އެއް އޯނާޝިޕެއް އޮންނަ ޓީމުތަކުގެ ލޯނު ޓްރާންސްފާ ހުއްޓުވަން ޕްރިމިއާ ލީގުން ނުކުމެއްޖެ
އެއް އޯނާޝިޕެއް އޮންނަ ޓީމުތަކުގެ ލޯނު ޓްރާންސްފާ ހުއްޓުވަން ޕްރިމިއާ ލީގުން ނުކުމެއްޖެ

އެކި ގައުމުތަކުގައި އެއް އޯނާޝިޕެއްގެ ދަށުން ހިންގާ ކްލަބްތަކުގެ މެދުގައި ކުޅުންތެރިން ލޯނު އުސޫލުން ޓްރާންސްފާ ކުރުން ވަގުތީގޮތުން ހުއްޓުވަން އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުން ތައްޔާރުވެއްޖެ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ހިންގާ ނިއުކާސަލް ޔުނައިޓެޑަށް، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ކުޅޭ ކުރީގެ ވުލްވްސްގެ ކެޕްޓަން ރުބެން ނެވޭސް، 26، ޖެނުއަރީގައި ލޯނު އުސޫލުން ދޫކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ސައުދީ ޕީއައިއެފް އަކީ ނިއުކާސަލް އާއި ހިލާލްގެ ވެސް މައި ހިއްސާދާރެވެ.

ޖޫން މަހު ނެވޭސް ހިލާލަށް ބަދަލުވެފައި ވަނީ 47 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނިއުކާސަލް އިން އޭނާ ގެންދަން މަސައްކަތް ކުރަނީ، އެޓީމުގެ އިޓަލީ މިޑްފީލްޑަރު ސަންދްރޯ ޓޮނާލީ ގަވާއިދާ ހިލާފަށް ބެޓް ކުރުމުގެ ހަރަކާތްތަކެއް ހިންގާފައި ވާތީ އޭނާ 10 މަހަށް ސަސްޕެންޑް ކޮށްފައި ވާތީ އެވެ.

ކުޅުންތެރިން ލޯނަށް ދޫކުރުމުގެ މި އުސޫލު ވަގުތީގޮތުން ހުއްޓުވަން، ޕްރިމިއާ ލީގުގައި ކުޅޭ 20 ކްލަބްތަކުގެ ތެރެއިން މަދުވެގެން 14 ކްލަބުގެ ވޯޓު ބޭނުންވެ އެވެ. ވޯޓުލުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު ހިއްސާދާރުންނާ އެކު ބާއްވާ ބައްދަލުވުމެއްގަ އެވެ.

ކުޅުންތެރިން ލޯނަށް ދޫކުރާ އުސޫލު ވަގުތީގޮތުން ބަދަލު ކުރެވުނަސް، މި ސީޒަނަށް ފަހު ޓްރާންސްފާ ބާޒާރު ހުޅުވުމުގެ ކުރިން މިކަމަށް ދާއިމީ ހައްލެއް ހޯދާނެ އެވެ.