މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާއިން ފޮނުވާނެ ބޭފުޅަކު އަދި ނުނިންމާ
މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާއިން ފޮނުވާނެ ބޭފުޅަކު އަދި ނުނިންމާ

އަންނަ ހުކުރު ދުވަހު ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލު ކުރައްވާނެ ބޭފުޅަކު އަދި ނުނިންމާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު، އަރިންދަމް ބަގްޗީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަނީ ދައުވަތު ދެއްވައިފަ އެވެ. އެކަމަކު މިހާތަނަށް އެ ރަސްމިއްޔާތުގައި އިންޑިއާ އިން ބައިވެރިވެ ވަޑައިގަންނަވާނެ ބޭފުޅަކު ނުނިންމާ ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަޅުގަނޑުމެންނަށް ވަނީ އެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު ލިބިފައި. ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލްކުރާނީ ކޮން ބޭފުޅެއްކަން އަދި ކޮން ހައިސިއްޔަތަކުންކަން ކަނޑައެޅުނުހާ އަވަހަކަށް ހާމަކުރާނަން،" ބަގްޗީ ވިދާޅުވެފައިވެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ ވެރިން ހިމެނޭ ގޮތަށް ބޭރުގެ އެކި ގައުމުތަކުގެ ވެރިންނަށް، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ވަނީ ދައުވަތު ފޮނުވައިފަ އެވެ. ދައުވަތު ފޮނުވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ހިމެނޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވާތީ އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު ކުރިން ވިދާޅުވެފައި ވަނީ "ދައުވަތު ފޮނުވަނީ ގައުމަށް" ކަމަށާއި އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނޭ ކަމަށެވެ.

"މި ދައުވަތަކީ ގައުމަށް ދޭ ދައުވަތެއް، ގައުމުގެ ވަކި ބޭފުޅަކަށް ދޭ ދައުވަތެއް ނޫން. ހާއްސަކޮށް އެެ ގައުމެއްގެ ވެރިންގެ ގޮތުގައި، އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން މިސާލަކަށް ރައީސެއް ނުވަތަ ބޮޑުވަޒީރެއް ގޮތަށް ހުންނަ ހާލަތް އަންނާތީ ގައުމަށް ދައުވަތު ފޮނުވީ،" ފިރުޒުލް މީގެ ކުރިން "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިދިކޮޅުން އެންމެ ބޮޑަށް ބޭނުންކުރި ޝިއާރަކީ "އިންޑިއާ އައުޓް" އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި، އެ ޝިއާރު ބޭނުންކުރިއިިރު އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަކީ، ރާއްޖެ ބޮޑު ނުރައްކަލަކަށް ހުށަހެޅުން ކަމަށް އިންތިހާބީ ރައީސް ގަބޫލުކުރައްވާތީ އިންޑިއާ ސިފައިން ފޮނުވާލުމަކީ އެންމެ ބޮޑަށް އިސްކަން ދޭ އެއް ކަންތައް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު މޯދީ "އެކްސް" މެދުވެރިކޮށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށް މޯދީ ވިދާޅުވި އެވެ.