ރޯދަ ހިފިޔަސް މައިމީހާގެ ގާތުން ދޭ ކިރަށް ބަދަލެއް ނާދޭ
ރޯދަ ހިފިޔަސް މައިމީހާގެ ގާތުން ދޭ ކިރަށް ބަދަލެއް ނާދޭ

ދުވާލު ހަތަރުދަމު ނުކައި ނުބޮއެ ހުންނަ ނަމަ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އެހެންވެ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގާތުން ކިރުދޭ މައިންނަށާއި އެ މައިންގެ ދަރިންނަށް ވެސް ރޯދައިގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެކަމަކު އެކި ދިރާސާތަކަށް ބަލާއިރު ފެންނަނީ ހައިރާންވާ ވަރުގެ ނަތީޖާތަކެވެ.

މިއީ ދަރިމައިވުމުގެ ސިއްހަތާ ބެހޭ މައުލުމާތު ގެނެސްދިނުމުގައި މަޝްހޫރު "ބޭބީސެންޓަ" ވެބްސައިޓުގައި ބައެއް މީހުން، ރޯދަޔަށް ހުރެ ގާތުން ދިނުމަކީ ސިއްހީ ގޮތުން ކޮންކަހަލަ ކަމެއްތޯ ކޮށްފައިވާ ސުވާލުތަކާ ގުޅިގެން ދީފައިވާ ބައެއް ޖަވާބުތަކެވެ.

ގެއްލުމެއް ނުވާނެ އެވެ. ރޯދަޔަށް ހުއްޓަސް ކިރު އުފެއްދުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. އޭގެ ފެންވަރަށް ވެސް ބަދަލެއް ނާދެ އެވެ. ރޯދަޔަށް ހުންނައިރު ހަށިގަނޑުން ގިނަ އަދަދެއްގެ ކެލަރީސް މަދުވެގެން ދިޔަ ކަމުގައި ވިޔަސް ކިރު އުފެދުމަށް އެއްވެސް މަޑުޖެހުމެއް ނާދެ އެވެ.

ރޯދަޔަށް ހުންނައިރު ހަށިގަނޑުން އަދައިގެންދާ ކެލަރީސް އަށް ހަށިގަނޑު އަމިއްލަ އަށް އެޖަސްޓްވެ، އެނާޖީ ރިލީޒްކުރުމާ އެކު ކިރު އުފެއްދުން ފުރިހަމަކޮށްދެ އެވެ.

ކިރުގެ ކޮލިޓީ އަށް، 24 ގަޑިއިރު ނުކައި ނުބޮއެ ހުއްޓަސް ބަދަލެއް ނާދެ އެވެ. ރޯދައިގެ ސަބަބުން ޖިސްމާނީ ގޮތުން މައިމީހާ ބަލިކަށިވެ ގާތުން ދިނުމަށް ނުކުޅެދުންތެރިވާ ހާލަތަށް ދިއުމަކީ، ސިއްހީ އެހެން މައްސަލައެއްގެ ސަބަބުން މެދުވެރި ވެދާނެ ކަމެކެވެ. އެފަދަ ހާލަތެއްގައި ލުއި ފަސޭހަ ގޮތްތައް އިސްލާމް ދީނުގައި އެބަހުއްޓެވެ.

ރޯދަ ހިފާ މައިންގެ ގާތުން ބޯ ކުޑަކުދިންގެ ސިއްހަތަށް، ރޯދަ ނުހިފާ މައިންގެ ގާތުން ބޯ ކުދިންގެ ސިއްހަތަށް ކުރާ ހުރިހާ ފައިދާއެއް ކުރެ އެވެ. އެއްވެސް ތަފާތެއް ނުހުރެ އެވެ. އެހެންގެ މައިމީހާ ރޯދަޔަށް ހުރުމަކުން ދަރިފުޅަށް ކުރާނެ ނޭދެވޭ އެއްވެސް އަސަރެއް ނެތެވެ. ކުއްޖާގެ ބަރުދަނަށް އަދި ހެދިބޮޑުވުމަކަށް ވެސް ނޭދެވޭ އެއްވެސް އަސަރެއް ނުކުރެ އެވެ.

މައިމިހާ ކައިބޮއެ އުޅޭ އެއްޗެއްގެ އަސަރު، މައިމީހާގެ ކިރަށް ކުރިޔަސް އެ ބަދަލަށް ކުޑަ ދަރިފުޅު އެޖަސްޓްވެ އެވެ.

އެކި މައިންގެ ހަށިގަނޑުގައި އަދި ގާތުން ދޭ ކިރުގައި ހުންނަ ފެޓްގެ މިންވަރު ތަފާތުވާނެ އެވެ. ސިއްހަތަށް ފައިދާހުރި ކާނާ ނުކާ ނަމަ މައިމީހާގެ ހަށިގަނޑު ލުއިވެ ހިކިދާނެ އެވެ. އެކަމަކު ގާތުން ދޭ ކިރަށް އެކަމަކުގެ ސަބަބުން ވެސް މާބޮޑު އަސަރެއް ނުކުރެ އެވެ. އެއީ ހަށިގަނޑު ހިކެން ފެށުމުން މަދުވާ ފެޓްގެ މިންވަރު، ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ ފެޓުން ނަގައި، ގާތުން ދޭ ކިރާ އެކު ދަރިފުޅަށް ލިބޭނެ އިންތިޒާމު ފުރިހަމަޔަށް ހަމަޖެހިފައި ވާތީ އެވެ.

މިކަމާ ބެހޭ ގޮތުން ވެސް ދިރާސާތައް ކޮށްފައިވެ އެވެ. ގާތުން ދޭ މައިންގެ ތެރެެއިން ރޯދަޔަށް ތިބޭ މީހުންނާއި ރޯދަ ނުހިފާ މީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބަލާފައިވާ ދިރާސާތަކުން ދައްކަނީ ދެ ގްރޫޕްގެ މީހުންގެ ލޭގައި ވެސް ކެމިކަލް ބެލެންސް ހުންނަނީ ހަމަ ދާދި އެއްވަރަކަށް ކަމެވެ. އެހެންވެ ރޯދައިގެ ސަބަބުން، ގާތުން ދޭ މައިންނަށް ކުރާ ނޭދެވޭ އަސަރެއް އޮތް ކަމަކަށް ނުވެ އެވެ.

އެކަމަކު ގާތުން ދިނުމަކީ މައިމީހާ އަށް ކަރުހިއްކުން އިތުރުކުރުވާ ކަމެކެވެ. އެހީ ހަށިގަނޑުން ފެން މަދުވާނެތީ އެވެ. އެހެންވެ ގާތުން ދޭ މައިން ރޯދަ މަހު ޑިހައިޑްރޭޓް ވިޔަ ނުދީ ހިފަހައްޓަންވާނެ އެވެ. ފެން ގިނަ ތަރުކާރީ އާއި މޭވާ ރޭގަނޑު ގިނައިން ބޭނުންކުރާށެވެ. ކަރަޔާއި ޓޮމާޓޯ އާއި ކިއުކަމްބާ އަދި ލެޓިއުސް ފަދަ ކިތަންމެ ކާނާ އަކީ މިގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކެވެ.