10 ނޮވެމްބަރ 2023 - 10:56

މުސްލިމުންނަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކުރާ ޢަޤީދާގެ މަތީ ތިބެ އެ ޢަޤީދާއާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހާ އަމަލުތައް ބެހެއްޓޭތޯ މަސައްކަތް ކުރާ ބައެކެވެ. ވަކިން ޚާއްސަކޮށް އަޚުލާގީ ވަކި ހަމަތަކެއްގެ މަތީ ނަފުސު ހާނުވަން މަސައްކަތްކުރާ ބައެކެވެ. މިކަމުގައި ކާމިޔާބު ވެއްޖެ ނަމަ އެ މީހެއްގެ ދީންވެރިކަން ވަރުގަދަވެ އެވެ. ދީނަށް އޮންނަ ލޯބި އިތުރުވެ އެވެ. ދީނަށް ވާގިވެރިވާން އަބަދުވެސް ތައްޔާރަށް ތިބެވޭނެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މިއަދު މުސްލިމުންގެ މެދުގައި ފެތުރިފައިވާ މައްސަލަތަކުގެ ތެރޭގައި ބައެއް މުސްލިމުންގެ ކިބައިގައި ދީނީ ރޫހު ނެތުން ހިމެނެ އެވެ. ދީން ދެކެ ލޯބިވުމާއި ދީނަށް ވާގިވެރިވާން ތައްޔާރަށް ތިބުމުގެ ރޫހު ފަނޑުވުން ހިމެނެ އެވެ.
ދީނީ ރޫހު ނެތިދިއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ޢަޤީދާ ބަލިކަށިވުމެވެ. މިހެން ވަނީ ބައެއް މުސްލިމުންނަކީ އަމިއްލަ އިޚުތިޔާރުން ދީން ގަބޫލުކުރާ ބަޔަކަށް ނުވުމެވެ. ސަގާފަތެއްގެ ގޮތުގައި އެކަނި ދީނަށް ތަބާވާ ބަޔަކަށް ވުމެވެ. މީގެ އިތުރުން އިސްލާމް ދީނުގެ އަދުއްވުން މުސްލިމުންގެ ޢަޤީދާ އާއި އަޚުލާގު ބަދަލުކުރުމަށް ތަފާތު އުކުޅުތައް ބޭނުން ކުރަމުން ދިއުމެވެ. އެ މީހުން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބައެއް މުސްލިމުންނަށް އިސްލާމް ދީނުގެ ފުރިހަމަކަން ތަސައްވުރު ނުކުރެވިދެ އެވެ. އެ މީހުން މުސްލިމުންނަށް ވިސްނައިދޭން ބޭނުންވާ ފިކުރުތައް މުސްލިމުންނަށް ގަބޫލު ކުރެވޭ ގޮތް ވެދެ އެވެ. މިފަދަ ހާލަތުގައި ތިމާގެ އަމިއްލަ ދީނުގައި ހުރި ކަންކަން ރަނގަޅަށް އޮޅުންފިލުވައި ސާފުކުރަން މަސައްކަތް ނުކުރާ ނަމަ ދީން ތަސައްވުރު ވާނީ މުޅިން ނުބައިކޮށެވެ.
އިސްލާމް ކަމަކީ މިނިވަންކަން ގެއްލޭ ކަމެއްކަން ގަބޫލު ކުރެވިދާނެ އެވެ. އެހެންވެ އިންސާނާގެ ނަފްސު އެދޭ އެތައްއެތައް އުފާތަކާއި ހިތްހަމަޖެހުންތަކުން އިންސާނާ މަހުރޫމު ކުރުވާ ދީނެއް ކަމަށް ބަލައިގަނެވެ އެވެ. މިހާ ހިސާބުން ދީނުގައި ހަރާމް ވެފައިވާ ބައެއް ކަންކަމުގެ ލިސްޓު ހަދައި ބަލައިލާ އިރު މިއިން ކޮންމެ ކަމެއްވެސް އޮންނަނީ އިންސާނާގެ އެދުންތަކާ ގުޅިފައި ކަމަށް ވާތީ އަދުއްވުންގެ އެ ވިސްނައިދިނުންތަކަށް ބާރު ލިބި އެ މީހުންނަށް ކާމިޔާބު ވެ އެވެ.
އެކަމަކު، މިފަދަ ކަންކަމާ މެދު ވަރަށް މުހިންމު ހަގީގަތްތަކެއް މި ދެންނެވި މުސްލިމުންނަށް ވަންހަނާ ވެގެން ދެ އެވެ. އެއީ މިފަދަ ކަންކަން އިސްލާމް ދީނުގައި ޙަރާމް ކުރާއިރު މިއިން ކޮންމެ ކަމަކާ އެކު އެ ކަމަކަށް އެ މީހާ ގެންދާ ސަބަބު ކަމުގައިވާ އިންސާނާގެ އެދުން ފުއްދައިދޭނެ އެހެން މަގުތައް ދީނުގައި ހުއްދަ ކުރެވިފައިވާކަން ހަނދާން ނެތުމެވެ. ނަމަވެސް އިސްލާމް ދީނުގައި ޒިނޭ ޙަރާމް ކޮށްފައިވާއިރު ކައިވެނި ހަލާލު ކޮށްފައި ވެ އެވެ. ރާބުއިން ޙަރާމް ކޮށްފައިވާއިރު ހަލާލު އެހެން ބުއިންތައް ހުއްދަ ކުރައްވާފައި ވެ އެވެ. ވައްކަމާއި ފޭރުމާއި ރިބާ ޙަރާމް ކުރާއިރު ހުއްދަ ގޮތުގައި މަސައްކަތް ކޮށްގެން މުދަލާއި ފައިސާ ހޯދޭނެ ވަރަށް ގިނަ މަގުތައް ދައްކާފައިވެ އެވެ. ދީނުގައި ޙަރާމް ކުރެވިފައިވާ މަދު ކަންތައްތަކެއް ޙަރާމް ކުރެވިފައި އެ ވަނީ އިންސާނީ މަސްލަހަތަށްޓަކަ އެވެ. އެކަމުން އިންސާނާ އަށް ފަރުދީ ގޮތުންނާއި ޖަމާއަތުގެ ގޮތުން ލިބޭ ގެއްލުންތަކަކުން ސަލާމަތް ވުމަށްޓަކަ އެވެ. އޭނާގެ ދުނިޔޭގެ ބާއްޖަވެރި ކަމުގެ އިތުރަށް އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ވެސް މެ އެވެ.
މިފަދަ ހަގީގަތްތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫން ނަމަ ދީނުގެ އަދުއްވުން އިސްލާމް ދީނާ މެދު އުފައްދާ ތަފާތު ޝުބުހާތަކުގެ ތެރެއަށް މުސްލިމުން ގޮސް ގެއްލިދާނެ އެވެ. މުސްލިމުންގެ ސައްހަ ޢަޤީދާގެ މަތީގައި އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ތިބުމަކީ އަދުއްވުންނަށް އެހާ ހިތްހަމަޖެހޭ ކަމެއް ކަމުގައި ނުވާނެ އެވެ. ސަބަބަކީ އެހެން ދީންތަކާ ޚިލާފަށް އިސްލާމްދީނަކީ ހަމައެކަނި އިންސާނާއާ ކަލާނގެއާ ދެމެދު އޮންނަ ޚާއްސަ ގުޅުމެއްގެ މައްޗަށް އެކަނި އޮންނަ ދީނަކަށް ނުވާތީ އެވެ. އޭގެ ބަދަލުގައި ދިރިއުޅުމުގެ ހުރިހާ ކަމެއް އޭގައި ޝާމިލުވާތީ އެވެ. މިހެން ވުމުން ވާ ގޮތަކީ މާއްދީ ގޮތުން ބަލާއިރު އެ މީހުންގެ ބައެއް ކަހަލަ އުފެއްދުންތަކާއި އޭގެ ވިޔަފާރި އަށް އެޅޭ ހުރަހެއް ކަމުގައި ބައެއް ހާލަތްތަކުގައި ވެގެންދެ އެވެ. އަނެއްބައި ހާލަތްތަކުގައި އެ މީހުން މިނިވަންކަމާ އެކު ކުރަން ބޭނުންވާ ބައެއް ކަންކަން މުސްލިމުންނާ އެކުގައި ކުރެވެން ނެތުން ހިމެނެ އެވެ. އެހެންކަމުން މުސްލިމުންގެ ޚާއްސަކޮށް ޒުވާނުންގެ ޢަޤީދާ އާއި އަޚުލާގު ބަދަލުކުރުމަށް ހުރިހާ ބާވަތެއްގެ ވަސީލަތްތަކާއި އުކުޅުތައް ބޭނުން ކުރަމުން ގެންދެ އެވެ. މުސްލިމުންގެ ތައުލީމީ ނިޒާމުގެ ތެރެއަށް ވެސް އެ ބައިމީހުން ބާރު ފޯރުވޭތޯ މަސައްކަތް ކުރަމުން ގެންދެ އެވެ.
ނަތީޖާއެއްގެ ގޮތުން އިސްލާމްދީނަށް ވާގިވެރިވާނެ ޒުވާނުން އުފެދުމަށް ހުރަސް އެޅެ އެވެ. މުސްލިމުންގެ ތެރެއިން މަދުބަޔަކު ދީނަށް ނަސްރުދީ ވާގިވެރިވިޔަސް ބައެއް މުސްލިމުންނަށް މި ކަމަކީ މާ މުހިންމު ކަމަކަށް ނުވެ އެވެ. ދީނަށްޓަކައި ގުރުބާނެއް ވުމުގެ ރޫހެއް މިފަދަ މީހުންގެ ކިބައިގައި ނުވެ އެވެ. ނަތީޖާއަކީ މުސްލިމުން ނިކަމެތިވެ އެމީހުންގެ ބަސް ވިއްސިވިހާލިވެ އެ މީހުންގެ އަދުއްވުންނަށް އެ މީހުންގެ މައްޗަށް ގަދަވެގަތުމުގެ ފުރުސަތު ލިބުމެވެ. މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ވެސް މުސްލިމުންނަށް ނިކަމެތިކަން ލިބުމެވެ.
ދީނުގެ އަދުއްވުންގެ މިފަދަ މަސައްކަތްތަކަށް ކާމިޔާބު ލިބެނީ ހަގީގަތުގައި އެ މީހުންގެ ސަބަބުންނަށް ވުރެ ބޮޑަށް މުސްލިމުންގެ ޢަޤީދާ ވަރުގަދަ ނުކުރެވޭތީ އެވެ. ދީނާ ބެހޭ ގޮތުން އޮޅުންފިލަން ޖެހޭ މުހިންމު ހަގީގަތްތައް ނުހޯދައި ތިބޭތީ އެވެ. ދީނަށް ލޯބިކޮށް، ދީނަށް ވާގިދިނުމަކީ އެ ކަމުގައި ޤުރުބާންތަކެއް ވާން ޖެހޭ ކަމެއް ކަމުގައިވާ އިރު އެކަން ނުކުރެވޭތީ އެވެ. އެހެންކަމުން ތިމާގެ އީމާންތެރިކަން ވަރުގަދަކުރަން ޖެހެ އެވެ. މިކަމަކީ ތިމާ އަމިއްލަ އިޚުތިޔާރުގައި ކުރާ ކަމަކަށް ހަދަން ޖެހެ އެވެ. ދީނީ ރޫހު ވަރުގަދަކޮށް، ދީނަށް ވާގިވެރިވުމަށްޓަކައި އިސްލާމް ދީނަކީ ފުރިހަމަދީނެއްކަން ދަންނަން ޖެހެ އެވެ. އެއީ ހަމައެކަނި ހައްގު ދީންކަން ތިމާ އެންމެ ފުރަތަމަ ގަބޫލު ކުރަން ޖެހެ އެވެ. ދީނާ މެދު އެނގެންޖެހޭ ކުރިން ފާހަގަކުރި ފަދަ ހަގީގަތްތައް ދެނެގަންނަން ޖެހެ އެވެ. އެހެން ނޫން ނަމަ އިސްލާމް ދީނަށް ލޯބިކޮށް، އެ ދީނަށް ނަސްރުދީ، ވާގިވެރިވުމުގެ ރޫހެއް ނުއުފެދޭނެ އެވެ.
ދީނީ ރޫހު ވަރުގަދަވެ، ދީނަށް ވާގިވެރި ވުމުގެ ސިފަ ނެތުމަކީ މިހާރު އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އެއް މައްސަލަ އެވެ. މީގެ ސަބަބުން މުސްލިމުންގެ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ރޫހު މިއަދު ވަނީ ގެއްލިފަ އެވެ. މުސްލިމުންނަށްޓަކައި ވާން ޖެހޭ ގުރުބާންވުންތަކަށް ފަސްޖެހުން މިއަދު ވަނީ އާންމުވެފަ އެވެ. ވީމާ މިކަމާ މެދު މުސްލިމުން ވިސްނައި ދީނީ ރޫހު ވަރުގަދަ ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. ދީނަށް ވާގިވެރިވުމާއި ދީނަށްޓަކައި ގުރުބާންވުމުގެ އަޒުމް ވަރުގަދަކުރަން މަސައްކަތް ކުރަން ޖެހެ އެވެ.