ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު ދަންމާލަން ނިންމުން ގޯސް: އިންތިހާބީ ރައީސްގެ އޮފީސް
ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު ދަންމާލަން ނިންމުން ގޯސް: އިންތިހާބީ ރައީސްގެ އޮފީސް

ޕީއެސްއައިޕީ މަޝްރޫއުތައް ނިންމަން ދީފައިވާ މުއްދަތު އިތުރު ހަ މަސް ދުވަހަށް ދަންމާލަން އިކޮނޮމިކް ކައުންސިލުން ނިންމި ނިންމުން ގޯސް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.

އިކޮނޮމިކް ކައުންސިލުން ނިންމީ ކޮންޓްރެކްޓަރުންނަށް ކޮވިޑުގެ ހާލަތާ ގުޅިގެން ދިމާވި އެކި ދަތިތަކަށް ލުޔެއް ހޯދައިދޭން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާންކުރި ފަހުން އަދި މިދިޔަ މެއި 30 ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައިވެ އެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރަން ނިންމުމަކީ އިކޮނޮމިކް ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އަދި އެގޮތަށް މުއްދަތު އިތުރު ކުރުމަކީ ފިނޭންސް މިނިސްޓްރީ އަށް ވެސް އޮތް ބާރެއް ނޫން ކަމަށެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރު ކުރެވޭނެ ގޮތްތައް މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެގޮތަށް މުއްދަތު އިތުރު ކުރާ ހާލަތުގައި ވެސް އެކަން ކުރަން ޖެހޭނީ ވަކިވަކި މަޝްރޫއުތައް ވަކިން ބަލާ ރިވިއުކޮށްގެން ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި މުއްދަތު އިތުރު ކުރާއިރު ކޮންޓްރެކްޓަރުގެ އިހުމާލު ހިނގާފައިވާ މުއްދަތެއް ނޫންކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ ވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ހައިސިއްޔަތު ލިބިގެންވާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެނގެން ނެތް ދަތިތަކެއް ކަމަށް ބަލައި އެ ދަތިތަކަށް ލުއެއް ދޭން މުއްދަތު އިތުރު ކުރުމަކީ ދައުލަތަށް ގެއްލުންވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވި ދަތިތަކާ ގުޅިގެން ހުރަސްއެޅުނު މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމަން އެކަށީގެންވާ ވަގުތު ލިބިފައިވާ ކަމަށެވެ.

"ބްލޭންކެޑް ނިންމުމެއް ގޮތުގައި މިކަން މިގޮތަށް ނިންމިގެން ދިޔުމަކީ ކަންބޮޑުވާކަމެއް. އަދި މިއީ އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ދަތިވެ ދައުލަތަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށްވާތީ އެކަން ހުއްޓުވުމަށް ގާނޫނުގެ ދަށުން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ފިރުޒުލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ހަ މަސް ދުވަހަށް މުއްދަތު އިތުރުކޮށްދޭނީ އެކަމަށް އެދޭ ކުންފުނިތަކަކަށް ކަމަށެވެ. މިނިސްޓްރީން ވަނީ މުއްދަތު އިތުރުކުރަން އެދޭ ކުންފުނިތަކަށް، ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ހުއްދަދީ، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަޕްޑޭޓްކުރަން އަންގައިފަ އެވެ.