ފޭސްބުކުން މާކް ޒުކަބާގް ބޭރުވާން ހިއްސާދާރުން ބޭނުންވޭ
ފޭސްބުކުން މާކް ޒުކަބާގް ބޭރުވާން ހިއްސާދާރުން ބޭނުންވޭ

ފޭސްބުކް ބޯޑުގައި މާކް ޒުކަބާގް ބާރުވެރި ރޯލެއް އޮންނަހާ ހިނދަކު ދެމެހެއްޓެނިވި ހަރުދަނާކަމެއް ކުންފުންޏަށް ނާންނާނެ ކަމަށް ބުނެ، ހިއްސާދާރުންގެ ތެރެއިން ބަޔަކު އިލްތިމާސެއް ހުށަހަޅައިފި އެވެ. އެ މީހުން ދެކޭ ގޮތުގައި، ދެ ފުށް ފެންނަ ގޮތަށް ކުންފުނި ހިންގުން ބިނާވާނީ ޒުކަބާގް މިކަމުގައި ނިންމަވާ ގޮތެއްގެ މައްޗަށެވެ.

ހިއްސާދާރުން ދެކޭ ގޮތުގައި ފޭސްބުކަށް ކޮންހެން ގެންނަން ނުޖެހޭ އުސޫލުތަކެއް ކުންފުންޏަށް ވައްދައި ބީރައްޓެހި ކުރުވައިފި އެވެ. ކުންފުނި ހިންގުމުގައި ހިއްސާދާރުން ދޭ ލަފަޔަށް އަމަލުކުރާ މިންވަރު ލޮލަށް ނުފެންނަ ވަރަށް ކުޑަވެއްޖެ ކަމަށް އެ މީހުން ބުނެ އެވެ.

ދެމެހެއްޓެނިވި ގޮތުގައި ފޭސްބުކް ހިންގަން ވަކި ފަރާތަކަށް ނުޖެހޭ ބޯޑެއް އޮންނަން ޖެހޭ ކަމަށް ހިއްސާދާރުން ދެކެ އެވެ. އަދި އެއީ ކުންފުނީގެ ސީއީއޯ އަށް ފުރިހަމަ އަށް އެއްބާރުލުން ދީ މަގު ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށް އެ މީހުން ބުނެ އެވެ.

ކުންފުނީގެ ބޯޑު ވަކި އަތަކަށް ޖެހުމަކީ ނުރައްކާ ކަމެއްގެ ގޮތުގައި ފާހަގަކޮށް، ހިއްސާދާރުންގެ ގުރޫޕުން ބުނީ އެއީ ހިއްސާދާރުންނަށް ލިބެންޖެހޭ ބައި ފުރިހަމަ އަށް ލިބިދިނުމަށް ވެސް މުހިންމު އަސާސެއް ކަމަށެވެ. ހިއްސާދާރުންނާ އެކު ހަމަހަމަ އުސޫލު ގާއިމުކުރާނެ ކަމަށް ބޯޑުން އެއްބަސްވެ ސޮއިކޮށްފައިވާ ކަމަށް ބުނެ އެކަން ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.

ޒުކަބާގް އިސްވެ ހުންނަވައިގެން ފޭސްބުކް ބޯޑު މިހާރު ހިންގާ ގޮތް ކަމުނުދާ ކަމަށް ހިއްސާދާރުން ބުނެ އެވެ. ހިއްސާދާރުންގެ މެދުގައި އޮތް ނުތަނަވަސްކަން ފިލައިދާނީ މާކް ޒުކަބާގް އަމަލުކުރައްވަން ބޭނުންފުޅު ގޮތެއްގެ މަތީގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ވަކި ގޮތެއް އިޚުތިޔާރުކުރެއްވުމަށް ފުރުސަތު އަދި ވެސް އޮތް ކަމަށް އެ މީހުން ބުނެ އެވެ.