެކަކު އަނެކަކުގެ ގައިން ދޫނުކޮށްލަ ތިބީމަ. އަދި ފަހުން އިތުރު މީހަކު އައިސްގެން، ދެ މީހުން ދެކުދިން ގޮވައިގެން އެއްގަމަށް ގެންދިޔައީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ކުދިންގެ ބެލެނިވެރިން ތިބީ އެ ދިމާލުން އެއްގަމުގައި ކަމަށެވެ.

"އޮއިގަނޑުގައި ދެ ކުދިން އަޅާގަތް އިރުގައި އަސްލު ޕޭރެންޓުންކަށް އެ މީހުންނެއް ނުވެއް ފެންނާނެ. އެ ދެކުދިން ރޮއިގަތަސް އަޑެއް ނީވޭނެތާ ހިލަގަނޑާ ނިވާވެފައި އިނީމަ. ޕޭރެންޓުންނަށް ނުވެސް އެނގޭ އެ ކުދިން އެ ހިސާބަށް ދިޔަކަން ވެސް. ސަލާމަތްކޮށްގެން އެއްގަމަށް ގެނައި ފަހުން ކާކުގެ ދަރިއެއް ކަމެއް ނޭނގިގެން އުޅެނިކޮށް އެ މީހުން އައީ،" އޭނާ ބުންޏެވެ.