އިނގިރޭސި އެފްއޭ ހޫނުފެނަށް، އިތުބާރު ނެތްކަމުގެ ވޯޓަކާ ދިމާލަށް
އިނގިރޭސި އެފްއޭ ހޫނުފެނަށް، އިތުބާރު ނެތްކަމުގެ ވޯޓަކާ ދިމާލަށް

ލަންޑަން (ފެބްރުއަރީ 8) - އިނގިރޭސި އެފްއޭގެ ހިންގުމަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް ސަރުކާރުގެ ތާއީދު ނުލިބިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެފްއޭގެ ޗެއާމަން ގްރެގް ކްލާކް ވިދާޅުވެއްޖެ އެވެ.

ކްލާކް މިހެން ވިދާޅުވީ އިނގިރޭސި އެފްއޭ މިހާރު ހިންގާ ގޮތާ މެދު ހިތްހަމަނުޖެހޭތީ، މާދަމާ ހައުސް އޮފް ކޮމަންސްގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ ބަހުސަކަށް ތައްޔާރުވަމުން އަންނަނިކޮށެވެ.

އެފްއޭގެ ހިންގުމާ މެދު އިތުބާރު ނެތް ކަމުގެ ވޯޓަކަށްދާން ޖެހުނީ މިދިޔަ ދެ އަހަރު އެފްއޭގެ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާތީ އިނގިރޭސި ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުންގެ ސަޕޯޓާ އެކު ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޑެމިއަން ކޮލިންސް ހުށަހެޅި ރިޕޯޓްތަކާ ގުޅިގެންނެވެ.

ކްލާކް ވިދާޅުވީ އެފްއޭ އަށް އެކަށީގެންވާ ރަނގަޅު ޕްލޭންތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަންތައް ކުރެވޭނީ ސަރުކާރުގެ ސަޕޯޓް ލިބިގެން ކަމަށާއި ހައުސް އޮފް ކޮމަންސްގައި ނަގާ ވޯޓުން އެފްއޭއާ އިދިކޮޅަށް އައިސްފިނަމަ އިނގިރޭސި ފުޓްބޯޅަ އަށް ގެއްލުން ވާނެ ކަމަށެވެ.

"އަހަރެމެން ވާނީ އެފްއޭ އަށް ގެންނަން ބޭނުންވާ ބަދަލުތައް ސްޕޯޓްސް މިނިސްޓްރީ އަށް ހުށަހަޅާފައި. ސްޕޯޓްސް މިނިސްޓްރީގެ ވެސް ތާއީދު އެބައޮތް. އެކަމަކު މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހައުސް އޮފް ކޮމަންސްގައި އޮތް ނޯ ކޮންފިޑެންސް ވޯޓު. އޭގެ އިން ސަރުކާރުގެ ރުހުން އެފްއޭ އަށް ނެތިއްޖެނަމަ އަހަރެން މަގާމުގައި ހުރުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާނަން،" ކްލާކް ވިދާޅުވި އެވެ.

އެފްއޭގެ އިސް މަގާމުތަކުގައި ކުރިން ހުރި ފަސް ފަރާތަކުން ވަނީ މިހާރު އެފްއޭގެ ހިންގުމުގެ ފެންވަރު ދަށްވެފައިވާ ކަމަށާއި އެކަމަށް އަވަސް ބަދަލެއް ނުގެނެސްފިނަމަ އިނގިރޭސި ފުޓްބޯޅައިގެ ފެންވަރު ހީނުކުރާހާ ދަށަށް ދާނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސި އެފްއޭގެ ކުރީގެ ޗެއާމަން ގްރެގް ޑައިކް ވިދާޅުވީ އެފްއޭގެ ސިސްޓަމަށް ބަދަލެއް ގެންނަން މިހާރު އެފްއޭގައި ތިބި މެންބަރުން ނުކުޅެދިފައިވާ ކަމަށާއި މިއީ ސަރުކާރުން މި ކަމަށް ހައްލެއް ހޯދަންވީ ވަގުތު ކަމަށެވެ.

"އަހަރެމެންނަށް އެބަފެނޭ ސަރަހައްދީ ފެންވަރުގައި އިނގިރޭސި ފުޓްބޯޅަ ދަށަށްދާ މިންވަރު. އިނގިރޭސި ޕްރިމިއާ ލީގު ފައިސާގެ ގޮތުން އަހަރަކަށް ވުރެ އަހަރެއް މައްޗަށް ދިޔަ ނަމަވެސް އިނގިރޭސި ގައުމީ ޓީމަށާއި ކްލަބްތަކަށް ސަރަހައްދީ މުބާރާތްތަކުގައި ކާމިޔާބެއް ނުލިބޭ. މީގެ ޒިންމާ އެފްއޭ އިން ނަގަން ޖެހޭ،" ޑައިކް ވިދާޅުވި އެވެ.

އެފްއޭގެ ކުރީގެ މެންބަރު ޑޭވިޑް ބާންސްޓެން ވިދާޅުވީ އިނގިރޭސި ފުޓްބޯޅައިގެ ގްރާސްރޫޓް ސިސްޓަމުގައި ވެސް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކެޑަމީ ލެވެލުން ފެށިގެން ސީނިއާ ޓީމުތަކާ ހަމައަށް ކުޅުންތެރިން އަންނަ ނިސްބަތް މަދުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ފޯމެޓާއި ގަވައިދުތަކަކީ ވެސް ވަރަށް ކުރީގެ އުސޫލުތަކަކަށް ބަލައިގެން ހަދާފައި އޮތް އެއްޗެއް ކަމަށާއި އެއަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށް ބާންސްޓެން ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ގައުމީ ޓީމަށް ފެންވަރު ރަނގަޅު ކޯޗެއް ހޯދުމަށް ވެސް އެފްއޭ އިން ނުކުޅެދިފައިވާ ކަމަށާއި މިކަމުގެ ސަބަބުން އިނގިރޭސި ފުޓްބޯޅަ އަށް އޮތް ސަޕޯޓް ވެސް މަދުވަމުންދާކަން ވެސް ބާންސްޓެން ވަނީ ފާހަގަކުރައްވައިފަ އެވެ.